Advertisement

ފައިނަލުގައި ބްރެޒިލުން އާޖެންޓީނާ ކޮޅަށް ފަސް ގޯލު ޖަހާނެ: ބްރެޒިލް ރައީސް

9 ޖުލައި 2021 - 14:17 2


ފައިނަލުގައި ބްރެޒިލުން އާޖެންޓީނާ ކޮޅަށް ފަސް ގޯލު ޖަހާނެ: ބްރެޒިލް ރައީސް

9 ޖުލައި 2021 - 14:17 2

ރިއޯ ޑި ޖަނެއިރޯ (ޖުލައި 9) - މާދަމާރޭ ކުޅޭ ކޮޕަ އެމެރިކާ ފައިނަލުގައި ބްރެޒިލުން އާޖެންޓީނާ ކޮޅަށް ފަސް ގޯލު ޖަހާނެ ކަމަށް ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވިދާޅުވެއްޖެ އެވެ.

ކޮވިޑް ވެކްސިން ގަތުމުގައި ބްރެޒިލް ސަރުކާރުގެ އިސް އޮފިޝަލުންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި މުޒާހަރާތަކެއް ވެސް ކުރަމުންދާ ދަނޑިވަޅެއްގައި ބޮލްސޮނާރޯ ވަނީ މާދަމާރޭ ކޮޕަ އެމެރިކާ ފައިނަލުގައި ބްރެޒިލާއި އާޖެންޓީނާ ކުޅޭ މެޗާ ބެހޭގޮތުން ދާދި ފަހުން ގިނަ ވާހަކަތަކެއް ދައްކައިފަ އެވެ. މީޑިއާތަކުން ސިފަކުރާގޮތުގައި ބޮލްސޮނާރޯ މި ވާހަކަތައް ދެއްކެވީ ކޮރަޕްޝަންގެ ވާހަކަަތަކުގެ މިސްރާބު ބަދަލުކޮށްލާށެވެ.

ދެކުނު އެމެރިކާ ލީޑަރުންގެ ބައްދަލުވުމެއްގައި އާޖެންޓީނާގެ ރައީސް އަލްބާޓޯ ފެނާންޑޭޒަށް އިޝާރާތް ކުރައްވާ ބޮލްސޮނާރޯ ވަނީ މި ވަގުތު އޮތް އެންމެ ބޮޑު ކަމަކީ ކޮޕަ އެމެރިިކާގެ ފައިނަލުގެ ވާދަވެރިކަން ކަމަށާއި ބޮޑު ތަފާތަކުން ބްރެޒިލް މޮޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ބްލޮސޮނާރޯ ވަނީ އެ ބައްދަލުވުމުގެ ވާހަކަތައް ބްރެޒިލްގެ މީޑިއާ އަށް ވެސް ހިއްސާކޮށްފަ އެވެ.

"ތެދު ވާހަަކައެއް އެއީ. ދެކުނު އެމެރިކާގެ ލީޑަރުންގެ ބައްދަލުވުމެއްގައި އަހަރެން ބުނިން ބްރެޒިލުން އާޖެންޓީނާ ކޮޅަށް ފަސް ގޯލު ޖަހާނެއޭ. އަހަރެންގެ ސްކޯ އަކީ 5-0،" ބޮލްސޮނާރޯ ވިދާޅުވި އެވެ.

ކޮޕަ އެމެރިކާ މި ފަހަރު އެންމެ ފުރަތަމަ ބާއްވަން ނިންމީ އާޖެންޓީނާ އާއި ކޮލަމްބިއާގަ އެވެ. އެ ދެ ގައުމުގައި ބޭއްވޭގޮތް ނުވުމުން އެންމެ ފަހުން ވެސް މުބާރާތް ހޯސްޓްކުރި ބްރެޒިލްގައި އެ މުބާރާތް ކުރިއަށް ގެންދަން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ނިންމީ ބްރެޒިލް އިން ހުށަހެޅި ޕްރޮޕޯސަލް ރަނގަޅުވުމުންނެވެ.

ކޮވިޑް-19ގެ ނުރައްކާ ބްރެޒިލްގައި ބޮޑުވެފައި އޮއްވައި ކޮޕަ އެމެރިކާ ބާއްވާތީ ބްރެޒިލް ސަރުކާރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވި އެވެ. އެ ގޮތުން ކޮޕަ އެމެރިކާ ބޭއްވުމާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ މުބާރާތް ކުރިއަށް ގެންދާށެވެ. އެއީ ބްރެޒިލްގެ ރައީސް ބޮލްސޮނާރޯގެ ސަރުކާރުން އެ ގޮތަށް ވަރަށް ބޮޑަށް ބާރު އަޅާތީ އެވެ.

ބްރެޒިލުން 2019 އަހަރު އެ ގައުމުގައި ބޭއްވި ކޮޕަ އެމެރިކާގެ ޗެމްޕިއަންކަން ހޯދީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އަދި ބްރެޒިލްގައި މިހާތަަނަށް މުބާރާތް ހޯސްޓްކުރި ފަސް ފަހަރު ވެސް ޗެމްޕިއަންކަން ހޯދީ އެ ޓީމުންނެވެ.

ކޮޕަ އެމެރިކާ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ބްރެޒިލް ކުޅުނު ތިން ފަހަރު ވެސް ވަނީ މޮޅުވެފަ އެވެ. އެއީ 1937، 2004 އަދި 2007 އެވެ. ބްރެޒިލުން 2007 ވަނަ އަހަރުގެ ފައިނަލުގައި އާޖެންޓީނާ އަތުން މޮޅުވީ 3-0 އިންނެވެ. އަދި އެންމެ ފަހުން 2019 ވަަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ބްރެޒިލުން ވަނީ އާޖެންޓީނާގެ މައްޗަށް 2-0 އިން ކުރިހޯދައިފަ އެވެ.