Advertisement

ނަފުރަތުގެ ބިލު: ރަނގަޅު ގޮތް ވެސް މިހާރު އޮޅިއްޖެ!

5 ޖުލައި 2021 - 08:43 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ނަފުރަތު އުފެއްދުން ޖިނާއީ ކުށަކަށް ހަދަން ސަރުކާރުން ހުށަހަޅައިގެން އުޅޭ ބިލާ މެދު ހިޔާލުތަފާތުވުންތައް ބޮޑު. -ވިޝުއަލްސް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


ނަފުރަތުގެ ބިލު: ރަނގަޅު ގޮތް ވެސް މިހާރު އޮޅިއްޖެ!

5 ޖުލައި 2021 - 08:43 1

"ކިހިނެއްތަ ދެން މި އޮންނަންވީ؟ ކޮބައިތަ ރަނގަޅު ގޮތަކީ؟" އެކުގައި މަސައްކަތް ކުރާ ނޫސްވެރިޔަކު ވެސް ކުރީ ގިނަ ބަޔެއްގެ ސިކުނޑީގައި އެނބުރެމުންދާނެ ސުވާލެވެ.

ދީނާ ގުޅުވައިގެން ނަފުރަތު އުފެއްދުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހެއް ގެންނަން، ކުއްލި ގޮތަކަށް ބިލެއް ހުށަހެޅި ހިސާބުން ވެސް އޮތީ ގޯސްވެފަ އެވެ.

މިހާރު އާއްމުވެފައިވާ ނުބައި ސަގާފަތުގެ ދަށުން، އެ ބިލު އާއްމުންނަށް ފަހުމްވާނެ ގޮތެއް ވިސްނައި ނުގަނެވުނީމަ އެވެ. ދީނާ ގުޅޭ ކޮންމެ ކަމެއްގައި ދެކަފިވެފައިވާ މުޖުތަމައުއެއްގައި މަޝްވަރާގެ ރިވެތި އުސޫލު ހިޔާރު ނުކުރުމުން، އުފެދުމުގައި ވެސް އެއް ބަޔަކަށް އެ ބިލު ބަލައިނުގަނެވުނެވެ. އެ ބަޔަކަށް އެއީ ބުނަނީ އެ ބިލް އޮތްގޮތުން ދީނާދެކޮޅު ކަންތައްތަކަށް ފުރުސަތު ލިބޭ ކަމަށެވެ. އިސްލާމްދީން ފަތުރައި މުންކަރާތް ނަހީކުރަން ހުރަސްއެޅޭކަމީ އެ މީހުންގެ ކަންބޮޑުވުމެވެ.

އެ ބިލާ މެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުންގެ ތިލަ ވިސްނުމުން ފުރާނާ ނިމި، ދިރާސާ ކުރަން މަޖިލީހުގެ ކޮމިޓީއަށް ދިޔައިރު ވެސް އެ ބިލާ މެދު އެތައް ތަސައްވުރެއް އުފެދި އޮތީ ނިމިފަ އެވެ.

އެ ބިލު ހުށަހެޅުމުގެ ކުރިން ސަރުކާރުން ކޮންމެ ކުރަންޖެހޭނެ، އެކަމަކު ނުކޮށް އޮތް ހިޔާލު ހޯދުމުގެ މަސައްކަތް ކޮމިޓީން ކުރި އެވެ.

އެ ބިލަށް އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ހިޔާލު ކޮމިޓީން ވަނީ ހޯދައިފަ އެވެ. އޭގެ އިތުރުން، އެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލުމުން، ގިނަ ބަޔަކު ހިޔާލު ހުށަހަޅައިފަ އެވެ.

އެ ހިޔާލުތަކަށް ރިއާއަތްކޮށް، އެ ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އެ ބިލަށް ބޮޑެތި އިސްލާހުތައް ގެނެސްފަ އެވެ.

އެގޮތުން، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، އެ ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގެ ފުރަތަމަ މާއްދާގައި ފުރަތަމަ އޮތް ގޮތާމެދު އެވެ.

އެއާއެކު އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން އެއީ ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ މާއްދާ ވަނީ މުޅިން އިސްލާހުކޮށްފަ އެވެ.

124 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ (1) އިސްލާހުކުރި ގޮތް


ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި އާއްމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތުކުރުން؛

ދެން އެ ބިލާ ގުޅޭގޮތުން ހިތްހަމަނުޖެހުން އެންމެ ބޮޑު އެއް މާއްދާކަމަށްވާ އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހަދާތީ އެވެ. އިސްލާމިކް މިނިސްޓްރީން ވެސް ހުށަހެޅި ގޮތަށް ކޮމިޓީން ވަނީ އެ މާއްދާ އެކީގައި އުނިކޮށްފަ އެވެ.

އޭގެ އިތުރުން މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމުގެ އިތުރުން އެކަމުގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބައިތައް ވެސް ވަނީ ވަރަށް ބޮޑަށް އިސްލާހުކޮށްފަ އެވެ.

124 ވަނަ މާއްދާގެ (ހ). 1ގެ (3) އަދި (4) އިސްލާހުކުރި ގޮތް


މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުނުކުރާހާ ހިނދަކު، ނުވަތަ ގަސްދުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، އާންމު ތަނެއްގައި، އެމީހަކު ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ނުވަތަ އެފަދައިން ތުހުމަތުކުރުމުގައި ނުވަތަ ސިފަކުރުމުގައި ބައިވެރިވުން.

އެކަމަކު ދީނާ ގުޅޭ ބިލަކާމެދު ހިޔާލު ހޯދައި އިސްލާހުކުރަން އޭރު ވެސް މާ ލަސްވެފައިވާކަން ހާމަވީ، އެ ބިލު ރަނގަޅުކުރުމުގެ ނިޔަތުގައި ކޮމިޓީން ގެނައި އިސްލާހުތަކާމެދު އަނެއްކާވެސް ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރަން ފެށުމުންނެވެ.

ބިލު މިހާރު ކުރިއަށް ވުރެ ގޯސް؟

ކޮމިޓީގައި އެ ބިލު ދިރާސާ ކުރަމުން ދިޔަ އިރު ވެސް، އެ ބިލާ ދެކޮޅު ހެއްދެވީ އެމްޑީޕީއަށް ނިސްބަތްނުވާ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އެވެ.

އަލީ ހުސެއިންގެ މައިގަނޑު ކަންބޮޑުވުން އޮތީ ފުރަތަމަ މާއްދާ އިސްލާހުކޮށްފައިވާ ގޮތުންނެވެ.

ދީނީ އިލްމުވެރިންގެ މެދުގައި ތަފާތު ގިނަ ރައުޔުތައް ހުންނައިރު، އެ ހުރިހާ ރައުޔުތަކެއް ގާނޫނުން ސައްހަ ރައުޔުތަކުގެ ގޮތުގައި ބަލައިގަތުމަކީ ނުރައްކާތެރި ފާލެކެވެ.

"ބައެއް އިލްމުވެރިން އެބަ ބުނޭ ޗާޕުކޮށްފަ ހުންނަ ފައިސާއިން ޒަކާތް ދައްކާކަށް ނުޖެހޭނެއޭ. ދެން އެއް ބިލިއަން ޑޮލަރު ހުރި މީހަކު އެ ރައުޔުގައި ހިފައިގެން ޒަކާތް ދައްކަން މި ދެކޮޅު ހަދަނީ. މި ބިލު މި އޮތް ގޮތަށް ފާސްވެއްޖެނަމަ އަޅުގަނޑުމެންނަށް އެ މީހާއަށް ދިމާއަށް ނުބުނެވޭނެ ދީނުގެ އަސްލާ ހިލާފު މީހެކެވޭ ވެސް،" އަލީ ހުސެއިން ވިދާޅުވި އެވެ.

ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި އިސްލާމްދީނާއި ދައުލަތް ވަކިނުކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވާއިރު، އެ މާއްދާގެ ނިވަލުގައި ސެކިޔުލާ ވިސްނުން ރާއްޖޭގައި ފަތުރަން ވެސް މަގުފަހިވެގެންދާ ކަމަށް ވިދާޅުވި އެވެ.

އަލީ ހުސެއިންގެ އިތުރުން، އެ މާއްދާ މިހާރު އޮތް ގޮތަށް ފާސްކޮށްފި ނަމަ، އޭގެން ހުޅުވިދާނެ މާ ނުރައްކާތެރި ދޮރެއް ފާހަގަކުރެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަން ވެސް ކުރެއްވި ޝަހީމް ވިދާޅުވާ ގޮތުގައި، އިސްލާމީ ފިގުހުގައި އުފެދިފަ ހުންނަ ކޮންމެ ހިލާފަކީ މުއުތަބަރު ހިލާފެއްނޫން ނަމަވެސް، އެ މާއްދާ އޮތް ގޮތުން އެ ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބެ އެވެ.

އެގޮތުން، ކީރިތި ގުރުއާނާއި ސައްހަ ހަދީސްތަކާ ހިލާފަށް ވެސް ބައެއް އިލްމުވެރިންގެ ރައުޔުތައް ހުންނައިރު، އޭގެ ރައުޔެއްގެ މައްޗަށް ބިނާކޮށް މީހަކު ކުރާ އަމަލެއް ނުވަތަ ބުނާ ބަހެއް ދީނާ ހިލާފު ކަމަށް ބުނުމުގެ ޖާގަ ގެއްލޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެއީ އެ މާއްދާގައި ދީނީ އިލްމުވެރިންނަކީ ކޮބައިކަން ބަޔާންކޮށްފައިނުވާތީ ލިއްބައިދޭނެ ޖާގައެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ބިލުގައި ބުނާ އިލްމުވެރިންނަކީ ކޮބައިތޯ؟ އެމްޑީޕީގެ އިލްމުވެރިންތޯ؟ ޝަހީމްތޯ؟ އިލްޔާސްތޯ؟ މުޖުތަހިދުން؟ ސުންނަތް ޖަމާއަތުގެ އިލްމުވެރިންތޯ؟" ޝަހީމް ސުވާލު ކުރެއްވި އެވެ.

އެ ނުކުތާއަށް ބާރު ދެއްވަން ޝަހީމް ނެންގެވީ މިހާރު އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ އަންހެނުން ހިތާނު ކުރުމާމެދު އޮތް ހިޔާލުތަފާތުވުމެވެ.

އޭނާ ވިދާޅުވީ އަންހެނުން ހިތާނުކުރަންޖެހޭ ކަމަށް ވެސް ބުނަނީ އިސްލާމީ މަޒުހަބުތަކެއްގެ ރައުޔުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެއާއެކު މި ބިލާ އެކު އެކަމަށް ދެކޮޅު ހެދުމުގެ ފުރުސަތު ވެސް ގެއްލިގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ނަމަވެސް، މި ބިލުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނީ ރާއްޖޭގައި މިހާރު އޮތް ދީނީ ހަރުކަށި ފިކުރުގެ ފަރާތުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސަބަބަކީ ޝަހީމް ވިދާޅުވި ގޮތުގައި، ހަރުކަށި ވިސްނުން އާއްމުގޮތެއްގައި ބިނާވެފަ ހުންނަނީ އެމީހުން ގަބޫލުކުރާ ވަކިވަކި އިލްމުވެރިންގެ ބަހަށެވެ.

އެހެންކަމުން މި ބިލާއެކު ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންނަށް ވެސް ހިމާޔަތްލިބޭ ކަމަށް ޝަހީމް އިންޒާރު ދެއްވި އެވެ.

"ނުބައި މާނަކުރުމެއްގެ ތެރެއިން ވިޔަސް ހަރުކަށި ފިކުރު ވެސް ބިނާކޮށްފައި މި އޮންނަނީ ކޮންމެ ވެސް އިލްމުވެރިއެއްގެ ބަހަށް. އެ ޒަމާނުގައި އޮތް ހާލަތުގެ މައްޗަށް މުޝްރިކުން ފެންނަތާކުން ގަތުލުކުރުމާއި ލޭ ހުއްދަވުން ފަދަ މުސްކުޅި ރައުޔުތަކަށް. މި ބިލުގައި އެހެން އޮތީމާ މި ބޭނުންކުރާނެ ހަރުކަށި ފިކުރުގެ ހިމާޔަތުގައި،" ޝަހީމް ވިދާޅުވި އެވެ.

މާނަކުރުމުގެ ހައްލު ގާނޫނުއަސާސީގައި

ނަމަވެސް، ނިމުމެއްނެތް މި ބަހުސްގެ އަނެއް ކޮޅު ފާހަގަކޮށްދެއްވައި އެ ކަންބޮޑުވުންތަކަށް ރައްދު ދެއްވީ ޖުޑީޝަރީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

އޭނާ ވިދާޅުވާ ގޮތުގައި ރާއްޖޭގައި އޮންނަނީ ސުންނީ ޖުމްހޫރިއްޔަތެކެވެ.

އެކަން ގާނޫނުއަސާސީގައި ވެސް ސާފުކޮށް ބަޔާންކޮށްފައި އޮންނައިރު، ސުންނީ އިލްމުވެރިންގެ މެދުގައި އެބުނާ ބޮޑެތި ހިލާފުތަކެއް ނުހުންނަކަން އޭނާ ފާހަގަކުރައްވަ އެވެ.

އޭގެ ސަބަބުން، އެ ބިލުގެ މާއްދާ މާނަކުރުމާމެދު އޮޅުމެއް އަރައިފިނަމަ، ގާނޫނުއަސާސީގައި އެކަން މާނަކޮށްފައިވާ އޮތް ގޮތަށް ރިއާއަތްކުރެވޭނެ ކަމަށް, ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ސިރާޖު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) - އިސްލާމީ ޝަރީއަތް މާނަކުރުން


"އިސްލާމީ ޝަރީއަތް" ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަހުވާލުއްޝަހުސިއްޔާ އާއީ މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލް ޖަމާއަތުގެ އިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ.

"ދެން ލޯހިރީ ފަދަ އެހެން މަޒުހަބުތަކުގައި ގެންގުޅޭ ރައުޔުތަކެއް މީގެ ތެރެއަކަށް ނުގެނެވޭނެ. އިސްލާމީ ޝަރީއަތަކީ ކޮބައިކަން އެބައޮތް ގާނޫނުއަސާސީގައި. ދެން ގުރުއާނާއި ސައްހަ ސުންނަތްތަކާ ހިލާފަށް އޮންނަ ރައުޔުތައް މި ބިލުގެ ތެރެއަށް ނުވެއްދޭނެ،" ސިރާޖު ވިދާޅުވި އެވެ.

ރަނގަޅުގޮތް މިނިސްޓްރީން ވެސް ސާފެއް ނުވި

އެ ބިލު ކޮމިޓީން އިސްލާހުކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގެ ލަފާއަށް ބިނާކޮށް ކަމަށް ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ބިލުގައި އިސްލާހުތައް ހިމެނީ މިނިސްޓްރީން ހުށަހެޅި ގޮތަށް، އިބާރާތްތަކަށް ކުދިކުދި ބަދަލުތައް ގެނެސްގެން ކަމަށް، އެ ބިލު ނިންމައި، އަނބުރާ މަޖިލީހުގެ ތަޅުމަށް ފޮނުވާލިއިރު ވެސް އިންތި ގެންދެވީ ފާހަގަކުރައްވަމުންނެވެ.

އެހެންކަމުން، ހާއްސަކޮށް ބިލުގެ ފުރަތަމަ މާއްދާއާ ގުޅޭގޮތުން އުފެދިފައިވާ ހިލާފަށް ޖަވާބެއް ހޯދަން މިނިސްޓްރީއާ ގުޅުމުން، މައްސަލަ އިތުރަށް ވީ ގޯހެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވި ގޮތުގައި، ހާއްސަކޮށް ބިލުގެ ފުރަތަމަ މާއްދާ ކޮމިޓީން އިސްލާހުކޮށްފައިވަނީ މިނިސްޓްރީން ލަފާދިން ގޮތަށް ނޫނެވެ.

އެގޮތުން، ދީނީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދޭ ކަންކަން ހުންނައިރު، އެ މާއްދާ މިހާރު އޮތް ގޮތުން ހުރިހާ ރައުޔުތައް ސައްހަ ރައުޔުތަކެއްގެ ގޮތުގައި ބަޔާންވެފައި އޮތުމަކީ މިނިސްޓްރީގެ ވެސް ކަންބޮޑުވުމެއް ކަމަށް ޒާހިރު ފާހަގަކުރައްވަ އެވެ.

"ދީނީ އިލްމުވެރިންގެ މެދުގައި އޮންނަ ކޮންމެ ރައުޔުއަކީ މުއުތަބަރު ރައުޔެއް ނޫން. މި ހުންނަ ބައެއް ޝާއްދު ރައުޔުތައް ކައުންޓެއް ނުކުރެވޭނެ ސުންނީ މުސްލިމު މުޖުތަމައުއެއްގައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބިލަށް ގެނައި އިސްލާހުތައް ކޮމިޓީން ފާސްކޮށް، އަނބުރާ ތަޅުމަށް ފޮނުވާފައިވާއިރު، ހާއްސަކޮށް އެ މާއްދާ އަދިވެސް އިސްލާހުކުރަން ހުށަހެޅުމާ މެދު މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްކުރަންވީ ބިލުގެ މަގުސަދު

މި ކޯޅުމުގެ ތެރެއިން މިފަދަ ބިލެއްގެ ހަގީގީ މަގުސަދު ހަނދާންކޮށްދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި، އާއްމު ރައްޔަތުންގެ ދީނީ ޖަޒްބާތުތަކާ ނަހަމަ ގޮތުގައި ކުޅެގެން، ދިވެހި މުޖްތަމައުގައި ނަފުރަތުގެ އޮއިވަރުތަކެއް ދެމެމުންދާ ކަމީ ގަބޫލުކުރަންޖެހިފައިވާ ހަގީގަތެއް ކަމަށެވެ.

އެގޮތުން، ވަކި ފިކުރެއް ދިރުވައި، އެ ފިކުރުގެ އަހުލުވެރިންގެ ބަސް ނޫން ބަހެއް ގަބޫލުކުރާ، ނުވަތަ އެ ފިކުރުގެ މީހުންނާ އިދިކޮޅުވާ ބަޔަކަށް ކުފުރުގެ އިލްޒާމު އަޅުވައި، ލޭ ހުއްދަކޮށް އުޅުމުގެ ނުރައްކާތެރި ސަގާފަތް ނައްތާލަންޖެހޭ ކަމަށް އޭނާ ވިދާޅު ވެ އެވެ.

"ސޯޝަލް މީޑިޔާއަކީ ރަށް މެދުގަ ހުންނަ ފާރެއްގަ ލިޔުން ކަހަލަ ކަމެއް. އޭގެ ކައިރިން ދާހާ ބަޔަކަށް އޭގައި ލިޔެފަ ހުންނަ އެއްޗެއް ފެންނާނެ. ދެން އެ ފެނިގެން އެ މީހަކާ ދޭތެރޭ އުފެދޭ ކޮންމެ ތަސައްވަރަކަށް ޖަވާބު ދެވޭނެ ގޮތެއް ނޯންނާނެ،" އަމިއްލަ ތަޖުރިބާތަކަށް ވެސް އަލިއަޅުވާލައްވަމުން ޒަކަރިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ފިގުހީ ފިކުރަކީ ގުރުއާނާ ސައްހަ ހަދީސްތަކުން އިލްމުވެރިންނަށް ފަހުމްވާ އެއްޗެކެވެ. އޭގައި ބަލިކަށި ރައުޔުއެއް ނަމަވެސް، އެއީ އިހުތިރާމް ކުރަންޖެހޭ ރައުޔުއަކަށް ވާނެ ކަމީ އޭނާ ގަބޫލުކުރައްވާ ގޮތެވެ. އާއްމުކޮށް ގަބޫލުނުކުރެވޭ ދީނީ ރައުޔުއެއް ފާޅުކުރާ ކޮންމެ މީހަކީ ދީނާ ހިލާފުވެ، މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިއްކަ ޖެހުމަކީ އިސްލާމްދީން ގަބޫލުކުރާ އުސޫލެއް ނޫން ކަން އޭނާ ފާހަގަކުރައްވަ އެވެ.

މުންކަރާތް ނަހީކޮށް އިސްލާމްދީނުގެ އަމުރު މައުރޫފު ހިންގުމަށް ހުރަސްނޭޅޭނަމަ މި ބިލަށް އޭނާ ތާއީދުކުރައްވަނީ އެހެންވެ އެވެ. ހުރިހާ ކޮޅަކުން ވެސް ނަފުރަތު އުފެއްދުން ހުއްޓުވަންޖެހޭތީ އެވެ.

އެކަމަކު އެއީ އޭނާގެ ހިޔާލެވެ. އެކަމާ ވެސް ދެކޮޅު ހަދާ ބަޔަކު ތިބޭނެ އެވެ. އެ ހިޔާލަށްޓަކައި އޭނާ ދީނާ ހިލާފުކަމަށް ކަނޑައަޅައި ނިންމައިގެންނެވެ.

"އެހެންވެގެން އަޅުގަނޑު އަބަދުވެސް މިހުންނަނީ ޝަހާދަތުގެ ދެ ކަލިމަ ކިޔާލަ ކިޔާލަ. ބުނެވޭ އެއްޗަކުން ދީނުން ބޭރު މީހެއް ކަމަށް ބުނާތީ. ޝަހާދަތް ނުކިޔާނެތާ އިސްލާމްދީން ގަބޫލުނުކުރާ މީހެއް،" ޒަކަރިއްޔާ ވިދާޅުވި އެވެ.

އެއީ ހަގީގަތުގައި ވެސް ރާއްޖެ މިހާރު އޮތް ހާލަތެވެ. ރަނގަޅު ނުބައި ވަކިނުވާ ވަރަށް، މުޖުތަމައުގެ ތެރޭގައި ހިލާފުތައް އުފެދި، އޮތީ އަގީދާގެ ބިންގަލާ ހަމައަށް މޫލައިފަ އެވެ.

އެކަމަކު ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދެން މެދުވެރިވާ ސީދާ ސަބަބު، ހަމައެކަނި މި ބިލުގެ ތެރެއިން ފެނުނު "ޗަރުކޭހުން" ސާފުކޮށް ހާމަވެ އެވެ. ދެން ކޮންމެ ގޮތަކަށް މި ބިލު އިސްލާހުކުރެވިގެން އައި ނަމަވެސް، ކޮންމެވެސް އެއް ކޮޅަކުން އެކަމާ ފާޅުގައި ދެކޮޅު ހަދާނެ އެވެ.

"މިފަދަ ހައްސާސީ ކަންކަމުގައި ކަން ކުރަންޖެހޭ ތަރުތީބު އޮޅުވައިލުމުގެ ނަތީޖާ އަކީ މިއީ،" މިކަމުގައި ސުވާލުކުރި ނޫސްވެރިޔާ ބުންޏެވެ.