Advertisement

ދީނަށް ފުރައްސާރަ ކުރުން ވެސް ހިމަނައި، ނަފުރަތުގެ ބިލަށް އަނެއްކާވެސް ބޮޑެތި އިސްލާހުތަކެއް

6 ޖުލައި 2021 - 16:40 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި: ނަފުރަތުގެ ބިލާމެދު އޮތް ކަންބޮޑުވުންތައް ހައްލުކުރަން ސަރުކާރުގެ ފަރާތުން އޭނާ ވަނީ ބޮޑެތި އިސްލާހުތަކެއް ހުށަހަޅާފައި. -ފޮޓޯ: މަޖިލިސް


ދީނަށް ފުރައްސާރަ ކުރުން ވެސް ހިމަނައި، ނަފުރަތުގެ ބިލަށް އަނެއްކާވެސް ބޮޑެތި އިސްލާހުތަކެއް

6 ޖުލައި 2021 - 16:40 0

އިސްލާމްދީނާ ގުޅުވައިގެން ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ކޮމިޓީން ނިންމި ގޮތާމެދު ފާޅު ކުރަމުންދާ ކަންބޮޑުވުންތައް ހައްލުކުރަން ސަރުކާރުން އެ ބިލަށް އަނެއްކާވެސް ބޮޑެތި އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

އެ ބިލު އެންމެ ފުރަތަމަ ހުށަހެޅިގެން އައިގޮތާމެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުން ވެސް ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

އެއާއެކު އެ ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީ، ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން އާއްމުންގެ ހިޔާލުތައް ވެސް ހޯދައި، އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ.

އެގޮތުން، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، އެ ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގެ ފުރަތަމަ މާއްދާގައި ފުރަތަމަ އޮތް ގޮތާމެދު އެވެ.

އެއާއެކު އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން އެއީ ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ މާއްދާ ވަނީ މުޅިން އިސްލާހުކޮށްފަ އެވެ.

އެ މާއްދާ ކޮމިޓީން އިސްލާހުކުރީ، ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި އާއްމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތުކުރުން އެއީ ކުށެއް ކަމަށް ކަނޑައެޅުމަށެވެ.

ނަމަވެސް، އެ މާއްދާ ރަނގަޅުކުރުމުގެ ނިޔަތުގައި ކޮމިޓީން ގެނައި އިސްލާހުގެ ސަބަބުން އެ ބިލު ކުރިއަށްވުރެ ގޯސްވެފައިވާ ކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ.

އެގޮތުން، އިސްލާމްދީނުގައި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވާ ގިނަ ކަންކަން ހުންނައިރު، ވަކި ރައުޔުއެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި އޮތް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އަމަލުކޮށް ބަސްބުނުމުގެ ޖާގަ ލިބޭ ކަމީ އެ އިސްލާހާމެދު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

އެގޮތުން، އެ މާއްދާގައި ދީނީ އިލްމުވެރިންނަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، ދީނީ އިލްމުވެރިންގެ މެދުގައި އޮތް ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށެވެ.

އަދި ހަރުކަށި ވިސްނުން އާއްމުގޮތެއްގައި ބިނާވެފަ ހުންނަނީ އެމީހުން ގަބޫލުކުރާ ވަކިވަކި އިލްމުވެރިންގެ ބަހަށް ކަމަށްވާއިރު، ބިލުގެ އެ މާއްދާ އޮތް ގޮތުން ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ވިސްނުމަށް ވެސް ހިމާޔަތްލިބޭ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

އެ ކަންބޮޑުވުން އިސްލާމިކް މިނިސްޓްރީ ވެސް ހިއްސާކުރެ އެވެ.

ކަންބޮޑުވުންތައް ހައްލުކުރަން އަނެއްކާވެސް އިސްލާހުތަކެއް

ކޮމިޓީން ނިންމާފައިވާ ގޮތާމެދު ފާޅުކުރާ ކަންބޮޑުވުންތައް ހައްލުކުރަން ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވަނީ ކޮމިޓީގެ ރިޕޯޓަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ.

އެގޮތުން، ފުރަތަމަ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވަނީ ދީނީ ވަކި ރައުޔުއަކަށް ތާއީދުކުރާ މީހަކާމެދު އަނިޔާވެރިވުމަށް ގޮވައިލުން ހިމަނައިފަ އެވެ.

124 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ (1) އަށް ހުށަހެޅި އިސްލާހު


ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކަށް އަނިޔާވެރިވުމަށް ގޮވައިލުން،

އޭގެ އިތުރުން، އެ މާއްދާގެ ދެ ވަނަ ނަންބަރަށް ކޮމިޓީން އިސްލާހުކުރި ގޮތް ވެސް ޔައުގޫބު ހުށަހެޅުއްވި އިސްލާހުގައި ވަނީ ބަދަލުކޮށްފަ އެވެ.

އެ މާއްދާގެ ދެވަނަ ނަންބަރު ކޮމިޓީން އިސްލާހުކުރިއިރު އޮތީ، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުނުކުރާހާ ހިނދަކު، ނުވަތަ ގަސްދުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، އާންމު ތަނެއްގައި، އެމީހަކު ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ނުވަތަ އެފަދައިން ތުހުމަތުކުރުން ކުށަކަށްވާ ގޮތަށެވެ.

ނަމަވެސް، ޔައުގޫބު ހުށަހެޅުއްވި އިސްލާހުގައި ކުފުރުގެ އަމަލެއް އިސްލާމީ ޝަރީއަތުގެ މިންގަނޑުގެ ތެރެއަށް ފެއްތުމުގެ އިތުރުން، ކުފުރުގެ ބަހެއް ނުވަތަ އަމަލެއް ބަޔާންކުރުމަށް އެ މާއްދާއިން ހުރަސްނާޅާ ކަމަށް ބަޔާންކޮށްފައިވެ އެވެ.

124 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ (2) އަށް ހުށަހެޅި އިސްލާހު


އިސްލާމީ ޝަރީއަތުގައި މީހަކު ކުފުރުވެ މުރުތައްދުވެއްޖެކަމަށް ކަނޑައެޅުމަށް އޮތް މިންގަނޑުން ބޭރުވެ، އާއްމު ތަނެއްގައި، މުސްލިމަކަށް ނިސްބަތްކޮށް އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން. ވަކި ބަސްތަކަކީ ކުފުރުވެދާނެ ބަސްތަކެއްކަން ނުވަތަ ވަކި އަމަލުތަކަކީ ކުފުރުވެދާނެ އަމަލުތަކެއް ކަން ބަޔާންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅަ އެވެ.

ދީނާ މެދު ނަފުރަތު އުފެއްދުން ހިމެނުން

އެ ބިލު އެންމެ ފުރަތަމަ ހުށަހެޅިގެން އައިއިރު ވެސް، ދީނާ މެދު ނަފުރަތު އުފެއްދުން ހިމަނާފައިނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި އެބައި ނުހިމެނީ ދީނަށް ފުރައްސާރަ ކުރާ މީހުން ހިމާޔަތްކުރުމުގެ ބޭނުމުގައި ކަމަށް ބުނެ ސަރުކާރަށް ތުހުމަތު ކުރި އެވެ.

ނަމަވެސް، ކޮމިޓީގެ ރިޕޯޓަށް ޔައުގޫބު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި، ދީނާ މެދު ނަފުރަތު އުފެއްދުން ވެސް ޖިނާއީ ކުށަކަށް ހަދަން ވަނީ ހިމަނައިފަ އެވެ.

124 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރަށް (3) އިތުރުކުރަން


މާތްﷲ އާއި ކީރިތި ރަސޫލާއާއި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި، އެކަލޭގެފާނުގެ އަހުލުބައިތުންނާއި، ސަހާބީންނާއި، އަދި އިސްލާމްދީނާއި އިސްލާމީ ޝިއާރުތަކާމެދު ނަފުރަތު އުފެދޭ ގޮތަށް، ފުރައްސާރަ ކުރުމާއި، މަލާމާތްކުރުން ނުވަތަ، އިސްލާމްދީނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުން ނުވަތަ ދޮގު މައުލޫމާތު ދިނުން ނުވަތަ، މިފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ މިފަދަ އަމަލެއް ކުރުމާއި އަދި ކުރުމުގައި ބައިވެރިވުމާއި ނުވަތަ އެކަމަށް ގޮވާލުން ނުވަތަ އެކަމަށް އަމުރު ކުރުން.

އޭގެ އިތުރުން، އެ ބިލުގެ ދެވަނަ އަދި ތިންވަނަ މާއްދާއަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކަށް ވެސް ޔައުގޫބު ވަނީ ބައެއް ކުދިކުދި ބަދަލުތައް ހުށަހަޅުއްވައިފަ އެވެ.

އެގޮތުން، މީހެއްގެ ސިޔާސީ ފިކުރަށާއި، މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ އެފަދަ އަމަލަކަށް ގޮވާލުން ވެސް އެއީ ކުށެކެވެ.

އެ ބިލުގައި ހިމަނާފައިވާ ކުށްތަކުގެ އަދަބުތައް ކަނޑައަޅާފައިވަނީ އެއް އަހަރުގެ ދުވަހާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނަ ގޮތަށެވެ.

ނަމަވެސް، އެ ކުރާ ކުށަކުން މީހެއްގެ ފުރާނަ ގެއްލިއްޖެ ނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ބިލުގެ ފުރަތަމަ މާއްދާއަށް އިތުރު އަކުރެއް އިތުރުކުރަން ޔައުގޫބު ހުށަހަޅުއްވާފައިވާތީ، ދީނަށް ފުރައްސާރަ ކުރުމަކީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.

އެގޮތުން ބަލާއިރު، ފުރަތަމަ ދެ މާއްދާއަށް ދޭ އެއް އަހަރުގެ ޖަލު ހުކުމަކަށް ވުރެ ދެ ގުނަ ބޮޑު އަދަބެކެވެ.

ސަރުކާރުގެ ފަރާތުން ޔައުގޫބު ހުށަހަޅުއްވާ އިސްލާހުތައް ކޮމިޓީ ރިޕޯޓުގައި ހިމެނޭނީ ތަޅުމުން އެގޮތަށް ފާސްކޮށްފި ނަމަ އެވެ.

މަޖިލީހުގެ މި ހިނގާ ދައުރު އަންނަ ބުރާސްފަތި ދުވަހު ނިމޭއިރު، އެ ބިލު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމަށް ބެލެވެ އެވެ.