Advertisement

އިންޑޮނީޝިއާގެ ކޮވިޑް ހާލަތު ގޯސްވެ، އޮކްސިޖަން އެތެރެކުރަން ފަށައިފި

7 ޖުލައި 2021 - 08:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑޮނީޝިއާއިން އޮކްސިޖަން އިމަޕޯޓް ކުރަނީ ސިންގަޕޫރުން.-- ފޮޓޯ: އޭޕީ


އިންޑޮނީޝިއާގެ ކޮވިޑް ހާލަތު ގޯސްވެ، އޮކްސިޖަން އެތެރެކުރަން ފަށައިފި

7 ޖުލައި 2021 - 08:22 0

ޖަކާޓާ، އިންޑޮނީޝިއާ (ޖުލައި 6) - އިންޑޮނީޝިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ، އަވައްޓެރި ސިންގަޕޫރުން އޮކްސިޖަން އެތެރެ ކުރަން ފަށައި، އެހެން ގައުމުތަކުގެ އެހީއަށް އެދެފި އެވެ.

އޮފިޝަލުން ބުނީ އޮކްސިޖަން އުފައްދަން ބޭނުން ކުރާ 10،000 ކޮންސެންޓްރޭޓަރު ސިންގަޕޫރުން ގެންނަން އޯޑަރު ދީފައިވާ ކަމަށެވެ.

"ސިންގަޕޫރާއި ޗައިނާ އަދި އެހެން ފަރާތްތަކާ އެކު ވެސް އަޅުގަނޑުމެން މަޝްވަރާކޮށްފިން އެހީ ހޯދަން،" ސީނިއާ މިނިސްޓަރު ލުހުތު ބިންސާރް ޕަންދްޖައިތާން ވިދާޅުވި އެވެ.

"މިހާރު ގެންނަ ސަޕްލައި ނުފުދޭ ނަމަ އެހެން ގައުމުތަކުން ވެސް އޮކްސިޖަން ހޯދަން އޯޑަރު ދޭނަން".

އިންޑޮނީޝިއާގެ ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެ، އޮކްސިޖަނަށް ޖެހިފައި ވާއިރު، ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު 50،000 އަށް އެރުމުގެ ބިރު އެބަ އޮތެވެ.

މިދިޔަ ހޯމަ ދުވަހު އެ ގައުމުން 29،745 ކޭސް ފެނުނެވެ. އަދި 558 މީހުން މަރުވި އެވެ. މިއީ ކޭސްތަކާއި މަރުތަކުގެ ނިސްބަތުން ވެސް ރިކޯޑް އަދަދުތަކެވެ.

ކޮވިޑުގެ ހާލަތު ކޮންޓްރޯލުން ނެއްޓުމުން ސަރުކާރުން ވަނީ ވެރިރަށް ޖަކާޓާ އާއި ޖާވާ އަދި ބާލީ ފަދަ ރަށްރަށުގައި ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.

އިންޑޮނީޝިއާއިން މިހާރު ފެންނަމުން ދަނީ ކޮވިޑުގެ ދެ ވަނަ ރާޅުގައި އިންޑިއާއިން ފެނުނު ފަދަ މަންޒަރެކެވެ. އެގޮތުން ހޮސްޕިޓަލްތައް ފުރި އާ ޕޭޝެންޓުން އެޑްމިޓު ކުރުން ވަނީ ހުއްޓާލާފަ އެވެ.

އެއާއެކު އާއިލާތަކުން ދަނީ ކަޅު ބާޒާރުގައި އޮކްސިޖެން ޓޭންކު ހޯދަން މަސައްކަތްކޮށް، ގޭގައި ބަލި މީހުންނަށް ފަރުވާ ކުރެވޭތޯ ބަލަމުންނެވެ.

އެ ގައުމުގެ ދެ ވަނައަށް އެންމެ ބޮޑު ސިޓީ، ސުރަބަޔާގެ 15 ވަރަކަށް ހޮސްޕިޓަލް މިހާރު ވަނީ އެއްކޮށް ފުރިފައި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

"ސިއްހީ ނިޒާމު އޮތީ ހުއްޓެން ކައިރިވެފައި. ހޮސްޕިޓަލްތަކަށް ނުކަތާ ވަރަށް ބަލި މީހުން އެބަ އާދޭ. އޮކްސިޖަން ސަޕްލައި ހުސްވެއްޖެ. ޖާވާ އަދި ބާލީގެ ސިއްހީ ހިދުމަތްތަކަކީ ސީރިއަސްވާ މީހުންނަށް ފަރުވާ ކުރަން އެންމެ އެކަށޭނަ ހިދުމަތްތަކެއް ނޫން،" ސޭވް ދަ ޗިލްޑްރެން ޖަމިއްޔާގެ ބަޔާނެއްގައި ބުންޏެވެ.

އިންޑޮނީޝިއާއަކީ ދުނިޔޭގައި ހަތަރު ވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ. އެ ގައުމުގައި މަހަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް ވަނީ ތިން ގުނަ މައްޗަށް ޖެހިފަ އެވެ.

މިހާރު އިންޑޮނީޝިއާއިން ޖުމްލަ 2.3 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު، 61،140 މީހުން މި ބަލީގައި މަރުވެފައި ވެ އެވެ.