Advertisement

މަސްތުވާތަކެތި ވިއްކާ، ކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަންހެނަކު ރަށުން ބާލައިފި

5 ޖުލައި 2021 - 20:42 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހިތަދޫ: ކުޑަކުދިންނަށް ޑްރަގު ވިއްކާ، ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފައި


މަސްތުވާތަކެތި ވިއްކާ، ކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަންހެނަކު ރަށުން ބާލައިފި

5 ޖުލައި 2021 - 20:42 0

ކުޑަކުދިންތަކަކަށް މަސްތުވާތަކެތި ވިއްކާ، ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށް 23 އަހަރުގެ އަންހެނެއްގެ މައްސަލަ ފުލުހަށް ހުށަހަޅައި، އެ އަންހެން މީހާ ރަށުން ބާލައިފި އެވެ.

މިކަން ހިނގާފައިވަނީ ލ. ހިތަދޫގަ އެވެ.

މި ތުހުމަތުކުރާ އަންހެން މީހާއަކީ މައުލޫމާތު ލިބިފައިވާ ގޮތުގައި، މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. އަދި، އޭނާގެ ދެ ދަރިން ވެސް ތިބެނީ ދައުލަތުގެ ބެލުމުގެ ދަށުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު"އަށް ވިދާޅުވި ގޮތުގައި 23 އަހަރުގެ އަންހެނަކު މަސްތުވާތަކެތި ބޭނުންކޮށް، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ ރަށު ކައުންސިލުން އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އެ ރަށުގައި އިތުރަށް ހުރެއްޖެނަމަ ރަށުގެ މަސްލަހަތު ގެއްލިދާނެ ކަމަށްޓަކައި ފުލުހުންގެ އެހީތެރިކަމާއެކު އެހެން ރަށަކަށް މިއަދު އެމީހާ ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ބޮޑެތި ތުހުމަތުތަކެއް އެމީހާގެ މައްޗަށް ކުރި ނަމަވެސް، މިހާތަނަށް އޭނާ ހައްޔަރު ކޮށްފައެއް ނުވެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ޝަމޫން ވިދާޅުވި ގޮތުގައި އެ މައްސަލަ ރަށު ކައުންސިލަށް ހުށަހަޅައި، ސަމާލުކަމަށް ގެނައީ ބެލެނިވެރިއެކެވެ.

އެ މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށާއި އެ މައްސަލަ އެ މިނިސްޓްރީން ބަލަން ފަށާފައިވާކަން އަންގާފައިވާ ކަމަށް ޝަމޫން ވިދާޅުވި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، އަންހެން މީހާ ޖިންސީ ގޯނާ ކޮށްފައިވަނީ ކިތައް ކުދިންނަކަށް ކަން ނޭނގޭ ނަމަވެސް، އެއީ 14، 15 އުމުރުފުރާގެ ކުދިންތަކެއް ކަމަށެވެ. އަދި އޭނާ އަކީ އެ ރަށު މީހެއް ނޫން ކަމަށާއި އެއީ އެ އަތޮޅު މާމެންދޫ މީހެއް ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.