Advertisement

ސައުތުގޭޓް، އިންގްލެންޑްގެ ޕެނަލްޓީތަކުގެ ޒިންމާ ނަގައިފި

12 ޖުލައި 2021 - 12:05 1


ސައުތުގޭޓް، އިންގްލެންޑްގެ ޕެނަލްޓީތަކުގެ ޒިންމާ ނަގައިފި

12 ޖުލައި 2021 - 12:05 1

ލަންޑަން (ޖުލައި 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ރޭ ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން އިންގްލެންޑް ބަލިވިއިރު، އެ ޓީމުގެ ޕެނަލްޓީތައް ޖަހަން ކުޅުންތެރިން ކަނޑައެޅީ އޭނާ ކަމަށާއި ބަލިވުމާއި އެ ހުރިހާ ކަމެއްގެ ޒިންމާ ނަގާ ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އިންގްލެންޑުން އަމިއްލަ ގައުމުގައި 1996 ވަނަ އަހަރު ބޭއްވި ޔޫރޯގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވީ ޖަރުމަނާ ދެކޮޅަށް ސައުތުގޭޓް ފޮނުވާލި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.

މި ފަހަރުގެ ޔޫރޯގެ ފައިނަލުގައި ރޭ ޕެނަލްޓީއާ ދިމާކޮށް ސައުތުގޭޓް ވަނީ ޖޭޑަން ސަންޗޯ އާއި މާކަސް ރެޝްފޯޑް ކުޅެން އަރުވައިފަ އެވެ. އެއީ ޕެނަލްޓީ އަށް ހާއްސަކޮށް ކުރި ދެ ބަދަލެވެ. އިންގްލެންޑް ބަލިވީ ފަހު ތިން ޕެނަލްޓީ ކާމިޔާބު ނުކުރެވިގެންނެވެ. ތިން ވަނަ ޕެނަލްޓީ ރެޝްފޯޑް ފޮނުވާލި ނަމަވެސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. ހަތަރު ވަނަ ޕެނަލްޓީގައި ސަންޗޯ ފޮނުވާލި ބޯޅަ އިޓަލީގެ ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ. އިންގްލެންޑްގެ ފަސް ވަނަ ޕެނަލްޓީ ޖަހަން ދިޔައީ އުމުރުން 19 އަހަރުގެ ބުކާޔޯ ސަކާ އެވެ. އޭނާ ޖެހި ޕެނަލްޓީ ޑޮންނަރުންމާ މަތަކުރިއިރު، މެޗުން ވެސް އިޓަލީ މޮޅުވީ އެވެ. ސަކާ އަކީ ވެސް ބަދަލެއްގެ ގޮތުގައި އެރި ކުޅުންތެރިއެކެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތިން ކުޅުންތެރިން ލައްވައި ފަހު ތިން ޕެނަލްޓީ ޖެހުމާއި ފަހު ޕެނަލްޓީ ޖަހަން ތަޖުރިބާކާރު އަދި ފައިނަލް މެޗުގައި ގިނަ ވަގުތު ކުޅުނު ކުޅުންތެރިއަކު ނުނެގީތީ ސައުތުގޭޓަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

"ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ނަގަނީ އަހަރެން. އެއީ ޓްރެއިނިން އަށް ބަލާފައި އަހަރެން ކުރާ ކަމެއް. އެެއީ ކުޅުންތެރިން އަމިއްލަ އަށް ނިންމާ ނިންމުމެއް ނޫން. މީގެ ނަސީބުގެ އެހީ ލިބޭ ފަހަރާއި ނުލިބޭ ފަހަރު އަންނާނީ. މީގެ ވަކި ކުޅުންތެރިއަކުގެ ބޮލުގައި ކަމެއް އަޅުވަން ނެތިން. ޕެނަލްޓީގެ ޒިންމާ އަދި މި ނަތީޖާގެ ޒިންމާ އަހަރެން ނަގަން،" ސައުތުގޭޓް ބުންޏެވެ.

ސައުުތުގޭޓް ބުނީ ސަކާ އަތުން އެ ޕެނަލްޓީ ނާކާމިޔާބު ވުމަކީ ހުރިހާ ކަމެއްގެ ނިމުމެއް ނޫން ކަަމަށާއި ފުޓްބޯޅަ ކެރިއަރުގައި ގިނަ ކަންތައްތަކެއް ހާސިލްކުރެވޭނެ ފަދަ ހުނަރު ސަކާގެ ކިބައިގައި އެބަހުރި ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން އަދި އަޔަލެންޑްގެ ކުރީގެ ކުޅުންތެރިޔާ ރޯއީ ކީން ބުނީ ސަކާ ލައްވައި ފަހު ޕެނަލްޓީ ޖެހުމުގެ ބަދަލުގައި އިންގްލެންޑުން އެކަން ކުރަން ޖެހޭނީ ޖެކް ގްރީލިޝް ނޫނީ ރަހީމް ސްޓާލިން ލައްވައި ކަމަށެވެ. އޭގެ ބަދަލުގައި ސަކާއާ ހަވާލުކުރީ އޭނާ އަށް ޕްރެޝަރު ބޮޑު ޒިންމާއެއް ކަމަށެވެ.

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނީ ޕެނަލްޓީ ޖަހައިގެން ބަލިވުމުން ފުން ހިތާމައެއް ކުރަން ޖެހުނު ކަމަށާއި އަމިއްލަ ގައުމުގައި ކުޅޭ ބޮޑު މުބާރާތެއްގައި ކާމިޔާބު ހޯދަން ބަލާއިރު މި ގެއްލުނީ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އެކަމަކު މުޅި މުބާރާތަށް ބަލާއިރު މުޅިން އަލަށް ޔޫރޯގެ ފައިނަލެއް ކުޅެލުން އެއީ ކުރިއެރުމެއްގެ ގޮތުގައި ތާރީހުން ފެންނަން އޮންނާނެ ކަމަށް ކޭން ބުންޏެވެ.