Advertisement

ޕެރޫ ބަލިކޮށް ބްރެޒިލް ފައިނަލަށް

6 ޖުލައި 2021 - 06:28 0

ލަނޑު ޖެހުމަށް ފަހު ބްރެޒިލް ކުޅުންތެރިން އުފާފާޅުކުރަނީ.


ޕެރޫ ބަލިކޮށް ބްރެޒިލް ފައިނަލަށް

6 ޖުލައި 2021 - 06:28 0

ރިއޯ ޑި ޖަނެއިރޯ (ޖުލައި 6) - ކޮޕަ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލުން މިއަދު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 1-0 އިން ޕެރޫ ބަލިކޮށް ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގްރޫޕް ސްޓޭޖުގައި ބްރެޒިލުން 4-0 އިން ޕެރޫ ބަލިކުރި ނަމަވެސް މިއަދުގެ މެޗުގައި ޕެރޫ ވަނީ ބްރެޒިލް ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ބްރެޒިލުން 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕެރޫ ބަލިކޮށްފަ އެވެ. މި ފަހަރުގެ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ބްރެޒިލް ކުޅޭނީ މިރޭ ދެ ވަނަ ސެމީގައި އާޖެންޓީނާ އާއި ކޮލަމްބިއާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ބްރެޒިލްގެ އެސްޓަޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު ސެމީ ފައިނަލްގައި މެޗުގެ އަށް ވަނަ މިނިޓްގައި ބްރެޒިލްގެ ނޭމާ އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާކޮށެއް ނޫނެވެ. އޭގެ ފަހުން ކަސެމީރޯ ޖެހި ބޯޅައެއް އަމާޒުވީ ޕެރޫގެ ކީޕަރު ޕެޑްރޯ ގަލޭސީ އަތަށެވެ. އޭގެ ފަހުން ނޭމާ އާއި ރިޗާލިސަން ފުލުފުލުގައި ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ވެސް ކީޕަރު ގަލޭސީ ވަނީ ހުއްޓުވައިފަ އެވެ.

މެޗުގައި ބްރެޒިލުން ޖެހި ހަމައެކަނި ގޯލު 35 ވަނަ މިނިޓްގައި ޖެހީ ޕަކޭޓާ އެވެ. ހާފުގެ މެދެއްހާ ހިސާބުން ރިޗާލިސަން ދިން ޕާހަކުން ނޭމާ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ޕެރޫގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ހުސްކޮށްލާފައި ޕަކޭޓާ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ބްރެޒިލުން ކުއާޓާ ފައިނަލުގައި ޗިލީ ބަލިކުރި މެޗުގެ ހަމައެކަނި ގޯލު ޖެހީ ވެސް ނޭމާ ދިން ބޯޅަ އަކުން ޕަކޭޓާ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަަތަރު މިނިޓް ތެރޭ ޕެރޫގެ ފޯވާޑް ޖިއަންލޫކާ ލަޕަޑުއްލާ ޖެހި ބޯޅަ ބްރެޒިލްގެ ކީޕަރު އެޑަސަން މަތަކުރި އެވެ. ފަހުން ވެސް ޕެރޫ އިން ފޮނުވާލި ބޯޅަތައް އެޑަސަން ވަނީ ހުއްޓުވައިފަ އެވެ.

ބްރެޒިލަށް ދެ ވަަނަ ގޯލެއް ޖަހައިދޭން ނޭމާ އަށް ފަހުން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ޕެރޫ އިން ވަނީ ފަހު ވަގުތު ބްރެޒިލް ޑިފެންސްލައިނަށް ބާރުބޮޑުކޮށްފަ އެވެ. އެކަމަކު ލަނޑެއް ޖަަހަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ބްރެޒިލުން 2019 އަހަރު އެ ގައުމުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އަދި ބްރެޒިލްގައި މިހާތަަނަށް މުބާރާތް ހޯސްޓްކުރި ފަސް ފަހަރު ވެސް ޗެމްޕިއަންކަން ހޯދީ އެ ޓީމުންނެވެ. ބްރެޒިލް އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާޖެންޓީނާ އަތުންނެވެ. އޭގެ ފަހުން ކުޅުނު 12 މެޗުން ވެސް ބަލިވެފައިނުވެ އެވެ.