Advertisement

ނަޝީދުގެ ބޮޑުވަޒީރަކަށްވުމުގެ ހުވަފެން ޔާމީންއާއެކު؛ "އެކުގައި މަސައްކަތް ކުރާނެ"!

5 ޖުލައި 2021 - 23:29 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ރައީސް ޔާމީނާއި ރައީސް ނަޝީދު: ނިޒާމް ބަދަލުކުރުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި


ނަޝީދުގެ ބޮޑުވަޒީރަކަށްވުމުގެ ހުވަފެން ޔާމީންއާއެކު؛ "އެކުގައި މަސައްކަތް ކުރާނެ"!

5 ޖުލައި 2021 - 23:29 0

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. އެކަން ހާސިލުކުރެއްވުމަށް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންއާ އެކުގައި މަސައްކަތް ކުރައްވަން ވެސް ނަޝީދު ހުންނެވީ ތައްޔާރަށެވެ.

"އަޅުގަނޑު ދެކެނީ ރައީސް ޔާމީން އަޅުގަނޑާއެކު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް، އަދި ފެންނަ ނުފެންނަ ވޯޓެއް ނަގާއިރެއްގައި އެމްޑީޕީ އާއި ޕީޕީއެމްއާއެކުގައި ތިބެގެން ވޯޓަށް ދެވޭނެ ކަމަށް،" "އާސްކްސްޕީކާ"ގެ ނަމުގައި މަޖިލީހުން މިރޭ ޕްރޮގްރާމްގައި ނަޝީދު ވިދާޅުވި އެވެ.

ފެހި ގާނޫނު އަސާސީ އެކުލަވާލުމުގެ ކުރިން 2007 ވަނަ އަހަރު ބޭއްވި ވެރިކަމުގެ ނިޒާމުގެ ވޯޓަކީ ރާއްޖޭގައި ޕާޓީ ނިޒާމު ތައާރަފުކުރުމަށްފަހު ބޭއްވި ފުރަތަމަ އިންތިހާބު ކަމުން، އެ އިންތިހާބުން ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ބަދަލުކޮށްލި އެވެ.

ރާއްޖޭގައި އޮންނާނެ ވެރިިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ބޭއްވި ފެންނަ، ނުފެންނަ ވޯޓުގައި އެމްޑީޕީން ބަރުލަމާނީއަށް ތާއިދު ކުރި ނަމަވެސް، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޑީއާރްޕީން ތާއިދުކުރީ ރިޔާސީ ނިޒާމަށެވެ. އަނެއްކާވެސް މިއޮތީ އެ ދުވަހާ ހަމައަށް ނިޒާމްގެ ބަހުސް ގޮސްފަ އެވެ.

ނިޒާމް އަނެއްކާވެސް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމުގެ ވިސްނުން ނަޝީދު ކުރިއަށް ގެނެސްފައިވާއިރު ސިޔާސީ މަޝްރަހު އޮތީ، އޭރު އޮތް ގޮތަކަށް ނޫނެވެ. މިހާރުގެ އިދިކޮޅު ޕާޓީގެ ގޮތުގައި ޕީޕީއެމް އޮތްއިރު، އިދިކޮޅު ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ސަރުކާރުގައި އެމްޑީޕީއާއެކު، މައުމޫންގެ އެމްއާރްއެމް ވެސް އެބަ އޮތެވެ.

ނަޝީދު މިރޭ ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ބޭއްވުން ބުއްދިވެރިއެއް ނޫނެވެ. އޭގެ ބަދަލުގައި އަންނަ އަހަރު، ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަންވީ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ހިންގުން އެންމެ ރަނގަޅަށް ކުރިއަށް ދާނީ ބަރުލަމާނީ ނިޒާމްގެ ތެރެއިން، ބޮޑުވަޒީރެއް ހުރެ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންނަށް ތާއަބަދު ޖަވާބުދާރީވެ ތިއްބަވައިގެން ސަރުކާރު ހިންގުން ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އަދި ތަރައްގީގެ ދުވެލި ވެސް އަޅުގަނޑު ދެކޭ ގޮތުގައި މާބާރުވެގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވަމުން އަންނަނީ ނިޒާމް ބަދަލުކޮށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ކަމާއި އެ ބަދަލު އިރާދަކުރެއްވިޔާ ގެނެވޭނެ އެވެ. ގާނޫނު އަސާސީ އެގޮތަށް އިސްލާހުކުރުމަށް އިދިކޮޅު ލީޑަރުގެ ތާއިދު ވެސް ލިބޭނެ ކަމުގެ ޔަގީންކަން ނަޝީދަށް އެބަ އޮތެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ބަދަލަށް ޕީޕީއެމްއިން ވެސް ތާއިދުކުރާނެ، އެ ބޭފުޅުންނަކީ ހާއްސަކޮށް ރައީސް ޔާމީން މީގެކުރިން ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާފައި، އަދި ފަހުން ތާއިދު ނުކުރައްވާ ވާހަކައެއް ވެސް ވިދާޅުވެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމަ އެމްޑީޕީ އާއި ޕީޕީއެމް މި ދެ ޕާޓީއަށް ބަރުލަމާނީ ނިޒާމަށް ތާއިދު ކުރެވި، ފެންނަ ނުފެންނަ ވޯޓެއް ބޭއްވުނީމަ އަޅުގަނޑުމެންނަށް މި ބަދަލު ގާނޫނު އަސާސީއަށް ގެނެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވީ ނަމަވެސް، ޕީޕީއެމް މީގެކުރިން ވެސް ވަނީ އެ ޕާޓީން ތާއިދުކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ބުނެފަ އެވެ. އަދި، މި ވަގުތަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަންވީ ވަގުތު ނޫން ކަމަށް ވެސް އެ ޕާޓީން ދެކެ އެވެ.

ޕީޕީއެމްއާއެކު އޮތް ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިރޭ ވެސް ވިދާޅުވި ގޮތުގައި، އެ ދެ ޕާޓީ އޮންނާނީ ރައްޔިތުން ނިންމާފައިވާ ރިޔާސީ ނިޒާމާއެކު އެވެ. ނަމަވެސް، މިކަމުގައި ޔާމީން ދެކެވަޑައިގަންނަވާ ގޮތެއް ސާފެއް ނޫނެވެ. އެމަނިކުފާނު، ފާޅުގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ.

ރައީސް ސޯލިހަކީ ހުރަހެއް ނޫން

ނަޝީދު މިރޭ ވަނީ އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ނިޒާމާ ގުޅޭ ގޮތުން އޮތް ވިސްނުމާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.

ބޮޑުވަޒީރަކަށްވުމަށް ޝައުގުވެރިވެވަޑައިގަންނަވާކަން މީގެކުރިން ނަޝީދު ވަނީ ރައީސްއަށް ރަސްމީކޮށް ދަންނަވާފަ އެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވެފައިވަނީ އެއީ ރައްޔިތުން ނިންމާނެ ނިންމުމެއް ކަމަށެވެ.

އެކަމާ ގުޅިގެން ބަރުލަމާނީ ނިޒާމެއް ގެންނަން ރައީސް ސޯލިހު ބޭނުންފުޅު ނުވަނީ ކަމަކަށް ދޭހަވި އެވެ. ނަމަވެސް، ނަޝީދު ވިދާޅުވި ގޮތުގައި، ކަން އޮތީ އެހެނެއް ނޫނެވެ.

ނަޝީދު ގޮތުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތަށް ރައީސް ސޯލިހު ދެކޮޅެއް ނުހައްދަވަ އެވެ.

"އެމަނިކުފާނު އަޅުގަނޑު ކުރައްވާ ކަމަކަށް ދެކޮޅެއް ނުވެސް ހައްދަވާނެ،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑަކަށް ނުވިސްނޭ އަޅުގަނޑުމެން ދެ މީހުންނަކީ މިއީ މާބޮޑު ހަސަދަވެރިންގެ ގޮތުގައި ވިސްނާ ވިސްނުމެއް،"

ނަޝީދު ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމް ރާއްޖެއަށް ގެންނަން ރައީސް ސޯލިހަކީ އޮތް ހުރަހެއް ނޫނެވެ. އެކަމަށް ހުރަސް އަޅުއްވާނެ ކަމަކަށް ވެސް އެމަނިކުފާނު ވިދާޅުވެފައިނުވާ ކަމަށެވެ.

"ފާޅުގައި އެކަމާ ދެކޮޅަށް ނުކުމެ، ތިމަންނާ އަނެއްކޮޅަށް ނުކުމެ ކެމްޕެއިން ކުރައްވާނެ ކަމަކަށް، އެ ބާވަތުގެ އެއްވެސް ވާހަކައެއް ރައީސް ވިދާޅެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

"ކެނޑިޑޭޓަކީ އަޅުގަނޑު"

ނަޝީދު ވިދާޅުވި ގޮތުގައި، ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް ތާއިދު ކުރެއްވި ބޭފުޅަކީ އެމަނިކުފާނެވެ. އަދި، މިހާރު ވެސް އެމަނިކުފާނަށް އެންމެ އިހުލާސްތެރިވާނީ އެމަނިކުފާނު ކަމަށެވެ. ނަމަވެސް، ނަޝީދު ހުންނެވީ ދެން ވެރިކަމުގައި ދޫދެއްވާ ގޮތަކަށް ނޫނެވެ.

އެމަނިކުފާނު މިރޭ ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް އޮވެއްޖެނަ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި ހުންނަވާނީ އެމަނިކުފާނު އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ.

ނަމަވެސް، ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ކުރިން ނިޒާމް ބަދަލު ކުރެވޭނެ އެވެ. ނިޒާމް ބަދަލުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވާލައި، ބޮޑުވަޒީރު ހޮވާއިރު އެމަނިކުފާނުގެ ނަން ހުށަހަޅުއްވާނެ ކަމަށް ވެސް މިރޭ ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ.

"ބޮޑުވަޒީރަކު ހޮވާއިރު އަޅުގަނޑުގެ ނަން ހިމެނުމަށް އެދޭނަން،" ނަޝީދު ވިދާޅުވި އެވެ.