Advertisement

ރާއްޖެ، ބަހްރޭން، އިރާގް އަދި އަފްގާނިސްތާން އެއް ގްރޫޕަކަށް

9 ޖުލައި 2021 - 13:35 0

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ ތެރެއިން ރާއްޖޭގެ ޗޯޓު (ވ) ބަހްރޭން ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ


ރާއްޖެ، ބަހްރޭން، އިރާގް އަދި އަފްގާނިސްތާން އެއް ގްރޫޕަކަށް

9 ޖުލައި 2021 - 13:35 0

އަންނަ އަހަރު އުޒްބެކިސްތާނުގައި ކުޅޭ 23 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕްގައި ރާއްޖެ އާއި އިރާގް، ބަހްރޭން އަދި އަފްގާނިސްތާން އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ.

ކޮލިފައިން ގްރޫޕްގެ މެޗުތައް އޮންނާނީ އަންނަ އޮކްޓޫބަރު މަހު 23 އިން 31 އަށެވެ. ކޮލިފައިންގެ ކޮންމެ ގްރޫޕެއްގެ އެއް ވަނަ ޓީމަށް މުބާރާތުން ފުރުސަތު ލިބޭނެ އެވެ. އަދި މުޅި އެއްކޮށް ކޮލިފައިން 11 ގްރޫޕް ހިމެނޭއިރު، އެ ހުރިހާ ގްރޫޕެއްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށް ވެސް މުބާރާތުން ފުރުސަތު ލިބޭނެ އެވެ.

ރާއްޖޭގެ ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގައި ވެސް 23 އަހަރުން ދަށުގެ ޓީމަށް ކުޅެވޭ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. ގައުމީ ފުޓްބޯޅަ ޓީމުން މި ވަގުތު އޮތްގޮތުން އަންނަ ސެޕްޓެމްބަރު މަހު ތެރޭގައި ސާފް ޗެމްޕިއަންޝިޕްގައި ކުޅޭނެ އެވެ. އެހެން ކަމުން 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޖެހިޖެހިގެން ދެ މަހުގައި ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ލިބޭނެ އެވެ.

އެންމެ ފަހުން ރާއްޖޭން އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ކުޅުނީ 2019 ވަނަ އަހަރު އެވެ. ގައުމީ ޓީމުގެ ކުރީގެ ކޯޗު ޕީޓަ ސެގާޓްގެ ކޯޗުކަމުގައި ކުޅުނު ޒުވާން ގައުމީ ޓީމު ހިމެނުނީ ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި ލެބަނަންއާ އެއް ގްރޫޕެއްގަ އެވެ. ވަރުގަދަ ސައުދީ އަރަބިއްޔާ އަތުން 6-0 އިން ރާއްޖެ ބަލިވިއިރު، ޔޫއޭއީ އިން ރާއްޖެ ބަލިކުރީ 3-0 އިންނެވެ. އަދި ލެބަނަން އިން ވެސް ވަނީ ރާއްޖެ ކޮޅަށް ހަ ގޯލު ޖަހައިފަ އެވެ.

ޒުވާން ގައުމީ ޓީމުތަކުގެ ކޯޗަކަށް އެފްއޭއެމުން ވަނީ ނެދަލެންޑްސްގެ ރެނޭ ހިޑިންކް ހަމަޖައްސައިފަ އެވެ. އާންމު ގޮތެއްގައި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ރާއްޖޭގައި ކޯޗުކޮށްދީފައި ހުރީ ސީނިއާ ޓީމުގައި ހުންނަ ކޯޗެވެ. އެފްއޭއެމުން ބުނީ 23 އަހަރުން ދަށުގެ ޓީމު ގޮވައިގެން ކޮލިފައިންގައި މަސައްކަތްކުރާނެ ކޯޗެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުރިއަށްދާނެ ކަމަށެވެ.

ކޮވިޑް-19 ފެތުރޭތީ މިދިޔަ މެއި މަހު ރާއްޖޭގައި ފިޔަވަޅުތައް ހަރުކަށި ކުރިއިރު، ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެންގުމާ ގުޅިިގެން މެޗުތައް ނުފެށި ދިގުލައިދާތީ އެފްއޭއެމުން ވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ކުރުކޮށްލައި އަވަހަށް ނިންމާލައިފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގައުމީ ޓީމުތަކުގެ ޕްރެކްޓިސް ފަށާނެ ދުވަސްތަކެއް ކަނޑައެޅުމުގެ ކަންކަން ކުރިއަށްދާނެ އެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ވެސް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި 11 އަހަރަށް ފަހު އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭނެ އެވެ. އަންނަ އަހަރު އިންޑިއާގައި ބާއްވާ މުބާރާތުގެ ކޮލިފައިން މެޗުތަކުގައި ރާއްޖެ ވާދަކުރަން ޖެހުނީ ކޮލިފައިން ގްރޫޕް ބީގަ އެވެ. އަންނަ ސެޕްޓެމްބަރު މަހު އެ ކޮލިފައިން ގްރޫޕްގެ މެޗުތައް ކުޅޭނީ ތަޖިކިސްތާނުގަ އެވެ. އެ ގްރޫޕްގައި ރާއްޖެ އާއި ތަޖިކިސްތާނުުގެ އިތުރުން ދެން އޮތީ ވިއެޓްނާމް އާއި އަފްގާނިސްތާން އެވެ.