Advertisement

ނަފުރަތުގެ ބިލު: އިލްމުވެރިންގެ ރައުޔު މާނަކުރުމުގައި މިނިސްޓްރީގެ ވެސް ކަންބޮޑުވުން

4 ޖުލައި 2021 - 12:59 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މިސްކިތެއް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވާހަކަ ދައްކަވަނީ: ނަފުރަތުގެ ބިލާމެދު އޮތް ކަންބޮޑުވުންތައް އަދިވެސް މުޅީން ހައްލުނުވޭ. -ފައިލް ފޮޓޯ: ރައީސް އޮފީސް


ނަފުރަތުގެ ބިލު: އިލްމުވެރިންގެ ރައުޔު މާނަކުރުމުގައި މިނިސްޓްރީގެ ވެސް ކަންބޮޑުވުން

4 ޖުލައި 2021 - 12:59 1

އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ ކޮމިޓީން ގެނައި ބަދަލުތަކާމެދު އިސްލާމިކް މިނިސްޓްރީން ވެސް މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

އެ ބިލާ މެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުންގެ މެދުގައި ވެސް އުފެދިފައިވާ ހިޔާލުތަފާތުވުންތައް ބޮޑެވެ.

އެ ބިލަށް އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ހިޔާލު ކޮމިޓީން ވަނީ ހޯދައިފަ އެވެ. އޭގެ އިތުރުން، އެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލުމުން، ގިނަ ބަޔަކު ވަނީ ހިޔާލު ހުށަހަޅައިފަ އެވެ.

އެ ހިޔާލުތަކަށް ރިއާއަތްކޮށް، އެ ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އެ ބިލަށް ބޮޑެތި އިސްލާހުތައް ގެނެސްފަ އެވެ.

އެގޮތުން، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، އެ ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގެ ފުރަތަމަ މާއްދާގައި ފުރަތަމަ އޮތް ގޮތާމެދު އެވެ.

އެއާއެކު އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން އެއީ ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ މާއްދާ ވަނީ މުޅިން އިސްލާހުކޮށްފަ އެވެ.

124 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ (1) އިސްލާހުކުރި ގޮތް


ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި އާއްމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތުކުރުން؛

އެކަމަކު އެ މާއްދާ ރަނގަޅުކުރުމުގެ ނިޔަތުގައި ކޮމިޓީން ގެނައި އިސްލާހާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ދަނީ ފާޅުކުރަމުންނެވެ.

އެގޮތުން، އިސްލާމްދީނުގައި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވާ ގިނަ ކަންކަން ހުންނައިރު، ވަކި ރައުޔުއެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި އޮތް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އަމަލުކޮށް ބަސްބުނުމުގެ ޖާގަ ލިބޭ ކަމަށް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، އެ މާއްދާގައި ދީނީ އިލްމުވެރިންނަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، ދީނީ އިލްމުވެރިންގެ މެދުގައި އޮތް ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.

އަދި ހަރުކަށި ވިސްނުން އާއްމުގޮތެއްގައި ބިނާވެފަ ހުންނަނީ އެމީހުން ގަބޫލުކުރާ ވަކިވަކި އިލްމުވެރިންގެ ބަހަށް ކަމަށްވާއިރު، ބިލުގެ އެ މާއްދާ އޮތް ގޮތުން ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ވިސްނުމަށް ވެސް ހިމާޔަތްލިބޭ ކަމަށް ޝަހީމް ވިދާޅުވެ އެވެ.

އެ މާއްދާ އިސްލާހުކުރީ މިނިސްޓްރީން ލަފާދިން ގޮތަކަށް ނޫން

އެ ބިލަށް އިސްލާހުތައް ގެނައީ އިސްލާމިކް މިނިސްޓްރީން ލަފާދީން ގޮތަށް ހަމައެކަނި ޖުމްލަތަކުގެ ތަރުތީބަށް ކުދިކުދި ބަދަލުތައް ގެނެސްގެންކަމަށް އެ ކަންބޮޑުވުންތަކުގެ ދިފާއުގައި ކޮމިޓީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، އެ ވާހަކަ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ދޮގުކުރައްވަ އެވެ.

މިނިސްޓަރު މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި، ހާއްސަކޮށް ބިލުގެ ފުރަތަމަ މާއްދާ ކޮމިޓީން އިސްލާހުކޮށްފައިވަނީ މިނިސްޓްރީން ލަފާދިން ގޮތަށް ނޫނެވެ.

އެގޮތުން، ދީނީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދޭ ކަންކަން ހުންނައިރު، އެ މާއްދާ މިހާރު އޮތް ގޮތުން ހުރިހާ ރައުޔުތައް ސައްހަ ރައުޔުތަކެއްގެ ގޮތުގައި ބަޔާންވެފައި އޮތުމަކީ މިނިސްޓްރީގެ ވެސް ކަންބޮޑުވުމެއް ކަމަށް ޒާހިރު ފާހަގަކުރައްވަ އެވެ.

"ދީނީ އިލްމުވެރިންގެ މެދުގައި އޮންނަ ކޮންމެ ރައުޔުއަކީ މުއުތަބަރު ރައުޔެއް ނޫން. މި ހުންނަ ބައެއް ޝާއްދު ރައުޔުތައް ކައުންޓެއް ނުކުރެވޭނެ ސުންނީ މުސްލިމު މުޖުތަމައުއެއްގަ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބިލަށް ގެނައި އިސްލާހުތައް ކޮމިޓީން ފާސްކޮށް، އަނބުރާ ތަޅުމަށް ފޮނުވާފައިވާއިރު، ހާއްސަކޮށް އެ މާއްދާ އަދިވެސް އިސްލާހުކުރަން ހުށަހެޅުމާ މެދު މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން މިއަދު މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާނަކުރުމުގެ ހައްލު ގާނޫނުއަސާސީގައި

އެ މާއްދާއާ މެދު އިސްލާމިކް މިނިސްޓްރީން ވެސް ކަންބޮޑުވުންފާޅުކޮށްފައިވީ ނަމަވެސް، އެ ބިލު ދިރާސާކުރި ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުގެ ވިސްނުން ތަފާތެވެ.

އޭނާ ވިދާޅުވާ ގޮތުގައި، ކޮމިޓީން އެ ބިލަށް އިސްލާހުތައް ގެނައީ އިސްލާމިކް މިނިސްޓްރީން ވެސް ދިން ލަފާގެ މައްޗަށެވެ. އަދި މުޅި ބިލު މިހާރު އޮތް ގޮތުން ކުރިން ހުރި ހުރިހާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވިފައިވާ ކަމަށެވެ.

އެކަމަށް ބާރު ދެއްވަން ސިރާޖު ވަނީ މިސާލެއް ނަންގަވައިފަ އެވެ.

"ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދުކުރުމާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތު. އެއް ކޮޅުން މި ބުނަނީ ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދު ނުކުރެވޭނެކަމަށް. އަނެއް ކޮޅުން މި ބުނަނީ އެއީ ސައްހަ ކަމެއް ކަމަށް. އަޅުގަނޑުމެން މި ބުނަނީ އޭގެން ވަކި ރައުޔުއަކަށް އަމަލުކުރާ މީހަކާ ދިމާއަށް ތިއީ އިސްލާމްދީނާ ހިލާފު މީހެކޭ ނުބުނެވޭނެއޭ،" ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މާއްދާ އިސްލާހުކުރުމުގައި ވެސް ކޮމިޓީން ގެންގުޅުނު މައިގަނޑު އަސާސަކީ ވެސް އެއީ އެވެ.

ދީނީ އިލްމުވެރިންގެ މެދުގައި އޮތް ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށް ބުނެ ފާޅުކުރާ ކަންބޮޑުވުންތަކަށް ވެސް ސިރާޖު ރައްދު ދެއްވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ރާއްޖޭގައި އޮންނަނީ ސުންނީ ޖުމްހޫރިއްޔަތެކެވެ. އެކަން ގާނޫނުއަސާސީގައި ވެސް ސާފުކޮށް ބަޔާންކޮށްފައި އޮންނައިރު، ސުންނީ އިލްމުވެރިންގެ މެދުގައި އެ ބުނާ ބޮޑެތި ހިލާފުތަކެއް ނުހުންނަކަން އޭނާ ފާހަގަކުރައްވަ އެވެ.

އޭގެ ސަބަބުން، އެ ބިލުގެ މާއްދާ މާނަކުރުމާމެދު އޮޅުމެއް އަރައިފި ނަމަ، ގާނޫނުއަސާސީގައި އެކަން މާނަކޮށްފައިވާ އޮތް ގޮތަށް ރިއާއަތްކުރެވޭނެ ކަމަށް ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ސިރާޖު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) - އިސްލާމީ ޝަރީއަތް މާނަކުރުން


"އިސްލާމީ ޝަރީއަތް" ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަހުވާލުއްޝަހުސިއްޔާ އާއީ މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލް ޖަމާއަތުގެ އިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ.

"ދެން ލޯހިރީ ފަދަ އެހެން މަޒުހަބުތަކުގައި ގެންގުޅޭ ރައުޔުތަކެއް މީގެ ތެރެއަކަށް ނުގެނެވޭނެ. އިސްލާމީ ޝަރީއަތަކީ ކޮބައިކަން އެބައޮތް ގާނޫނުއަސާސީގަ. ދެން ގުރުއާނާއި ސައްހަ ސުންނަތްތަކާ ހިލާފަށް އޮންނަ ރައުޔުތައް މި ބިލުގެ ތެރެއަށް ނުވެއްދޭނެ،" ސިރާޖު ވިދާޅުވި އެވެ.

ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރަށް މި ބިލުން ހިމާޔަތްލިބޭ ކަމުގެ ކަންބޮޑުވުންތަކަށް ވެސް އޭނާ ސާފުކޮށް އިންކާރު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިސްލާމްދީނުގައި ހަރުކަށި ފިކުރެއް ނޯންނާ އެވެ. އެހެންކަމުން މިއީ މި ބިލުގެ ތެރެއިން ބަހުސް ވެސް ކުރަން ނުޖެހޭ ކަމެއް ކަމަށް ސިރާޖު ތަކުރާރުކޮށް ވިދާޅުވި އެވެ.

އޭގެ ދަށުން އަންނަ ބައެއް މާއްދާތަކަށް ވެސް ކޮމިޓީން ވަނީ ކުދިކުދި ބަދަލުތައް ގެނެސްފަ އެވެ.

އެގޮތުން، ސިޔާސީ ފިކުރަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުމަށް ވަކިން އިން ބައި މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމުގެ މާއްދާ އެއްކޮށްލައި، ތަރުތީބަށާއި އިބާރާތްތަކަށް ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ.

އެ ބިލުގައި ހިމަނާފައިވާ ކުށްތަކުގެ އަދަބުތައް ކަނޑައަޅާފައިވަނީ އެއް އަހަރުގެ ދުވަހާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނަ ގޮތަށެވެ.

ނަމަވެސް، އެ ކުރާ ކުށަކުން މީހެއްގެ ފުރާނަ ގެއްލިއްޖެ ނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.