Advertisement

އެންރީކޭއާ މައްސަލައެއް ނެތް: އެމްބާޕޭ

6 މާރިޗު 2024 - 11:02 0


އެންރީކޭއާ މައްސަލައެއް ނެތް: އެމްބާޕޭ

6 މާރިޗު 2024 - 11:02 0

ޕެރިސް (މާޗް 6) - ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ އާއި އޭނާއާ ދެމެދު އެއްވެސް މައްސަލަ އެއް ނެތް ކަމަށް ޕީއެސްޖީގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ބުނެފި އެވެ.

މި ސީޒަނަށް ފަހު، ޕީއެސްޖީ ދޫކޮށްލަން އެމްބާޕޭ ނިންމާފައިވާއިރު، އެންމެ ފަހުން ޕީއެސްޖީ ކުޅުނު މެޗުތަކުގައި، އެ ޓީމުގެ ކޯޗު އެންރީކޭ ވަނީ ވަރަށް އަވަހަށް އެމްބާޕޭ ބަދަލުކޮށްފަ އެވެ. އެ ކަންކަމާ ގުޅުވައިގެން، މީޑިއާ އިން ރިޕޯޓްކޮށްފައިވަނީ، އެންރީކޭ އާއި އެމްބާޕޭގެ ދެމެދުގައި މައްސަލަ ގޯސްވެފައިވާ ކަމަށެވެ.

އެކަމަކު، ރޭ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ޕީއެސްޖީން އެމްބާޕޭގެ ދެ ގޯލާ އެކު، ސޮސިއެޑާޑް ބަލިކުރި މެޗަށް ފަހު، އޭނާ ވަނީ ކަންކަން އޮޅުންފިލުވައިދީފަ އެވެ. އެމްބާޕޭ ބުނީ، އަޑުފެތުރިފައިވާ ފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"ކަންކަން ރަނގަޅަށް ދަނީ. މީހުންނަށް ހީވެދާނެ އަހަރެމެންގެ މެދުގައި މައްސަލައެއް އެބައޮތޭ. ހަގީގަތުގައި ނެތް އެ ބުނާ މައްސަލަތަކެއް، މައްސަލަތައް ހުންނާނެ. ކަންބޮޑުވުންތައް ވެސް ހުންނާނެ، އެކަމަކު، މި ވަގުތު ކޯޗު (އެންރީކޭ)އާ މައްސަލައެއް ނެތް،" އެމްބާޕޭ ބުންޏެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެންރީކޭ ވަނީ ޕީއެސްޖީން އެމްބާޕޭ އަށް ބަރޯސާނުވެ ކުޅެން ދަސްކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުން 2020 ވަނަ އަހަރު ބަލިވި ޕީއެސްޖީން، އެންމެ ފަހުން ކުޅުނު ހަތް ސީޒަނުގެ ތެރެއިން ފަސް ސީޒަނުގައި ކަޓާފައިވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިންނެވެ. މި ފަަހަރުގެ މުބާރާތުގައި ގަދަ 16 ފަހަނައަޅައި ކުއާޓާ ފައިނަލަށް ގޮސްފައިވާއިރު، އެމްބާޕޭ ދެކެނީ ކިހިނެއްތޯ އެހުމުން، ދިނީ ފިނި ޖަވާބެކެވެ.

"އަހަންނަކީ މޮޅުވާން ބޭނުންވާ މީހެއް. ޗެމްޕިއަންސް ލީގަކީ އަހަރެން އަބަދުވެސް ކުޅެން ބޭނުންވާ މުބާރާތެއް. އެ ޝައުގުވެރިކަމާ އެކު، އަހަރެން އަބަދުވެސް މި މުބާރާތަށް ނުކުންނަނީ،" އެމްބާޕޭ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން، އެމްބާޕޭ ވަނީ، ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމައިފަ އެވެ.

މި ސީޒަނުގައި މިހާތަނަށް އެމްބާޕޭ ވަނީ ކުޅުނު 34 މެޗުން 34 ގޯލު ޖަހައިފަ އެވެ.