Advertisement

ސްވިޒަލެންޑް ކަޓުވާލައި ސެމީގެ ފުރަތަމަ ޖާގަ ސްޕެއިން އަށް

2 ޖުލައި 2021 - 23:49 0


ސްވިޒަލެންޑް ކަޓުވާލައި ސެމީގެ ފުރަތަމަ ޖާގަ ސްޕެއިން އަށް

2 ޖުލައި 2021 - 23:49 0

ޕީޓާސްބާގް، ރަޝިއާ (ޖުލައި 2) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕެނަލްޓީ ޖަހައިގެން 3-1 ސްވިޒަލެންޑް ކަޓުވާލުމަށް ފަހު ސްޕެއިން މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ސެމީ ފައިނަލްގައި ސްޕެއިން ކުޅޭނީ ކުއާޓާ ފައިނަލްގައި ބެލްޖިއަމާއި އިޓަލީ ބައްދަލުކޮށްގެން މޮޅުވާ ޓީމަކާ އެވެ.

މިރޭގެ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފަށް ފަހު ޕެނަލްޓީ ޖެހިއިރު، ސްޕެއިނުން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފަ އެވެ. ސްވިޒަލެންޑުން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ އެންމެ ޕެނަލްޓީ އެކެވެ.

މީގެ ތިން ދުވަސް ކުރިން ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑުން ވަނީ ފްރާންސް ކަޓުވާލައިފަ އެވެ. އެކަމަކު މިރޭ އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުނުވީ ސްޕެއިންގެ ކީޕަރު އުނާއި ސިމޯންގެ ހުށިޔާރު ކަމުންނެވެ.

ސްޕެއިންގެ ކީޕަރު އުނާއި ސިމޯން މެޗުގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ


މި މެޗަށް ނުކުތްއިރު ސްވިޒަލެންޑަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޓީމުގެ ކެޕްޓަން ގްރެނިޓް ޝަކާ ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުރުމެވެ. އޭނާގެ ބަދަލުގައި ޓީމުގެ މެދުތެރެއަށް ކުޅެމުން ދިޔައީ ޑެނިސް ޒަކަރިއްޔާ އެވެ. ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ވައިސް ކެޕްޓަން ޒެރްޑަން ޝަގީރީ އެވެ.

ސްޕެއިންގެ ފުރަތަމަ އެގާރައިން ޑިފެންސަށް ވަނީ ދެ ބަަދަލެއް ގެނެސްފަ އެވެ. ޖޯޑީ އަލްބާ އާއި ޕައު ޓޮރޭޒަށް ވަނީ އަލުން ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

ރަޝިއާގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ސްޕެއިނުން ސްވިޒަލެންޑް ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ އެވެ. އަދި މެޗުގެ ކުރީކޮޅުގައި ލީޑުނެގި އެވެ. ސްޕެއިނުން ޖެހި ގޯލަކީ މެޗުގެ އަށް ވަނަ މިނިޓްގައި ޒަކަރިއްޔާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ސްވިޒަލެންޑް ޑިފެންޑަރުން ޖައްސާލި ބޯޅަ އޭރިއާބޭރުން ޖޯޑީ އަލްބާ އަށް ލިބުމުން އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ޒަކަރިއްޔާ ފައިގައި ޖެހިފަ އެވެ.

ސްޕެއިނުން ލީޑުނެގުމާ އެކު ސްވިޒަލެންޑުން ކައުންޓަ އެޓޭކުގަޔާއި ކޯނަރުތަކުގައި ސްޕެއިން ފަހަތަށް ބާރު ބޮޑުކުރި އެވެ. ކޯނަރުތަކުގައި ޝަގީރީ ނަގައިދިން ބޯޅަތައް ޖަހަން އަރާ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އެ ގޮތަށް ކޯނަރުން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ފަަހަތަށް ކުޅޭ މެނުއަލް އަކަންޖީ އަށެވެ. އޭނާ ފޮނުވާލި ދެ ބޯޅަ ދިޔައި ހުރަސްދަނޑިމަތިންނެވެ.

މެޗުގައި ކުރިއަށްދާން ސްވިޒަލެންޑަށް އެންމެ ބޮޑު އުނދަގުލަކަށް ކުރިމަތިވީ އެ ޓީމުގެ އެންމެ ކުރިއަށް ކުޅެމުން ދިޔަ ބްރިލް އެމްބޯލޯ އަށް އަނިޔާވެ ބަދަލު ކުރަން ޖެހުމެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ރުބެން ވާގަސް އެވެ. ވާގަސް ވަނީ ފްރާންސް އަތުން ސްވިޒަލެންޑް މޮޅުވި މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފަ އެވެ.

ފުރަތަމަ ހާފުގައި ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އަށް އެންމެ ރަނގަޅު ހަމަލާތަކެއް އުފެއްދޭ ގޮތެއްނުވި އެވެ. މޮރާޓާ މާކް ކޮށްގެން ސްވިޒަލެންޑްގެ ދެ ޑިފެންޑަރުން ކަމަށްވާ އަކަންޖީ އާއި ނިކޯ އެލްވޭދީ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ދެ ވަނަ ހާފް ފެށިގެން ދެ މިނިޓް ތެރޭ މޮރާޓާ އަށް ސްވިޒަލެންޑް އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅައެއް އެ ޓީމުގެ ޑެނީ އޮލްމޯ އަށް ދިނުމުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ އަތަށެވެ. އޮލްމޯ ދެ ވަނަ ހާފްގައި ކުޅެން އެރީ ޕަބްލޯ ސަރަބިއާ އަށް އަނިޔާވުމުންނެވެ.

ސްވިޒަލެންޑުން ދެ ވަނަ ހާފްގައި ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 56 ވަނަ މިނިޓްގަ އެވެ. ކޯނަރަކުން ޒަކަރިއްޔާ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ނުވަ މިނިޓް ފަހުން ސްވިޒަލެންޑުން ވަނީ ގޯލާ ސީދާކޮށް ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. ވާގަސް ހުސްކޮށްލާފައި އޭރިއާތެރެއަށް ދިން ބޯޅަ ސްޓީވަން ޒޫބާ ވެއްޓިގެންފައި ފޮނުވާލި ބޯޅަ ސްޕެއިންގެ ކީޕަރު ސިމޯން ވަނީ މަތަކޮށްފަ އެވެ.

ލިބޭ ފުރުސަތުތަކުގައި ރަނގަޅު އެޓޭކްތަކެއް ކުރަމުންދިޔަ ސްވިޒަލެންޑުން އެއްވަރުކުރީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. ސްޕެއިން ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ސްވިޒަލެންޑްގެ ރެމޯ ފްރެއޮލާ އޭރިއާތެރެއިން ދިން ބޯޅަ ޝަގީރީ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ޝަގީރީ ޖެހި ތިން ވަނަ ގޯލެވެ.

ސްޕެއިންގެ ޕެޑްރީ (ވ) ކައިރިން ސްވިޒަލެންޑްގެ ޝަގީރީ ބޯޅަ ހޯދަނީ.-- ފޮޓޯ: އޭއެފްޕީ


ނަތީޖާ ހަމަހަމަކުރިތާ 10 މިނިޓް ފަހުން ސްވިޒަލެންޑްގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ސްޕެއިންގެ ޖެރާޑް މޮރޭނޯ އަށް ސްވިޒަލެންޑްގެ ފްރެއުލާ ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ މައިކަލް އޮލިވާ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު ވެސް ނިންމީ އެއީ ރަތް ކާޑެއް ކަަމަށެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ވެސް ސްވިޒަލެންޑުން ވަނީ މެޗުގެ 90 މިނިޓް ހަމަވަންދެން ސްޕެއިން ލަނޑެއް ޖެހިޔަނުދީ ހިފަަހައްޓައިފަ އެވެ. ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނުއިރު، ސްވިޒަލެންޑާއި ސްޕެއިން ވަނީ ނޮކައުޓް ބުރުގެ ފުރަތަަމަ މެޗުގައި ވެސް އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފް ފެށިގެން ސްޕެއިނަށް އަލުން ލީޑުނަގައިދޭން މޮރޭނޯ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އަލްބާ މުޅިން ހުސްކޮށްލާފައި އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ މޮރޭނޯ އެއް ފަހަރުން ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން މޮރޭނޯ އާއި މިކޭލް އޮޔާޒަބަލް ޖެހި ބޯޅަތައް ވެސް ކީޕަރު ސޮމާ ވަނީ ހުއްޓުވައިފަ އެެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިިއިރު، ސްޕެއިން އިން ފުރަތަމަ ސާޖިއޯ ބުސްކެޓްސް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ސްވިޒަލެންޑްގެ މާރިއޯ ގަވްރާނޮވިޗް ޖެހި ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމުން ލީޑުނެގި އެވެ. ސްޕެއިނުގެ ދެ ވަނަ ޕެނަލްޓީ އޮލްމޯ ވަނީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު ސްވިޒަލެންޑްގެ ދެ ވަނަ ޕެނަލްޓީ ޖަހަން ދިޔަ ޝެއާ ފޮނުވާލި ބޯޅަ ކީޕަރު ސިމޯން ވަނީ މަތަކޮށްފަ އެވެ. ސްޕެއިނަށް އެއްވަރުކޮށްދޭން ރޮޑްރީ ޖެހި ޕެނަލްޓީ ކީޕަރު ސޮމާ ވަނީ ހުއްޓުވައިފަ އެވެ. އެކަމަކު ސްވިޒަލެންޑަށް ލީޑު ބޮޑުކޮށްދޭން ލިބުނު ފުރުސަތުގައި އަކަންޖީ ޖެހި ޕެނަލްޓީ ވެސް ކީޕަރު ސިމޯން ވަނީ މަތަކޮށްފަ އެވެ. ނަތީޖާ ހަމަހަމަކުރަން ލިބުނު ޕެނަލްޓީ މޮރޭނޯ ވަނީ ކާމިޔާބުކޮށްފަ އެވެ. ސްވިޒަލެންޑަށް ލީޑުނަގައިދޭން ވާގަސް ފޮނުވާލި ޕެނަލްޓީ ހުރަސްދަނޑިމަތިން ދިޔައިރު، ސްޕެއިނަށް މެޗުން މޮޅުވާން ލިބުނު ފުރުސަތުގެ ބޭނުން ހިފީ އެވެ. ސްޕެއިން މޮޅުކޮށްދިން ޕެނަލްޓީ ކާމިޔާބުކުރީ އޮޔާޒަބަލް އެވެ.

މިއީ 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުން ސްޕެއިނަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، 2016 ވަނަ އަހަރުގެ ޔޫރޯ އިން ކެޓީ ދެ ވަނަ ބުރުގައި ކެޓީ އިޓަލީ އަތުންނެވެ. އަދި ތިން އަހަރު ކުރިން ބޭއްވި ވޯލްޑް ކަޕުން ސްޕެއިން ކެޓީ ދެ ވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ރަޝިއާ އަތުންނެވެ.