Advertisement

ތަށި ނޫން އެއްޗެއް އިނގިރޭސިން ބޭނުމެއް ނުވޭ: ސައުތުގޭޓް

11 ޖުލައި 2021 - 15:58 0


ތަށި ނޫން އެއްޗެއް އިނގިރޭސިން ބޭނުމެއް ނުވޭ: ސައުތުގޭޓް

11 ޖުލައި 2021 - 15:58 0

ލަންޑަން (ޖުލައި 11) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ އިޓަލީއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ތަށި ނޫން އެއްޗެއް އިނގިރޭސިން ބޭނުމެއް ނުވާނެކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

މިއީ 55 އަހަރު ތެރޭ އިންގްލެންޑުން ބޮޑު މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ވާދަކުރި ބޮޑު މުބާރާތުގެ ފައިނަލަކީ 1966 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލެވެ. އެ ފަހަރު ވެސްޓް ޖާމަނީ ބަލިކޮށް އިންގްލެންޑުން ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އަމިއްލަ ގައުމުގައި 1996 ވަނަ އަހަރު އިންގްލެންޑުން ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ވަނީ ޕެނަލްޓީ ޖަހައިގެން ޖަރުމަނު އަތުން ބަލިވެފަ އެވެ. މި ފަހަރު އިންގްލެންޑުން ވަނީ ޖަރުމަނުގެ މައްޗަށް ދެ ވަނަ ބުރުގައި ކުރިހޯދައިފި އެވެ.

ޔޫރޯގެ ފައިނަލް މެޗު މިރޭ ކުޅޭނީ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތުގޭޓް ބުނީ ތަށި ހޯދަން އޭނާގެ ޓީމުން ކެތްމަދުވެފައިވާ ކަމަށެެވެ.

"އިނގިރޭސި ކޮންމެ މީހަކަށް މި ކާމިޔާބީ މުހިއްމުވާނެ. އަހަރެމެންގެ އެންމެން ވެސް ބޭނުންވަނީ ތަށި ހޯދަން. އަމިއްލަ ގައުމުގައި ކުޅޭ ފައިނަލެއްގައި ތަށި ނޫން އެއްޗެއް އިނގިރޭސިންނެއް ބޭނުމެއް ނުވާނެ،" ސައުތުގޭޓް ބުންޏެވެ.

ފައިނަލް މެޗާ ދިމާކޮށް އިނގިރޭސި ރާނީ އެލިޒަބަތާއި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ޓީމަށް ކާމިޔާބަށް އެދޭ ކަމަށް ވިދާޅުވެ، ޓީމަށް ހާއްސަ ސިޓީއެއް ފޮނުވައިފަ އެވެ. ސައުތުގޭޓް ބުނީ ތަފާތު އެކި އިސް މަގާމުތަކުގައި ތިބި މީހުންނާއި ކުދި ބޮޑު އެންމެން އެދޭ ކަމަކަށް ނުކުންނައިރު، ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއް އޮންނާނެ ކަމަށެވެ.

އެންމެ ފަހުން ވޯލްޑް ކަޕްގައި އިންގްލެންޑް ވަނީ ސެމީ ފައިނަލުގައި ބެލްޖިއަމް އަތުން ބަލިވެފަ އެވެ. މި ފަހަރުގެ ޔޫރޯގެ ފައިނަލުގައި ކުޅުމަކީ މި ވަގުތަށް ބަލާއިރު ވެސް އެންމެ ފަހުން ކުޅުނު މުބާރާތާ އަޅާކިޔާއިރު ކުރިއެރުމެކެވެ. އެކަމަކު، ސައުތުގޭޓްގެ ވިސްނުން ހުރީ ކާމިޔާބު ހޯދާށެވެ.

އެންމެ ފަހުން އިޓަލީއާ ދެކޮޅަށް ކުޅުނު 14 މެޗުގެ ތެރެއިން އިންގްލެންޑް މޮޅުވީ ދެ ފަހަރު އެވެ. އެ ދެ ފަހަރަކީ ވެސް އެކުވެރިކަމުގެ މެޗުތަކުގައި އިންގްލެންޑުން ހޯދި މޮޅެވެ. އެއީ 1997 ވަނަ އަހަރުގެ ޖޫން މަހު ހޯދި މޮޅާއި 2013 ވަނަ އަހަރުގެ އޮގަސްޓް މަހު ކުޅުނު މެޗުން މޮޅުވި މެޗެވެ.

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނީ މުބާރާތް ފެށުނުއިރު ވެސް އަމާޒަކީ ޔޫރޯ ކާމިޔާބު ކުރުން ކަމަށާއި ފައިނަލަށް ނުކުންނައިރު ވެސް އެ އަޒުމަށް ބަދަލެއް ނާންނަ ކަމަށެވެ.

"އިޓަލީ ވަރުގަދަ ވާނެކަން އެނގޭ. އަހަރެމެން ނުކުންނާނީ އެކަން ދަނެގެން މުޅި ގައުމު އަދި ސަޕޯޓަރުން އެދޭ ކާމިޔާބީ ހޯދަން،" ކޭން ބުންޏެވެ.

އިޓަލީ އެންމެ ފަހުން ކުޅުނު 33 މެޗުން ވެސް ބަލިވެފައި ނުވެ އެވެ. އިންގްލެންޑަކީ ޔޫރޯ ފައިނަލުގައި ކުޅޭ ތަފާތު 13 ވަނަ ޓީމެވެ. މީގެ ކުރިން މުޅިން އަލަށް ޔޫރޯ ފައިނަލުގައި ކުޅުނު ޓީމުތަކުގެ ތެރެއިން ތިން ޓީމު ފިޔަވާ އަނެއް ހުރިހާ ޓީމެއް ވަނީ ފުރަތަމަ ފައިނަލުން މޮޅުވެފަ އެވެ.

އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި މިރޭ އިންގްލެންޑާއި އިޓަލީ ކުޅޭ ޔޫރޯ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.