Advertisement

އިޓަލީ ފެންވަރުގެ ޓީމަކާ އިންގްލެންޑް އަދި ނުކުޅޭ: ޝެވްޗެންކޯ

9 ޖުލައި 2021 - 09:19 0

ޔޫކްރެއިންގެ ކޯޗު ޝެވްޗެންކޯ.-


އިޓަލީ ފެންވަރުގެ ޓީމަކާ އިންގްލެންޑް އަދި ނުކުޅޭ: ޝެވްޗެންކޯ

9 ޖުލައި 2021 - 09:19 0

ކިއޭވް، ޔޫކްރެއިން (ޖުލައި 9) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މިހާތަނަށް އިޓަލީ ފެންވަރުގެ ޓީމަކާ ދެކޮޅަށް އިންގްލެންޑުން ކުޅެފައި ނުވާ ކަމަށް ޔޫކްރެއިންގެ ކޯޗު އަންދްރޭ ޝެވްޗެންކޯ ބުނެފި އެވެ.

އިންގްލެންޑުން މި ފަހަރުގެ ޔޫރޯ ގްރޫޕް ސްޓޭޖުގައި ވަނީ ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ބަލިކޮށް ސްކޮޓްލެންޑާ އެއްވަރުކޮށްފަ އެވެ. ނޮކައުޓް ބުރުގައި ޖަރުމަނާއި ޔޫކްރެއިން އަދި ޑެންމާކްގެ މައްޗަށް ކުރިހޯދި އެވެ. ޝެވްޗެންކޯ ބުނީ މި ވަގުތަށް ބަލާއިރު އެ ހުރިހާ ޓީމަކަށް ވުރެ އިޓަލީ ވަރުގަދަ ކަމަށެވެ.

"އިންގްލެންޑަކީ މޮޅު ޓީމެއް. އެކަމަކު މިހާތަނަށް އެއްވެސް ޓީމަކުން ނެތް ޕްރެސްކުރަން ޖެހޭ ވަރަށް އިންގްލެންޑަށް ޕްރެސް ކޮށްފައެއް. އިޓަލީ އަކީ މުޅިން ތަފާތު ރޫހެއްގައި ކުޅޭ ޓީމެއް. ޕްރެސް ވެސް ކުރާ ޓީމެއް. އަހަރެން ދެކޭ ގޮތުގައި މިހާތަނަށް މި މުބާރާތުގައި އިންގްލެންޑާ ދެކޮޅަށް ކުޅޭނެ އެންމެ ވަރުގަދަ ޓީމު ފައިނަލުގައި އެ މީހުންނާ ބައްދަލު މި ކުރަނީ،" ޝެވްޗެންކޯ ބުންޏެވެ.

ޝެވްޗެންކޯ ކޯޗުކޮށްދޭ ޔޫކްރެއިން އަތުން ކުއާޓާ ފައިނަލުގައި އިންގްލެންޑް މޮޅުވީ 4-0 އިންނެވެ. އެ މެޗު ކުޅުނީ އިޓަލީގެ ރޯމް އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ. މި ފަހަރުގެ ޔޫރޯގައި އިންގްލެންޑް ކުޅޭ ހަތް މެޗުގެ ތެރެއިން ހަ މެޗު ކުޅެނީ އެ ޓީމުގެ ރަސްމީ ސްޓޭޑިއަމް ވެމްބްލީގަ އެވެ.

ޝެވްޗެންކޯ ދެކޭގޮތުގައި އިޓަލީ އަށް އޮތް ޑިސެޑްވާންޓޭޖަކީ އިންގްލެންޑްގެ ދަނޑެއްގައި މި މެޗު ކުޅެން ޖެހުމެވެ.

"އަހަރެމެންނަށް އެބަފެނޭ (މި ފަހަރު) އިންގްލެންޑްގެ ކާމިޔާބީގައި ސަޕޯޓަރުންގެ ހިއްސާ. އެ ދަނޑު (ވެމްބްލީ)ގައި މެޗު ވަގުތު އެ އޮންނަ މާހައުލަކީ އިޓަލީ އަށް ފަސޭހަވާނެ ކަމެއް ކަމަށް ނުދެކެން. އިޓަލީ ޖެހޭނީ މެންޓަލީ ރަނގަޅަށް ތައްޔާރުވެގެން އިންގްލެންޑްގެ ވަރުގަދަ ކަންކަމާއި ބަލިފައި ދަނެގެން މެޗަށް ނުކުންނަން،" ޝެވްޗެންކޯ ބުންޏެވެ.

"އިޓަލީ އެންމެ ފަހުން 33 މެޗުގައި ވެސް ބަލިނުވޭ. އެހެންވީމަ ކުއްލިއަކަށް ފައިނަލެއްގައި ބަލިވަން އެ މީހުން ނޭނދޭނެ،"

އިޓަލީ އެންމެ ފަހުން ޔޫރޯ ފައިނަލެއްގައި ކުޅުނީ 2012 ވަނަ އަހަރު އެވެ. އާދިއްތަ ދުވަހުގެރޭ އިޓަލީއާ ދެކޮޅަށް ކުޅޭ ފައިނަލަކީ އިންގްލެންޑުން ޔޫރޯ ތާރީހުގައި ކުޅޭ ފުރަތަމަ ފައިނަލެވެ.