Advertisement

ސްވިޒަލެންޑްގެ ޖެހިލުންކުޑަ ޓީމު ރޫހަކީ ސްޕެއިނަށް ބިރެއް

2 ޖުލައި 2021 - 08:58 0

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ.-- ފޮޓޯ: އޭއެފްޕީ


ސްވިޒަލެންޑްގެ ޖެހިލުންކުޑަ ޓީމު ރޫހަކީ ސްޕެއިނަށް ބިރެއް

2 ޖުލައި 2021 - 08:58 0

ސެއިން ޕީޓާސްބާގް، ރަޝިއާ (ޖުލައި 2) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ސްވިޒަލެންޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމުން ދައްކަމުން އަންނަ ޖެހިލުންކުޑަ ޓީމު ރޫހާ މެދު ސްޕެއިނުން ސަމާލުވާން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެެވެ.

ސްޕެއިނުން ކުއާޓާގެ ފުރުސަތު ހޯދީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 5-3 އިން ކްރޮއޭޝިއާ ބަލިކޮށްގެންނެވެ. ސްވިޒަލެންޑް ވަނީ ދެ ވަނަ ބުރުގައި މުޅި ދުނިޔެ ހައިރާންކޮށްލައި އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން ފްރާންސް ކަޓުވާލައިފަ އެވެ. ފްރާންސް 3-1 އިން ކުރީގައި އޮއްވައި ފަހު 10 މިނިޓް ތެރޭ 3-3 އިން އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑް މޮޅުވީ 5-4 އިންނެވެ.

"މިއީ އަހަރެމެންނަށް ވަރަށް އުނދަގޫވާނެ މެޗެއް. އެ މީހުން (ސްވިޒަލެންޑް)ގެ ނެތް ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި މާ މަގުބޫލް ކުޅުންތެރިންތަކެއް. އެކަމަކު ސްވިޒަލެންޑުން ޔުނިޓެއްގެ ގޮތުގައި އާދަޔާހިލާފު ރަނގަޅު ރޫހެއްގައި އެ ކުޅޭ ޖެހިލުންކުޑަ ކުޅުމުގެ ސަބަބުން އަހަރެމެން ސަމާލުވާން ޖެހޭނެ،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންރީކޭ ބުންޏެވެ.

ސްވިޒަލެންޑާއި ސްޕެއިން އެންމެ ފަހުން މިދިޔަ އަހަރު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކުގައި ވަނީ ވާދަކޮށްފަ އެވެ. އެ މެޗުތަކަށް ބަލާއިރު މެޑްރިޑްގައި ސްޕެއިން މޮޅުވީ 1-0 އިންނެވެ. އެކަމަކު ސްވިޒަލެންޑްގައި ކުޅުނު މެޗުގައި ސްޕެއިން ސަލާމަތްވީ ކިރިޔާ އެވެ. ސްޕެއިންގެ ސާޖިއޯ ރާމޯސް އަތުން ދެ ޕެނަލްޓީ ބޭކާރުވި މި މެޗުގައި ސްޕެއިނުން 1-1 އިން އެއްވަރުކުރީ ފަހު ވަގުތު ގޯލު ޖަހައިގެންނެވެ. އެއީ ސްވިޒަލެންޑްގެ ޑިފެންޑަރު ނިކޯ އެލްވޭދީ އަށް ރަތް ކާޑެއް ދެއްކި ފަހުންނެވެ.

"މެޑްރިޑްގައި ކުޅުނު މެޗުގެ ކޮންޓްރޯލް އޮތީ އަހަރެމެން އަތުގައި. އެކަމަކު ބަސެލް (ސްވިޒަލެންޑް)ގައި ކުޅުނު މެޗު ދިޔައީ ވަރަށް ވާންކޮށް އެ ފަދަ ކަމެއް މި މެޗުގައި (މިރޭގެ ކުއާޓާ ފައިނަލުގައި) ވެސް ފެންނާނެ ކަމަށް މި ބަލަނީ،" އެންރީކޭ ބުންޏެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ސްޕެއިން އާއި ސްވިޒަލެންޑްގެ ހަތަރު ވަނަ ކުރިމަތިލުމެވެ. މީގެ ކުރިން ތިން ފަހަރު ވެސް ކުޅުނީ ވޯލްޑް ކަޕްގަ އެެވެ. ފުރަތަމަ ދެ މެޗުން ސްޕެއިން މޮޅުވި ނަމަވެސް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ސްވިޒަލެންޑް ވަނީ 1-0 އިން ސްޕެއިން ބަލިކޮށްފަ އެވެ.

އިތުރު ކާމިޔާބީ ހޯދަން ސްވިޒަލެންޑް ފެންބޮވައިގަނެފައި

މި ފަހަރުގެ ޔޫރޯ އަކީ ވޭތުވެދިޔަ 67 އަހަރު ތެރޭ ސްވިޒަލެންޑުން ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ކުއާޓާ ފައިނަލެއްގައި ކުޅުނީ 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. ފްރާންސް އަތުން 1992 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސްވިޒަލެންޑް މޮޅުވިއިރު، އެ ޓީމުން އަމާޒުހިފާފައިވަނީ މި ފަހަރުގެ މުބާރާތުގައި އިތުރު ކަންތައްތަކެއް ހާސިލްކުރާށެވެ.

ސްވިޒަލެންޑްގެ ކޯޗު ޕެޓްކޮވިޗް.-- ފޮޓޯ: އޭއެފްޕީ


"ކުއާޓާ ފައިނަލާ ހަމައަށް އައީ ވަރަށް މަސައްކަތުން. މި ހިސާބުން ފުއްދާލައިގެން ތިބީ އެއް ނޫން. އަހަރެމެން މި ތިބީ އިތުރު ކާމިޔާބީ ހޯދަން ފެންބޮވައިގަނެފައި،" ސްވިޒަލެންޑްގެ ކޯޗު ވްލަޑިމީރް ޕެޓްކޮވިޗް ބުންޏެވެ.

"އަނެއްކާ ވެސް އަހަރެމެން މި ކުޅެން ޖެހެނީ މުބާރާތުގެ ފޭވަރިޓަކާ. ސްޕެއިންއާ ދެކޮޅަށް ކުޅެން މެންޓަލީ ވާން ޖެހޭ ތައްޔާރީތައް ކުރިއަށް އެބަދޭ. އަހަރެމެންނަށް އެނގޭ މިއީ ކިހާ ވަރެއްގެ ޗެލެންޖެއް ކަން،"

މިރޭގެ މެޗަށް ކުރިމަތިލާއިރު ސްވިޒަލެންޑަށް އޮތް އެންމެ ބޮޑު ގެއްލުމަކީ ފްރާންސް ކަޓުވާލިއިރު، ތަފާތު މޮޅު ކުޅުމެއް ދެއްކި ސްވިޒަލެންޑްގެ ކެޕްޓަން ގްރަނިޓް ޝަކާ ދެ ރީނދޫ ކާޑު ހަމަވުމިގެ ސަބަބުން މި މެޗަށް ސަސްޕެންޑްވެފައިވުމެވެ.

ޕެޓްކޮވިޗް ބުނީ ޝަކާ ނެތުމަކީ އެ ޓީމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އެކަމަކު އެ މަގާމަށް ހައްލުތަކެއް ހޯދޭނެ ގޮތެއް ވިސްނުމުގައި އެބަހުރި ކަމަށެވެ. އަދި ބަދަލުގައި ނެރޭ ކުޅުންތެރިން ސްވިޒަލެންޑް ޓީމުގައި ތަފާތު ދައްކާފައި ހުރިކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ސްވިޒަލެންޑުން ވަނީ ޔޫރޯގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ތިން ގޯލު ޖަހައިފަ އެވެ. އޭގެ ކުރިން އެ ޓީމު ކުޅުނު 15 މެޗުގައި ވެސް ދެ ގޯލަށް ވުރެ އިތުރަށް ޖެހިފައި ނުވެ އެވެ. މި މެޗާ ކުރިމަތިލާއިރު، ސްޕެއިނަކީ ޔޫރޯގައި ޖެހިޖެހިގެން ދެ މެޗުގައި ފަސް ގޯލު ޖެހި ފުރަތަމަ ޓީމެވެ.

ރަޝިއާގެ މަޝްހޫރު ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި މިރޭ ސްޕެއިނާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ.