8 ޖުލައި 2021 - 14:14 1
މުހައްމަދު ވިޝާމް
ނަފުރަތު އުފެއްދުން ޖިނާއީ ކުށަކަށް ހަދަން ސަރުކާރުން ހުށަހަޅައިގެން އުޅޭ ބިލާ މެދު ހިޔާލުތަފާތުވުންތައް ބޮޑު. -ވިޝުއަލްސް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު
8 ޖުލައި 2021 - 14:14 1
އިސްލާމްދީނާ ގުޅުވައިގެން ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ކޮމިޓީން ނިންމި ގޮތާމެދު ފާޅު ކުރަމުންދާ ކަންބޮޑުވުންތައް ހައްލުކުރަން ސަރުކާރުން ހުށަހެޅި އިސްލާހުތަކާމެދު ވެސް އެއްބަސްނުވެވި، އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ނިންމައިފި އެވެ.
އެ ބިލު އެންމެ ފުރަތަމަ ހުށަހެޅިގެން އައިގޮތާމެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުން ވެސް ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.
އެއާއެކު އެ ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީ، ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން އާއްމުންގެ ހިޔާލުތައް ވެސް ހޯދައި، އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ.
އެގޮތުން، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، އެ ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގެ ފުރަތަމަ މާއްދާގައި ފުރަތަމަ އޮތް ގޮތާމެދު އެވެ.
އެއާއެކު އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން އެއީ ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ މާއްދާ ވަނީ މުޅިން އިސްލާހުކޮށްފަ އެވެ.
އެ މާއްދާ ކޮމިޓީން އިސްލާހުކުރީ، ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި އާއްމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތުކުރުން އެއީ ކުށެއް ކަމަށް ކަނޑައެޅުމަށެވެ.
ނަމަވެސް، އެ މާއްދާ ރަނގަޅުކުރުމުގެ ނިޔަތުގައި ކޮމިޓީން ގެނައި އިސްލާހުގެ ސަބަބުން އެ ބިލު ކުރިއަށްވުރެ ގޯސްވެފައިވާ ކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ.
އެގޮތުން، އިސްލާމްދީނުގައި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވާ ގިނަ ކަންކަން ހުންނައިރު، ވަކި ރައުޔުއެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި އޮތް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އަމަލުކޮށް ބަސްބުނުމުގެ ޖާގަ ލިބޭ ކަމީ އެ އިސްލާހާމެދު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.
އެގޮތުން، އެ މާއްދާގައި ދީނީ އިލްމުވެރިންނަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، ދީނީ އިލްމުވެރިންގެ މެދުގައި އޮތް ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށެވެ.
އަދި ހަރުކަށި ވިސްނުން އާއްމުގޮތެއްގައި ބިނާވެފަ ހުންނަނީ އެމީހުން ގަބޫލުކުރާ ވަކިވަކި އިލްމުވެރިންގެ ބަހަށް ކަމަށްވާއިރު، ބިލުގެ އެ މާއްދާ އޮތް ގޮތުން ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ވިސްނުމަށް ވެސް ހިމާޔަތްލިބޭ ކަމަށް ވެސް ދަނީ ބުނަމުންނެވެ.
އެ ކަންބޮޑުވުން އިސްލާމިކް މިނިސްޓްރީ ވެސް ހިއްސާކުރެ އެވެ.
ކޮމިޓީން ނިންމާފައިވާ ގޮތާމެދު ފާޅުކުރާ ކަންބޮޑުވުންތައް ހައްލުކުރަން ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވަނީ ކޮމިޓީގެ ރިޕޯޓަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ.
އެގޮތުން، ފުރަތަމަ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވަނީ ދީނީ ވަކި ރައުޔުއަކަށް ތާއީދުކުރާ މީހަކާމެދު އަނިޔާވެރިވުމަށް ގޮވައިލުން ހިމަނައިފަ އެވެ.
ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކަށް އަނިޔާވެރިވުމަށް ގޮވައިލުން،
އޭގެ އިތުރުން، އެ މާއްދާގެ ދެ ވަނަ ނަންބަރަށް ކޮމިޓީން އިސްލާހުކުރި ގޮތް ވެސް ޔައުގޫބު ހުށަހެޅުއްވި އިސްލާހުގައި ވަނީ ބަދަލުކޮށްފަ އެވެ.
އެ މާއްދާގެ ދެވަނަ ނަންބަރު ކޮމިޓީން އިސްލާހުކުރިއިރު އޮތީ، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުނުކުރާހާ ހިނދަކު، ނުވަތަ ގަސްދުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، އާންމު ތަނެއްގައި، އެމީހަކު ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ނުވަތަ އެފަދައިން ތުހުމަތުކުރުން ކުށަކަށްވާ ގޮތަށެވެ.
ނަމަވެސް، ޔައުގޫބު ހުށަހެޅުއްވި އިސްލާހުގައި ކުފުރުގެ އަމަލެއް އިސްލާމީ ޝަރީއަތުގެ މިންގަނޑުގެ ތެރެއަށް ފެއްތުމުގެ އިތުރުން، ކުފުރުގެ ބަހެއް ނުވަތަ އަމަލެއް ބަޔާންކުރުމަށް އެ މާއްދާއިން ހުރަސްނާޅާ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އިސްލާމީ ޝަރީއަތުގައި މީހަކު ކުފުރުވެ މުރުތައްދުވެއްޖެކަމަށް ކަނޑައެޅުމަށް އޮތް މިންގަނޑުން ބޭރުވެ، އާއްމު ތަނެއްގައި، މުސްލިމަކަށް ނިސްބަތްކޮށް އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން. ވަކި ބަސްތަކަކީ ކުފުރުވެދާނެ ބަސްތަކެއްކަން ނުވަތަ ވަކި އަމަލުތަކަކީ ކުފުރުވެދާނެ އަމަލުތަކެއް ކަން ބަޔާންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅަ އެވެ.
އެ ބިލު އެންމެ ފުރަތަމަ ހުށަހެޅިގެން އައިއިރު ވެސް، ދީނާ މެދު ނަފުރަތު އުފެއްދުން ހިމަނާފައިނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި އެބައި ނުހިމެނީ ދީނަށް ފުރައްސާރަ ކުރާ މީހުން ހިމާޔަތްކުރުމުގެ ބޭނުމުގައި ކަމަށް ބުނެ ސަރުކާރަށް ތުހުމަތު ކުރި އެވެ.
ނަމަވެސް، ކޮމިޓީގެ ރިޕޯޓަށް ޔައުގޫބު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި، ދީނާ މެދު ނަފުރަތު އުފެއްދުން ވެސް ޖިނާއީ ކުށަކަށް ހަދަން ވަނީ ހިމަނައިފަ އެވެ.
ނަމަވެސް، ކޮމިޓީގެ ރިޕޯޓަށް ޔައުގޫބު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި، ދީނާ މެދު ނަފުރަތު އުފެއްދުން ވެސް ޖިނާއީ ކުށަކަށް ހަދަން ވަނީ ހިމަނައިފަ އެވެ.
މާތްﷲ އާއި ކީރިތި ރަސޫލާއާއި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި، އެކަލޭގެފާނުގެ އަހުލުބައިތުންނާއި، ސަހާބީންނާއި، އަދި އިސްލާމްދީނާއި އިސްލާމީ ޝިއާރުތަކާމެދު ނަފުރަތު އުފެދޭ ގޮތަށް، ފުރައްސާރަ ކުރުމާއި، މަލާމާތްކުރުން ނުވަތަ، އިސްލާމްދީނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުން ނުވަތަ ދޮގު މައުލޫމާތު ދިނުން ނުވަތަ، މިފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ މިފަދަ އަމަލެއް ކުރުމާއި އަދި ކުރުމުގައި ބައިވެރިވުމާއި ނުވަތަ އެކަމަށް ގޮވާލުން ނުވަތަ އެކަމަށް އަމުރު ކުރުން.
އޭގެ އިތުރުން، އެ ބިލުގެ ދެވަނަ އަދި ތިންވަނަ މާއްދާއަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކަށް ވެސް ޔައުގޫބު ވަނީ ބައެއް ކުދިކުދި ބަދަލުތައް ހުށަހަޅުއްވައިފަ އެވެ.
އެގޮތުން، މީހެއްގެ ސިޔާސީ ފިކުރަށާއި، މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ އެފަދަ އަމަލަކަށް ގޮވާލުން ވެސް އެއީ ކުށެކެވެ.
އެ ބިލުގައި ހިމަނާފައިވާ ކުށްތަކުގެ އަދަބުތައް ކަނޑައަޅާފައިވަނީ އެއް އަހަރުގެ ދުވަހާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނަ ގޮތަށެވެ.
ނަމަވެސް، އެ ކުރާ ކުށަކުން މީހެއްގެ ފުރާނަ ގެއްލިއްޖެ ނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.
އެ ބިލުގެ ފުރަތަމަ މާއްދާއަށް އިތުރު އަކުރެއް އިތުރުކުރަން ޔައުގޫބު ހުށަހަޅުއްވާފައިވާތީ، ދީނަށް ފުރައްސާރަ ކުރުމަކީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.
އެގޮތުން ބަލާއިރު، ފުރަތަމަ ދެ މާއްދާއަށް ދޭ އެއް އަހަރުގެ ޖަލު ހުކުމަކަށް ވުރެ ދެ ގުނަ ބޮޑު އަދަބެކެވެ.
މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮންނަ އެމްޑީޕީގެ މެމްބަރުން މެދުގައި ވެސް އެ ބިލާ މެދު ހިޔާލުތަފާތުވުންތައް ބޮޑުވެފައިވާއިރު، އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށް އެނގިފައި ވެ އެވެ.
އެމްޑީޕީގެ މެމްބަރަކު "އަދަދު"އަށް ވިދާޅުވި ގޮތުގައި، ހިލާފު އުފެދިފައިވާ އެ ބިލާމެދު ޕީޖީ ގުރޫޕުގައި މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ، އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައިގެން، ކަމާ ގުޅޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު، އެ ބިލަށް އިތުރު އިސްލާހުތައް ގެނައުމަށެވެ.
އެކަމާ ގުޅޭގޮތުން، ސުވާލުކުރުމުން ފަހުގެ އިސްލާހުތައް ހުށަހެޅުއްވި ޔައުގޫބު "އަދަދު"އަށް ވިދާޅުވީ، އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާތީ އޭނާ ހުށަހެޅުއްވި އިސްލާހުތައް އަނބުރާ ނަންގަވާނެ ކަމަށެވެ.
"ދެން ކޮމިޓީން އަލުން ދިރާސާކުރުމަށްފަހު ވެސް، އެ ބިލު އަދިވެސް ގޯސްކޮށް އޮތް ނަމަ، އިސްލާހުތައް އަނެއްކާވެސް ހުށަހަޅާނަން،" ޔައުގޫބު ވިދާޅުވި އެވެ.
އެ ބިލު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން މިއަދުގެ ޖަލްސާގައި ނިންމާނެ ކަމަށް ބެލެވެ އެވެ.
ނަމަވެސް، މިއަދު އޮންނަނީ މަޖިލީހުގެ މި ހިނގާ ދައުރުގެ ފަހު ޖަލްސާކަމަށްވާއިރު، ދެން އެ ބިލު އިސްލާހުކުރެވޭނީ އަންނަ މަހުގެ 16 ވަނަ ދުވަހު ފެށޭ ތިން ވަނަ ދައުރުގެ ތެރޭގަ އެވެ.
Comment