Advertisement

ވިމްބަލްޑަންގެ ތަށި އުފުލާލައި ޖޮކޮވިޗް ބޮޑު ރެކޯޑާ ހަމަކޮށްފި

12 ޖުލައި 2021 - 01:57 0

ޖޮކޮވިޗް ވިމްބަލްޑަން ތަށްޓާ އެކު.-- ފޮޓޯ: އޭއެފްޕީ


ވިމްބަލްޑަންގެ ތަށި އުފުލާލައި ޖޮކޮވިޗް ބޮޑު ރެކޯޑާ ހަމަކޮށްފި

12 ޖުލައި 2021 - 01:57 0

ލަންޑަން (ޖުލައި 12) - ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހަ ވަނަ ފަހަރަށް ހޯދައި ސާބިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް، 20 ގްރޭންޑް ސްލޭމް ތަށި ހަމަކޮށް ޓެނިހުގެ ދެ ލެޖެންޑުން ކަމަށްވާ ސްޕެއިނުގެ ރަފައެލް ނަޑާލާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާގެ ރެކޯޑާ ހަމަކޮށްފި އެވެ.

ޖޮކޮވިޗާ ދެކޮޅަށް މިރޭގެ ފައިނަލުގައި ރަނގަޅު ކުޅުމެއް ދެއްކި އުމުރުން 25 އަހަރުގެ ބެރެޓީނީ އަކީ 1976 ވަނަ އަހަރަށް ފަހު ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ އިޓަލީ ކުޅުންތެރިޔާ އެވެ.

ފަނަރަ ހާސް ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ސެޓުތައް ދިޔައީ 6-7 (4-7) 6-4 6-4 6-3 އިންނެވެ. ޖޮކޮވިޗަށް ގޯސްކޮށް އެއް ސެޓު ދިޔަ ނަމަވެސް ޖުމްލަކޮށް ބަލާއިރު، އޭނާ ވަނީ ތަޖުރިބާގެ ބޭނުންކޮށްގެން ބެރެޓީނީގެ މައްޗަށް ރަނގަޅު މޮޅެއް ހޯދައިފަ އެވެ.

ދުނިޔޭގެ ރޭންކިން އެއް ވަަނައިގައި އޮތް ޖޮކޮވިޗް ވަނީ މި ފަހަރުގެ މިހާތަަނަށް ތިން ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފަ އެވެ. މިއީ ޓެނިހުގެ އޯޕަން އެރާގައި ކުޅުންތެރިއަކު އެކަން ހާސިލްކުރި ތިން ވަނަ ފަހަރެވެ.

ޖޮކޮވިޗް ބުނީ ވިމްބަލްޑަން ކާމިޔާބު ކުރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

"އުމުރުން ހަތް އަހަރުގައި އަހަރެން ސާބިއާގައި އުކާލެވޭ ތަކެތި ބޭނުންކޮށްގެން އަމިއްލަ އަށް ވިމްބަލްޑަން ތަށި ހެދީ. މިހާރު މި ހުރީ އެ މުބާރާތުގެ ތަށި ހަ ވަނަ ފަހަރަށް ހޯދައިގެން ތި އެންމެން ކުރިމަތީގައި،" ޖޮކޮވިޗް ބުންޏެވެ.

އެ ހުރިހާ ކަމަކަށް ވުރެ އުމުރުން 34 އަހަރުގެ ޖޮކޮވިޗް މި ވަގުތު އެންމެ އުފާވާނީ ފެޑެރާ އާއި ނަޑާލްގެ ގްރޭންޑް ސްލޭމް ރެކޯޑާ ހަމަކުރެވުމުންނެވެ. ނަޑާލާއި ފެޑެރާ އަށް ފާއިތުވި އަހަރުތަކުގައި ގިނަ އަނިޔާގެ މައްސަލަތަކެއް ދިމާވަމުން އަންނައިރު، ގްރޭންޑް ސްލޭމްގެ ރެކޯޑް ޖޮކޮވިޗް މުގުރާލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

"ފެޑެރާ އާއި ނަޑާލް އަކީ މި ކުޅިވަރުގައި އެ ފަދަ ދެ ވަނައެއް ނުވާނެ ފަދަ މޮޅު ތަރިން. އަހަރެން މި ހިސާބަށް އައުމުގައި އެ މީހުންގެ ހިއްސާ ވެސް ބޮޑު. ފިޒިކަލީ މެންޓަލީ އަހަރެން އެންމެ މަތީ ލެވަލްގައި ފިޓްވެގެން މޮޅަށް ކުޅެން ހިތްވަރު ލިބުނީ އެ ކުޅުންތެރިން ވެސް އެ ލެވަލްގައި ޕާފޯމްކުރާތީ،" ޖޮކޮވިޗް ބުންޏެވެ.

ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށް ފެޑެރާ ވަނީ ޖޮކޮވިޗްގެ ކާމިޔާބީ އަށް މަރުހަބާ ކިޔައިފަ އެވެ.

ގްރޭންޑް ސްލޭމްގެ ރެކޯޑާ އެކު ޖޮކޮވިޗް ދެން މި ފަހަރު އަމާޒުހިފާފައިވަނީ މި މަހު ފަށާ އޮލިމްޕިކްސް އަށެވެ. އެއް އަހަރެއްގެ ހަތަރު ގްރޭންޑް ސްލޭމް އާއި އޮލިމްޕިކްސް އެންމެ ފަހުން ކާމިޔާބުކުރީ 1988 ވަނަ އަހަރު ޖަރުމަނުގެ ސްޓެފީ ގްރާފް އެވެ. ޖޮކޮވިޗަށް މި ފަހަރު އެ ރެކޯޑާ ވެސް ހަމަކުރެވިދާނެ އެވެ.