Advertisement

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ވަގުތީ ވެރިއަކަށް ޑެލް ބޮސްކޭ

1 މޭ 2024 - 10:43 0


ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ވަގުތީ ވެރިއަކަށް ޑެލް ބޮސްކޭ

1 މޭ 2024 - 10:43 0

މެޑްރިޑް (މެއި 1) - ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު ބޭއްވެންދެން، އެ ފެޑެރޭޝަންގެ ހިންގުން ކޮމިޓިއަކާ ހަވާލުކުރިއިރު، އެ ކޮމިޓީގެ ޗެއާމަނަކަށް، ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމަށް ކާމިޔާބީތަކެއް ހޯދައިދީފައިވާ މަޝްހޫރު ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ހަމަޖައްސައިފި އެވެ.

ކޮރަޕްޝަންގެ މައްސަލައެއްގައި ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ލުއިޒް ރުބިއާލެސް ހައްޔަރުކުރީ މިދިޔަ މަހު ތިން ވަނަ ދުވަހު އެވެ. މިދިޔަ އަހަރު އަންހެން ވޯލްޑް ކަޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން ސްޕެއިންގެ ކުޅުންތެރިއެއްގެ ނުރުހުމުގައި އޭނާ އަށް ބޮސްދިން މައްސަލައެއްގައި ވެސް ރުބިއާލެސްއާ ދެކޮޅަށް އަންނަނީ ކޯޓުގައި މައްސަލަ ހިނގަމުންނެވެ.

ސްޕެއިން ސަރުކާރުން އެ ގައުމުގެ ފުޓްބޯޅަ ހަމަމަގަށް އަޅުވަން ކުރާ މަސައްކަތުގައި، ފީފާއާ ވެސް ގުޅިގެން މުހިންމު ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެ ގޮތުން، އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި، މިދިޔަ ހަފްތާގައި ވަނީ ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަން ހިންގުން، ހާއްސަ ކޮމިޓީއެއްގެ ދަށަށް ގެނެސްފަ އެވެ. އެ ކޮމިޓީގެ އިސް ފަރާތަކީ، 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ސްޕެއިނަށް ހޯދައިދިން ކޯޗު ޑެލް ބޮސްކޭ އެވެ.

ރެއާލް މެޑްރިޑަށް ވެސް ކުރިން ކޯޗުކޮށްދިން ޑެލް ބޮސްކޭ އަންނަނީ އެ ގައުމުގެ ފުޓްބޯޅައިގައި ހުރި މައްސަލަތައް ހައްލުކުރަން އެކި ފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ.

ފީފާ އިން ދާދި ފަހުން ބުނެފައިވަނީ، ސްޕެއިން ފުޓްބޯޅައިގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، ކަންކަން ދާ ގޮތުން، 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކޯ ހޯސްޓުކަން ސްޕެއިނަށް ގެއްލުމުގެ ބިރު ވެސް އެބައޮތް ކަމަށެވެ.