Advertisement

ނަޑެއްލާގައި އެމްބިއުލާންސެއް، ސްޓްރެޗާއެއް ނެތް، ބަލިމީހާ އުފުލީ ފޮތިގަނޑެއްގައި

21 ޖުލައި 2021 - 18:08 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ނަޑެއްލާގައި ބަލި މީހަކު އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ: އެ ރަށުގައި އޮންނަ އެމްބިއުލާންސް ހަލާކުވެފައި ވާއިރު މީހުން އުފުލުމަށް ބޭނުން ކުރާ ސްޓްރެޗާވެސް ހަލާކުވެފައިވާ ކަމަށް ކައުންސިލުން ބުނޭ-- ފޮޓޯ: ސޯޝަލް މީޑިއާ


ނަޑެއްލާގައި އެމްބިއުލާންސެއް، ސްޓްރެޗާއެއް ނެތް، ބަލިމީހާ އުފުލީ ފޮތިގަނޑެއްގައި

21 ޖުލައި 2021 - 18:08 0

ބަލިމީހާ އެއް ތަނުން އަނެއް ތަނަށް އުފުލާނެ ސްޓްރެޗާއެއްހާ ހިސާބު ވެސް ނެތެވެ؛ އެންމެ ފަހުން ބަލި މީހާ އުފުލީ ފޮތިގަނޑަކަށް ލައިގެންނެވެ. މިއީ ގދ. ނަޑެއްލާގެ ހާލަތެވެ.

ސޯޝަލް މީޑިއާއިން އިއްޔެ ސަމާލުކަމަށް އައީ ބަލި މީހަކު ފޮތިގަނޑަކަށް ލައި އުފުލައިގެން ލޯންޗަކަށް އަރުވާ މަންޒަރެވެ. ފޮތިގަނޑަކަށް ލައިގެން އޭނާ ލޯންޗަށް އަރުވަން ގެނައީ ވެސް ރަށު ޕިކަޕެއްގަ އެވެ.

ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު ވިދާޅުވި ގޮތުގައި ފޮޓޯއިން ފެންނަނީ މަހުގެ 13 ވަނަ ދުވަހު ހިނގި ކަމެކެވެ. އެ ބަލި މީހާއަކީ ކޮވިޑްގެ އަލާމާތްތައް ހުރެގެން ތިނަދޫ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ދުވަސްވީ، ބަލިމީހެކެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ރަށުގައި އެމްބިއުލާންސްއެއް ނެތެވެ. އެހެންވެ، އެމްބިއުލާންސްއެއްގެ ގޮތުގައި ބޭނުން ކުރަނީ އާންމުކޮށް ރަށްރަށުގައި ބޭނުން ކުރާ ރަށު ޕިކަޕެކެވެ.

އެމްބިއުލާންސް ނެތްތާ މިހާރު ދެ އަހަރުވަރު ވެއްޖެ ކަމަށާއި އެކަމުގެ ކަންބޮޑުވުންތައް ހެލްތް މިނިސްޓްރީއަށް ޕެޓިޝަނެއްގެ ޒަރިއްޔާއިން ވެސް ހުށަހަޅާފައިވާނެ ކަމަށް އަންޝާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީން ފުރަތަމަ ބުނެފައި ވަނީ އެ ރަށުގައި އޮތް އެމްބިއުލާންސް ހަދައިދޭނެ ކަމަށް ކަމަށެވެ. ނަމަވެސް، މިހާރު އެރަށަށް އެމްބިއުލާންސެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން މިއަދު ވިދާޅުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މީގެ ކުރިންވެސް އެމްބިއުލާންސް ބޭނުން ކުރަން ޖެހޭ ހާލަތެއް އައިސްފިނަމަ ބޭނުން ކުރަން އޮންނަނީ ހަމަ އެކަހަލަ (ރަށު ޕިކަޕް) ކަހަލަ ވެހިކަލެއް. އެ ބަލި މީހާ ލޯންޗަށް ގެންދިއުމަށްވެސް ބޭނުން ކުރީ ރަށު ޕިކަޕެއް." އަންޝާއު ވިދާޅުވި އެވެ.

ނަޑެއްލާގައި އެމްބިއުލާންސް ނެތުމުގެ އުނދަގޫ އާންމު ރައްޔިތުންނަށް ކުރަމުން ދާއިރު މި އަހަރު ޖެނުއަރީ މަހު ވަނީ ށ. މަރޮށީގައި އޮންނަ އެމްބިއުލާންސް ހަލާކުވެ ރަށު ގާޑިޔާއެއް ބޭނުން ކުރަމުންދާ މައްސަލައެއް ވެސް ފެންމަތިވެފަ އެވެ.

މީގެ އިތުރުން މި ފަހުން ވެސް ވަނީ އެމްބިއުލާސްގެ މައްސަލަތަކެއް ދިމާވެ، ހާދިސާތަކެއް ހިނގާފަ އެވެ. އެގޮތުން މާލޭގައި ކޮވިޑަށް ޕޮޒިޓިވްވި 10 އަހަރުގެ ކުއްޖަކު، އެމްބިއުލާންސް ލަސްވުމުގެ ސަބަބުން މަރުވި ހާދިސާއަކާއި އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ ކޮވިޑް ބަލީގެ މާބަނޑު އަންހެނެއްގެ ދަރިފުޅު އެމްބިއުލާންސް ތެރެއަށް މަރުވި މައްސަލައެއް ފެންމަތިވެފައިވެ އެވެ.