Advertisement

އިންގްލެންޑް ޓީމު ބަދަލުކޮށް ޔޫކްރެއިނަަށް މަލާމާތެއް ކުރަން ސައުތުގޭޓް ބޭނުމެއް ނޫން

3 ޖުލައި 2021 - 10:15 0

އިނގިރޭސި ފަރިތަކުރުންތަކުގެ ތެރެއިން ސައުތުގޭޓް.-- ފޮޓޯ: އޭއެފްޕީ


އިންގްލެންޑް ޓީމު ބަދަލުކޮށް ޔޫކްރެއިނަަށް މަލާމާތެއް ކުރަން ސައުތުގޭޓް ބޭނުމެއް ނޫން

3 ޖުލައި 2021 - 10:15 0

ރޯމް، އިޓަލީ (ޖުލައި 3) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް މިރޭ ނުކުންނައިރު، މި މެޗަށް ނެރޭ އިންގްލެންޑް ޓީމަށް ބަދަލުތަކެއް ގެނެސްގެން ޔޫކްރެއިނަށް މަލާމާތެއް ރައްދުވާ ގޮތަށް ކަންތައް ކުރަން ބޭނުންނުވާ ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އިންގްލެންޑުން ވަނީ ނޮކައުޓް ފުރަތަމަ ބުރުގައި ޖަރުމަނު ކަޓުވާލައިފަ އެވެ. މިއީ 55 އަހަރު ތެރޭ ޖަރުމަނު އަތުން ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުގައި އިންގްލެންޑަށް ލިބުނު ފުރަތަމަ މޮޅެވެ. މިރޭ ޔޫކްރެއިނާ ދެކޮޅަށް ނުކުންނައިރު، އިންގްލެންޑްގެ ހަތަރު ކުޅުންތެރިއަކު ތިބީ ރީނދޫ ކާޑު ދައްކައިފަ އެވެ. އެއީ މެދުތެރެއަށް ކުޅެމުން އަންނަ ކަލްވިން ފިލިޕްސް އާއި ޑެކްލަން ރައިސް އާއި ވިންގް ފިލް ފޯޑެން އަދި ޑިފެންޑަރު ހެރީ މެގުއާ އެވެ.

މިރޭގެ މެޗުގައި އިންގްލެންޑްގެ އެ ހަތަރު ކުޅުންތެރިންނަށް ރީނދޫ ކާޑެއް ދައްކައިފިނަމަ، އެ ޓީމު މޮޅުވެގެން ކުޅޭ ސެމީ ފައިނަލް މެޗު ގެއްލޭނެ އެވެ. ޔޫރޯގެ ގަވާއިދު އޮންނަ ގޮތުން ސެމީ ފައިނަލާ ހަމައިން ހުރިހާ ކާޑެއްގެ ރެކޯޑްތައް ސާފުވާނެ އެެވެ.

އިންގްލެންޑުން ޓީމު ރާވާނީ އެ ކުޅުންތެރިން ނުހިމަނައިތޯ ސުވާލުކުރުމުން ސައުތުގޭޓް ބުނީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ވެދާނެ ތިއީ ބުނެލަން ފަސޭ ކަމަކަށް. އެކަމަކު ދުނިޔޭގެ އެއްވެސް ގައުމެއް ނޯންނާނެ ކުއާޓާ ފައިނަލް މެޗަކަށް ޓީމުގައި ތިބި މުހިއްމު ކުޅުންތެރިންތަކެއް ނުލައި ނުކުންނާނެ. އަދި ހާއްސަކޮށް އިންގްލެންޑް ކަހަލަ ގައުމެއް. މިއީ ފުޓްބޯޅަ ތާރީހުގައި ވެސް ބޮޑު މުބާރާތްތަކުގައި އެންމެ ހަތަރު ވަރަކަށް ސެމީ ފައިނަލްގައި ކުޅެފައި އޮތް ގައުމެއް،" ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓް ބުނީ ޔޫކްރެއިން މެޗު ފަސޭހަ ކޮށްލުން އެއީ އިންގްލެންޑަށް ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

ރީނދޫ ކާޑުތަކަކަށް ބަލައިގެން ޓީމު ބަދަލުކޮށްފިނަމަ އަހަރެންގެ ނަޒަރުގައި އެއީ ޔޫކްރެއިނަށް ވެސް ކުރެވޭ މަލާމާތެއް - ސައުތުގޭޓް

ރީނދޫ ކާޑާއި ސަސްޕެންޝަނަށް ބަލައިގެން އިންގްލެންޑުން ޓީމު ރޭވީ އެންމެ މެޗެއްގައި ކަމަށާއި އެއީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

އިންގްލެންޑުން އެންމެ ފަހު ދެ މުބާރާތުން ވެސް ކަޓާފައިވަނީ ނިސްބަތުން ބަލާއިރު، އެ ޓީމަށް މޮޅުވެވޭނެ މެޗުތަކުންނެވެ. އެ ގޮތުން 2016 ވަނަ އަހަރުގެ ޔޫރޯގެ ދެ ވަނަ ބުރުން އައިސްލެންޑް އަތުން ކެޓިއިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކެޓީ ސެމީގައި ރަނގަޅު ފުރުސަތުތަަކެއް ލިބި ކްރޮއޭޝިއާ އަތުންނެވެ. މި ފަހަރު ޖަރުމަނު އަތުން އިންގްލެންޑަށް ލިބުނު މޮޅަކީ ޔޫރޯގެ ތާރީހުގައި 1996 ވަނަ އަހަރުގެ ފަހުން ނޮކައުޓް މެޗަކުން އިންގްލެންޑް މޮޅުވި ފުރަތަމަ ފަަހަރެވެ.

އިންގްލެންޑްގެ ކުޅުންތެރިން މެޗެއްގެ ކުރިން.-- ފޮޓޯ: އޭއެފްޕީ


"ރެކޯޑްތައް ބަދަލުކުރުމަކީ މިހާރު އޮތް ސްކޮޑުގެ އަތްމަތީގައި އޮތް ކަމެއް. މި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ވެސް އެނގޭނެ ކުރިމަތީގައި އޮތް އެއްވެސް ޗެލެންޖެއް ފަސޭހައެއް ނޫންކަން،" ސައުތުގޭޓް ބުންޏެވެ.

މިރޭ ޔޫކްރެއިނާ ދެކޮޅަށް ކުޅޭ މެޗަކީ އިންގްލެންޑުން މި ފަހަރުގެ ޔޫރޯގައި އެ ގައުމުން ބޭރުގައި ކުޅޭ ފުރަތަމަ މެޗެވެ. އިންގްލެންޑުން ގްރޫޕް ސްޓޭޖުގެ ތިން މެޗާއި ދެ ވަނަ ބުރުގެ މެޗު ކުޅުނީ އެ ޓީމުން އާންމުކޮށް ކުޅޭ އިނގިރޭސި ރަސްމީ ދަނޑު ވެމްބްލީ ސްޓޭޑިއަމްގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީގަ އެވެ. އިންގްލެންޑްގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ އޭގެ ސަބަބުން އިޓަލީ ސަރުކާރުން ވަނީ އިންގްލެންޑުން އަންނަ މީހުންނަށް މިރޭގެ މެޗަށް ނުވަދެވޭނެ ކަމަށް ނިންމައިފަ އެވެ.

ސައުތުގޭޓް ބުނީ ސަޕޯޓަރުން ނުލައި ރަށުންބޭރުގައި ކުޅޭ މި މެޗު އޭނާގެ ޓީމަށް ރަނގަޅު ޓެސްޓަކަށްވާނެ ކަމަށާއި މިއީ ބައެއް ކަހަލަ ޗެލެންޖްތަކަށް ޓީމު ތައްޔާރުވެފައި ހުރި ފެންވަރު ވަޒަންކޮށްލަން ވެސް ރަނގަޅު ފުރުސަތެއް ކަމަށެވެ.

"އަހަރެމެން އަމިއްލަ ގައުމުން ބޭރު މި ކުޅެނީ. އަހަރެމެންގެ ވަރަށް މަދު ސަޕޯޓަރުން ކަންނޭނގެ ދަނޑުގައި ތިބޭނީ. އެހެންވީމަ ކުޅުންތެރިންނަށް އެނގޭނެ މި މެޗުގައި މި ތިބީ ޓީމު އެކަނިކަން ދަނޑުގައި. ކުރިން މެޗުތަކުގައި އެ ލިބުނު ސަޕޯޓް ނުލައި ކުއްލިއަކަށް ކުޅެން އުނދަގޫވިޔަސް މި ކަންކަމާ ކުރިމަތިލެވޭނެ ފެންވަރުގެ ކުޅުންތެރިން އެ ތިބީ،" ސައުތުގޭޓް ބުންޏެވެ.

ޔޫކްރެއިނާ ދެކޮޅަށް ކުޅުނު ހަތް މެޗުގެ ތެރެއިން އިންގްލެންޑް ބަލިވީ އެންމެ މެޗަކުންނެވެ. އެއީ 2009 ވަަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގަ އެވެ. އިންގްލެންޑުން ޔޫކްރެއިންގެ މައްޗަށް ހަތަރު ފަހަރު ކުރިހޯދާފައިވީ ނަމަވެސް އެންމެ ފަހުން މި ދެ ޓީމު ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.

ޔޫރޯގައި ޔޫކްރެއިނާއި އިންގްލެންޑް ބައްދަލުކުރީ އެންމެ ފަހަރަކު އެވެ. އެއީ 2012 ވަނަ އަހަރު ޔޫކްރެއިނާއި ޕޮލެންޑްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ 1-0 އިންނެވެ. މިރޭ ޔޫކްރެއިނާއި އިންގްލެންޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.