Advertisement

އޭއެފްސީ ކަޕް ރާއްޖެ ގްރޫޕް މެޗުތައް ހޯސްޓްކުރަން ފިނި ތަރުހީބެއް!

4 ޖުލައި 2021 - 13:33 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މި ފަހަރުގެ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އީގަލްސް އިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އޭއެފްސީ ކަޕް ރާއްޖެ ގްރޫޕް މެޗުތައް ހޯސްޓްކުރަން ފިނި ތަރުހީބެއް!

4 ޖުލައި 2021 - 13:33 0

މިދިޔަ މެއި މަހު ރާއްޖޭގައި ބާއްވަން މަސައްކަތްކޮށް ފަހު ވަގުތު ފަސްކުރަން ޖެހުނު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް އަންނަ މަހު ހޯސްޓްކުރުމުގެ ގޮތުން ބިޑް ކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ވަރަށް ގައުމުތަކުގެ ތަރުހީބު އަދި މިހާތަނަށް ނުލިބޭކަން "އަދަދު" އަށް އެނގިއްޖެ އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖެ ގްރޫޕްގެ މެޗުތައް މިހާތަނަށް ވަނީ ދެ ފަހަރެއްގެ މަތިން ފަސްކޮށްފަ އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ ޕްލޭއޮފްބުރުގައި އޮތް ރާއްޖޭގެ އީގަލްސް ނޫނީ އިންޑިއާގެ ބެންގަލޫރަށެވެ.

ރާއްޖޭގައި މިދިޔަ މެއި މަހު 11 އިން 20 އަށް އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ރޭވިފައި އޮއްވައި ފަހު ވަގުތު ފަސްކުރަން ޖެހުނީ ޕްލޭއޮފް ކުޅެން މާލެ އައި ބެންގަލޫރު ޓީމުގެ ދެ ކުޅުންތެރިއަކާއި އޮފިޝަލަކު ޕްރޮޓޮކޯލާ ހިލާފުވެ، މަގުމައްޗަށް ނުކުތުމުންނެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ޕްރޮޓޮކޯލްގައިވާ ގޮތުން ކުޅުންތެރިންނާއި އޮފިޝަލުންނަށް ބޭރަށް ނުކުމެވޭނީ މެޗާއި ޓްރެއިނިން އަށް އެކަންޏެވެ. އެކަމަކު ބެންގަލޫރު ޓީމުގެ ތިން މެމްބަރަކު ވަނީ ބޭރަށް ނުކުމެ ޕްރޮޓޮކޯލް މުގުރާލައިފަ އެވެ. އެހެންވެ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ސަރުކާރުގެ އެންގެވުމާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އޭރު ރާއްޖޭގައި މެޗުތައް ނުބޭއްވޭނެކަން އެފްއޭއެމުން އޭއެފްސީ އަށް އެންގީ އެވެ.

މުބާރާތުގެ މެޗުތައް ފެށެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ރާއްޖޭގައި މެޗުތައް ނުކުޅެވޭނެ ކަމަށް ނިންމުމުން އޭއެފްސީގެ ޑިސިޕްލިނަރީ ކޮމިޓީން އަންނަނީ ރާއްޖޭގެ މައްސަލައެއް ބަލަމުންނެވެ.

އޭއެފްސީން މެއި މަހު ފަހުކޮޅުގައި ނިންމީ މިދިޔަ މަހުގައި އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ މެޗުތައް ކުޅޭށެވެ. އޭރު އެކުލަވާލި ޝެޑިއުލްގައިވާ ގޮތުން ޕްލޭއޮފާއި ގްރޫޕް ސްޓޭޖު މެޗުތައް ކުޅެން ނިންމީ މިދިޔަ ހަފްތާ އާއި މި ހަފްތާގަ އެވެ. އެކަމަކު މި މުއްދަތުގައި ވެސް ބާއްވަން އެއްވެސް ގައުމަކުން ބިޑް ނުކުރާތީ ޖެހުނީ މެޗުތައް ފަސްކުރާށެވެ.

އެހެންވެ، މިދިޔަ މަހު އެއް ވަަނަ ދުވަހު އޭއެފްސީން ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭށެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހު 18 އިން 24 އަށް ކުރިއަށްގެންދާށެވެ. އަދި އޭރު ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ބާއްވަން ބިޑް ކުރަން ގައުމުތަކަށް ހުޅުވާލައިފަ އެވެ.

އެ މެޗުތައް ބާއްވަން ބިޑް ކުރަން ހުޅުވާލި ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ. "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އެއްވެސް ގައުމަކުން އެ ގްރޫޕްގެ މެޗުތައް ބާއްވަން ރަސްމީކޮށް ބިޑްކޮށްފައެއް ނުވެ އެވެ.

ކުރިން ބެލެވިފައި އޮތީ އަންނަ މަހުގައި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ ބަންގްލަދޭޝްގައި ކަމަށެވެ. ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްގެ ވެރިން އެ ގައުމުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވެސް މީގެ ކުރިން ވަނީ އޭއެފްސީ ކަޕްގެ މެޗުތައް އަންނަ މަހު ކުޅޭނަމަ ބިޑްކުރާނެ ކަމަށް ބުނެފަ އެވެ.

އެކަމަކު، ބަންގްލަދޭޝްގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ ބަޝުންދުރާ އިން އެ ގައުމުގައި މެޗުތައް ހޯސްޓްކުރަން ބޭނުންވިޔަސް އެކަން ކުރަން އެ ބަންގްލަދޭޝްގެ ސަރުކާރުގެ ހުއްދަ ނުލިބޭނެ ކަމަށް އެ ގައުމުގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕެއްގެ މެޗުތައް ދާދި ފަހުން ކުޅުނު އިންޑިއާގެ ގޯއާގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތައް ކުޅެވިދާނެތޯ ބެންގަލޫރާއި އޭޓީކޭ މޯހަން ބަގާން އިން ވަނީ އެދިފަ އެވެ. އެކަމަކު، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނަށް އަދި އެކަމުގައި ވަކި ގޮތެއް ނުނިންމާތީ އެ ގައުމުން ބިޑް ކޮށްފާނެތޯ އޮތީ ސުވާލު އުފެދިފަ އެވެ.

އޭއެފްސީ ކަޕްގެ މެޗުތައް މިދިޔަ އަހަރާއި މި އަހަރު ސެންޓަރަލައިޒްކޮށް ކުޅެން ބިޑްކުރަން ހުޅުވާލި ފުރުސަތުގައި ރާއްޖޭން ވަނީ ދެ ފަހަރު ވެސް ބިޑް ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރު ރާއްޖޭން އެކަނި ބިޑްކުރިއިރު، މި އަހަރު ރާއްޖޭން ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕް އެއްކޮށް ކެންސަލްކުރީ މެޗުތައް ބާއްވާނެ ދުވަސް ވެސް ޝެޑިއުލް ކުރުމަށް ފަހު އެވެ. އެއީ ހުރިހާ ގްރޫޕެއްގެ މެޗުތައް ބޭއްވޭނެ ގޮތެއް އޭރު ނުހޯދޭތީ އެވެ.

އޭއެފްސީން އަލުން ރާއްޖެ އަށް އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ދީފާނެތޯ ވެސް އެއީ އުފެދޭ ސުވާލެކެވެ. އެކަމަކު، އެކަން ކުރަން ބަލާއިރު މި ވަގުތަށް ރާއްޖެ އަށް ފުރުސަތު ކުޑަކޮށް އޮތް އެންމެ ބޮޑު ސަބަބަކީ މީގެ ދޮޅު މަސް ކުރިން ރާއްޖޭގައި ބާއްވަން ޝެޑިއުލްކޮށްފައި މެޗުތައް ފެށެން ހަފްތާއެއްހާ ދުވަހަށް ވެފައި އޮއްވައި މެޗުތައް ނުބޭއްވޭނެ ކަމަށް ނިންމުމުންނެވެ.

ކުރިއަށް އޮތްތަނުގައި އޭއެފްސީން ކަނޑައަޅާފައިވާ ތާރީހުތަކުގައި އޭއެފްސީ ކަޕްގެ މެޗުތައް ކުރިއަށް ގެންދެވޭތޯ އެ ފެޑެރޭޝަނުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ އެވެ. އެއީ މުބާރާތުގެ މެޗުތައް އިތުރަށް ފަސްކުރަން ޖެހިއްޖެނަމަ މީގެ ސަބަބުން ކްލަބްތަކަށް ލިބޭނެ ގެއްލުންތައް އިންތިހާ އަށް ބޮޑުވުމުންނެވެ. އޭއެފްސީ ކަޕްގެ 10 ގްރޫޕްގެ ތެރެއިން ހަ ގްރޫޕްގެ މެޗުތައް ވަނީ ކުޅެ ނިމިފަ އެވެ.