Advertisement

މަހުގެ ހަމަ އަގުގެ މައްސަލަ ހައްލު ވާނީ އިންވެސްޓްމަންޓުތައް ކާމިޔާބުވުމުން

11 ޖުލައި 2021 - 20:34 1

އަމަން ހަލީމް

އަމަން ހަލީމް

ދޯންޏަކުން މާލޭގެ މަސް މާރުކޭޓަށް މަސް ގެންދަނީ: މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރަން ގިނަ އިންވެސްޓްމަންޓްތަކެއް ސަރުކާރުން އަންނަނީ ކުރަމުން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


މަހުގެ ހަމަ އަގުގެ މައްސަލަ ހައްލު ވާނީ އިންވެސްޓްމަންޓުތައް ކާމިޔާބުވުމުން

11 ޖުލައި 2021 - 20:34 1

ރާއްޖޭގެ ކަނޑުތަކުން ބާނާ މަހަށް ދުނިޔޭގެ ބާޒާރުގައި ހަމަ އަގު ލިބޭނީ މަސް ޕްރޮސެސް ކުރަން ސަރުކާރުން ކުރާ އިންވެސްޓްމަންޓްތައް ކާމިޔާބު ވެގެން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ އެންމެ ޒަމާންވީ އެއް ޝަކުވާއަކީ ބާނާ މަހަށް މަސް ގަންނަ ކުންފުނިތަކުން ހަމަ އަގު ނުލިބޭ ކަމެވެ. އަދި އެކި ސަރުކާރުތަކުން މަސްވެރިންގެ ކަންކަން ހައްލު ކުރަން ވައުދުތަކެއް ވީނަމަވެސް، މިއަދާ ހަމައަށް ވެސް މަސްވެރިންނާ ގުޅޭ ގިނަ ކަންކަމުގައި ހައްލެއް ނުލިބޭ ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ.

މިކަން ހައްލުކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅިގެން ޑރ. ހުސެއިން "އަދަދު"އަށް ވިދާޅުވި ގޮތުގައި، ރާއްޖޭގައި މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ މައްސަލަ އޮތީ ގިނަ މައްސަލަތަކާ ގުޅިފަ އެވެ. އޭގެ ތެރޭގައި ރާއްޖެއިން މަސް ބޭރުކުރާ ގޮތާއި، ވާދަވެރި ގައުމުތަކުން މަސްވެރިކަން ކުރާ ގޮތާއި، މަސް ޕްރޮސެސް ކުރުމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތައް ހިމެނެ އެވެ.

މި ހުރިހާ މައްސަލަތަކުގެ ތެރެއިން ވެސް އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގައި މަސް ޕްރޮސެސް ކުރުމަށް ދިމާވެފައިވާ މައްސަލަތައް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ ވެސް މިއީ ކަމަށް ވިދާޅުވި އެވެ.

މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރަން ސަރުކާރުން ކުރަމުން އަންނަ މައިގަނޑު އިންވެސްޓްމަންޓަކީ ފެލިވަރާއި އައްޑޫސިޓީ ހުޅުމީދޫގައި ހުރި މިފްކޯގެ ޕްލާންޓްތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސް ގަނޑުކޮށްފައި ރައްކާ ކުރެވޭ މިންވަރު އިތުރުކުރަން ހިންގަމުންދާ މަޝްރޫއުތަކެވެ.

އެގޮތުން މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ އިތުރުކުރަން ބޭނުންވާ ވަސީލަތްތައް ގާއިމުކުރަން އިންވެސްޓްމަންޓްތައް ކުރުން ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ.

އެކަމަކު އެކަމަށް ވެސް ގިނަ ގޮންޖެހުންތަކެއް ހުރި ކަަމަށް ވިދާޅުވި އެވެ.

މި ގޮންޖެހުތައް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރަށް މަޖުބޫރުވެފައި އޮތީ ބޭރުން އެހީތެރިކަން ހޯދައިގެން މި މަޝްރޫއުތައް ހިންގުން ކަމަށް ވާއިރު، އެކި ގައުމުތަކުން އެހީތެރިކަން ހޯދައިގެން ހިންގާ މަޝްރޫއުތައް ތަންފީޒުކުރަން ހުރަސްތައް އެބަހުރި ކަމަށެވެ.

އަދި މި މަޝްރޫއުތައް ހިންގަން ބީލަން ހުށަހެޅުމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޯށްދޭ ގައުމުތަކުން ގެންގުޅޭ އުސޫލުތަކުގެ ސަބަބުން އެންމެ އެދެވޭ ދުވެލީގައި މަސައްކަތްތައް ކުރިޔަށް ނުދާ ކަން ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ މިސާލެއްގެ ގޮތުގައި ނެންގެވީ ގއ. ކޫއްޑޫ އަދި ކ. ކަނޑުއޮތްގިރީގެ ހާބަރު އަޕްގްރޭޑް ކުރަން އިއުލާންކޮށްފައިވާ މަޝްރޫއު އެވެ. މި މަޝްރޫއަކީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގެ ދަށުން ކުރިޔަށްދާ މަޝްރޫއަކަށް ވާތީ، ބީލަން ހުށަހެޅުމާ ގުޅޭ އުސޫލުތައް ކަނޑައަޅަނީ އެ ފަރާތުންނެވެ. އަދި މަޝްރޫއުތަކަށް ސައުދީ ކުންފުނިތަކަށް ބީލަން ހުށަހަޅަން ޖެހެ އެވެ.

މި ސަބަބުތަކާ ހުރެ ސަރުކާރުން ބޭނުންވާ ދުވެލީގައި މަސައްކަތް ކުރިޔަށް ނުދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ކުރާ އިންވެސްޓްމަންޓްތަކުން މަސްވެރިންނަށް އެކަށީގެންވާ އަގެއް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭނުންވާ އިންފްރާސްޓްރަކްޗާއާ ހިދުމަތްތައް ގާއިމްކުރެވިގެން މަސްވެރިކަމުގެ މިހާރުގެ ހާލަތަށް ފިޓުވާ ގޮތަށް އަދި އެންމެ ރަނގަޅު ނަފާ މަސްވެރިކަމަށް ލިބޭ ގޮތަށް ކުރެވޭނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ކުރާނަން. ކުރުމުގެ މަރުހަލާގައި މިތިބީ" ޑރ. ހުސެއިން ވިދާޅުވި އެވެ.

މިކަންކަމުގެ އިތުރުން މަސްވެރިކަން ކުރަން ކުރަންޖެހޭ ހަރަދުތަކާއި މަސް ޕްރޮސެސް ކުރާ ކުންފުނިތަކުން މަހުގެ އުފެއްދުންތައް ބާޒާރަށް ގެންނަން ކުރާ ހަރަދުތައް ކުޑަކުރުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ހައްލަކީ މަސްވެރިކަމުގެ މުޅި ސިނާއަތް މިހާރަށް ވުރެ ރަނގަޅަށް ތަރުތީބު ކުރުން ކަމުގައިވާތީ، ފިޝަރީޒް މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ އެ މަގަށް ކަމަށް އޭނާ ވިދާޅުވި އެވެ.