Advertisement

ސްވިޒަލެންޑްގެ ގޯލްކީޕަރުން ޓްރެއިންކުރަން "އަވިއައިނެއް" ބޭނުންކުރަނީ

2 ޖުލައި 2021 - 08:15 0

ސްވިޒަލެންޑްގެ ކީޕަރު ސޮމާ ޓްރެއިނިން ތެރެއިން އަވިއައިނު އަޅައިގެން.


ސްވިޒަލެންޑްގެ ގޯލްކީޕަރުން ޓްރެއިންކުރަން "އަވިއައިނެއް" ބޭނުންކުރަނީ

2 ޖުލައި 2021 - 08:15 0

ޓެކްނޮލޮޖީގެ ޒަރިއްޔާ އިން ހަލުވި ދުވެއްޔެއްގައި ތަރައްގީ ވަމުން އަންނަ މި ދުނިޔޭގައި އެކި ދާއިރާތަކުގެ މީހުންނަށް ހާއްސަ ތަފާތު އެތައް ގެޖެޓްތައް ކޮންމެ އަހަރަކު ތައާރަފް ކުރެ އެވެ. އެ ގޮތުން ޖަޕާނުގެ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ އަވިއައިނެއްގެ އެހީ ހޯދައިގެން ސްވިޒަލެންޑުން އަންނަނީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އެ ޓީމުގެ ގޯލްކީޕަރުން ޓްރެއިން ކުރަމުންނެވެ. އޭގެ ތަފާތު ވެސް އަންނަނީ ފެންނަމުންނެވެ.

ސްވިޒަލެންޑުން ގަދަ 16 ޓީމުގެ ބުރުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ތަމްރީންތައް ހަދަމުންދިޔައިރު، ގިނަ މީޑިއާތަކެއްގެ ސަމާލުކަން ހުއްޓުނު އެއް ކަމަކީ ސްވިޒަލެންޑްގެ ހުރިހާ ގޯލްކީޕަރުން ކަހަލަ ގޮތަކަށް ޓްރެއިނިން ތެރޭގައި އަވިއައިނެއް އަޅައިގެން އުޅޭތީ އެވެ.

ޔޫރޯގައި ވާދަކުރާ ސްކޮޑުގައި ހިމެނޭ ސްވިޒަލެންޑްގެ ހަތަރު ގޯލްކީޕަރުން ކަމަށްވާ ޔެން ސޮމާ، ޖޯނަސް އޮމްލިން، ޔްވޯން މްވޯގޯ އަދި ގްރެގޯ ކޯބެލް ޕްރެކްޓިސް ކުރަމުން އައީ އަވިއައިނު އަޅައިގެންނެވެ. މި އަވިއައިނަކީ ޖަޕާނުގެ ކޮމްޕެނީ "ވިޝަންއަޕް" އިން ތައްޔާރުކޮށްފައިވާ އައިނެކެވެ. މިއީ މާ އަގުބޮޑު އައިނެއްވެސް ނޫނެވެ.

ސްވިޒަލެންޑްގެ ކީޕަރުންގެ ސެޝަނެއްގެ ތެރެެއިން.


ގާތްގަނޑަކަށް 480 ޑޮލަރަށް ލިބޭ މި އައިނުގެ ހާއްސަ ކަމަކީ ކީޕަރުންގެ ރިއެކްޝަން ސްޕީޑް ރަނގަޅު ކުރަން ބޭނުންކުރެވޭތީ އެވެ. މި އައިނުގެ ޒަރިއްޔާ އިން ބޯޅަ ސްލޯމޯކޮށް އަންނަ ގޮތަށް ވެސް ބަލާލެވޭއިރު، އަންނަ ބޯޅަތައް ސޭވްކުރަން ރަނގަޅު ވަގުތުގައި ހަރަކާތްކުރަން ފަރިތަވެ، ކީޕަރުންނަށް ފަސޭހަ ގޮތްތަކެއް ހޯދެ އެވެ.

ސްވިޒަލެންޑުން ވަނީ މި ފަހަރުގެ ޔޫރޯގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ޕެނަލްޓީ ޖަހައިގެން ކަޓުވާލައިފަ އެވެ. އެ މެޗުން ސްވިޒަލެންޑް މޮޅުވީ ފްރާންސްގެ ފަސް ވަނަ ޕެނަލްޓީ އެ ޓީމުގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ އަތުން ބޭކާރުވުމުންނެވެ. އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ސްވިޒަލެންޑްގެ ގޯލްކީޕަރު ސޮމާ ވަނީ މަތަކޮށްފަ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅޭ ކުއާޓާ ފައިނަލުގައި ސްވިޒަލެންޑް ކުޅޭނީ ވަރުގަދަ ސްޕެއިނާ ދެކޮޅަށެވެ. ސްޕެއިން މެޗަށް ތައްޔާރުވާން ސްވިޒަލެންޑުން ބޭއްވި ބައެއް ސެޝަންތަކުގައި ވެސް ކީޕަރުން ވަނީ އަވިއައިނު ބޭނުންކޮށްފަ އެވެ.

ފްރާންސް އަތުން މި ފަހަރުގެ ޔޫރޯގެ ދެ ވަނަ ބުރުގައި މޮޅުވުމުގެ ކުރިން ސްވިޒަލެންޑް އެންމެ ފަހުން ވާދަކުރި ތިން މުބާރާތުން ވެސް ކެޓީ ދެ ވަަނަ ބުރުންނެވެ. އާޖެންޓީނާ އަތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ކެޓިއިރު، ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯގެ ދެ ވަނަ ބުރުގައި ޕޮލެންޑް އަތުން ވެސް ވީ ބައްޔެެވެ. އަދި މީގެ ތިން އަހަރު ކުރިން ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕް ދެ ވަަނަ ބުރުން ސްވިޒަލެންޑް ކެޓީ ސްވިޑަން އަތުންނެވެ. ޖެހިޖެހިގެން ހަތަރު ފަހަރު އެއް ހިސާބުން ކަޓައިގެން އެނބުރި ގައުމަށް ދާން ސްވިޒަލެންޑުން ބޭނުންނުވާތީ އާދަޔާހިލާފު ރޫހެއްގައި ކުޅެލައި ފްރާންސް ކަޓުވާލީ އެވެ.

މި ފަހަރުގެ ޔޫރޯ އަކީ ވޭތުވެދިޔަ 67 އަހަރު ތެރޭ ސްވިޒަލެންޑުން ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ކުއާޓާ ފައިނަލެއްގައި ކުޅުނީ 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.