ލަނޑު ޖެހުމަށް ފަހު ޔޫކްރެއިންގެ ޑޮބްވިކް (ކ) އުފާފާޅުކުރަނީ.
ގްލާސްގޯ (ޖޫން 30) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި މިރޭ ފަހު މިނިޓްގައި ގޯލު ޖަހައި 2-1 އިން ސްވިޑެން ބަލިކޮށް، ޔޫކްރެއިން ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މިރޭގެ މެޗަކީ ޔޫކްރެއިން ޔޫރޯގެ ނޮކައުޓް ބުރުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުން ޔޫކްރެއިން މޮޅުވެފައިވާއިރު، އެ ޓީމު އަންނަ ހޮނިހިރު ދުވަހު ކުއާޓާ ފައިނަލުގައި ކުޅޭނީ މިރޭ ޖަރުމަނު ކަޓުވާލި އިންގްލެންޑާ ދެކޮޅަށެވެ.
ސްކޮޓްލެންޑްގެ ހެމްޕްޑެން ޕާކުގައި މިރޭ ކުޅުނު މެޗުގައި ގޯލާ ސީދާކޮށް ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޔޫކްރެއިން އިންނެވެ. އެ ޓީމުގެ ކެޕްޓަން އެންޑީ ޔާމޮލެންކޯ ދިން ބޯޅައަކުން ކުރިއަށް ކުޅޭ ރޯމަން ޔަރެމްޗުކް ޖެހި ބޯޅަ ސްވިޑެން ކީޕަރު ރޮބިން އޮލްސެން ވަނީ މަތަކޮށްފަ އެވެ.
އޭގެ ފަހުން ސްވިޑެންގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ އަލެކްސަންޑަ އިސާކް އާއި އެމީލް ފޯސްބާގް އަދި ޑޭޖާން ކުލުސެވްސްކީގެ ކޮމްބިނޭޝަނާ އެކު ޔޫކްރެއިންގެ ފަހަތަށް ބާރު ބޮޑުކުރަން ފެށި އެވެ. ފޯސްބާގް ޖެހި ބޯޅައެއް ބްލޮކްވިއިރު، އިސާކް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ޔޫކްރެއިނުން ލީޑުނެގީ މެޗުގެ 27 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ޔާމޮލެންކޯ ހުސްކޮށްލާފައި ދިން ބޯޅަ އޮލެކްސަންޑަ ޒިންޗެންކޯ ވާތު ފައިން ބާރަށް ފޮނުވާލިއިރު، ބޯޅަ ގޯލަށް ވަނީ ކީޕަރު އޮލްސަން އަތުގައި ޖެހިފަ އެވެ.
ނަތީޖާ ހަމަހަމަކުރަން ސްވިޑެންގެ ކެޕްޓަން ސެބަސްޓިއަން ލާސެން ހިލޭ ޖެހުމަކުން ޖެހި ބޯޅައެއް ޔޫކްރެއިން ކީޕަރު ޖިއޯޖީ ބުސްޗާން ވަނީ މަތަކޮށްފަ އެެެވެ. އެކަމަކު މެޗުގެ 43 ވަނަ މިނިޓްގައި ފޯސްބާގް ޖެހި ބޯޅަ ބުސްޗާން އަށް ހުއްޓުވޭ ގޮތެއްނުވި އެވެ. އޭރިއާބޭރުން ފޯސްބާގް ޖެހި ބޯޅަ ގޯލަށް ވަނީ ޔޫކްރެއިން ޑިފެންޑަރެއް ފައިގައި ޖެހިފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ފޯސްބާގް ޖެހި ހަތަރު ވަނަ ގޯލެވެ.
ލަނޑު ޖެހުމަށް ފަހު ފޯސްބާގް (މ) އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.
ދެ ވަނަ ހާފްގެ ފުރަތަމަ 10 މިނިޓް ތެރޭ ދެ ޓީމުން ވެސް ވަނީ ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. މެޗުގެ 55 ވަނަ މިނިޓްގައި ޔޫކްރެއިންގެ ޔާމޮލެންކޯ ދިން ބޯޅައަކުން ސޭހީ ސިޑޯޗުކް ޖެހި ބޯޅަ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، ކައުންޓަ އެޓޭކެއްގައި އިސާކް ދިން ބޯޅައަކުން ފޯސްބާގް ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.
މެޗުގެ 66 ވަނަ މިނިޓްގައި އޭރިއާތެރެއިން ކުުލުސެވްސްކީ ޖެހި ބޯޅަ ތެރެއިން ޔޫކްރެއިންގެ ކީޕަރު ބުސްޗާން ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން ޔޫކްރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ފޯސްބާގް އޭރިއާތެެރެއިން ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ހުރަސްދަނޑި އަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ނަތީޖާ 1-1 އިން އެއްވަރުވެފައި އޮތުމުން ވަނީ ނަތީޖާނެރެން އިތުުރު ވަގުތު ދެ ދެ ހާފް ކުޅެފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ވަނީ ސްވިޑެންގެ މާކަސް ޑެނިއަލްސަން ކުރި ނުރައްކާތެރި ފައުލަކަށް އޭނާ އަށް ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ ޔޫރޯގެ މެޗެއްގެ އިތުރު ވަގުތުގެ ހާފެއްގެ ތެރޭގައި ދެއްކި ހަތަރު ވަނަ ރަތް ކާޑެވެ. މީގެ ކުރިން އެންމެ ފަހުން އިތުރު ވަގުތުގެ ހާފެއްގައި ދެއްކި ރަތް ކާޑަކީ 2000 ވަނަ އަހަރުގެ މުބާރާތުގައި ޕޯޗުގަލްގެ ނޫނޯ ގޯމޭޒް އަށް ދެއްކި ރަތް ކާޑެވެ.
މެޗު އެއްވަރުވެގެން ޕެނަލްޓީ އަށް ދާނެ ކަމަށް ނިންމައިގެން ތިއްބައި ޔޫކްރެއިން މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ވެސް ފަހު މިނިޓްގަ އެވެ. ފުރިހަމަ ވަގުތު ހަމަވެގެން އިތުރަށް ދެއްކި މިނިޓްގައި މި ގޯލު ޖެހީ ޒިންޗެންކޯ ނެގި ހުރަހަކުން އާޓެމް ޑޮބްވިކް ބޮލުންނެވެ. ޑޮބްވިކް ކުޅެން އެރީ ކެޕްޓަން ޔާމޮލެންކޯ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގަ އެވެ.
މިއީ ޔޫރޯ ތާރީހުގައި ދެ ވަނަ އަށް އެންމެ ލަހުން ޖެހި ގޯލެވެ. ޑޮބްވިކް ގޯލު ޖެހިއިރު، 120 މިނިޓާއި 37 ސިކުންތެވެ. އެންމެ ލަހުން ޖެހި ގޯލަކީ 2008 ވަނަ އަހަރުގެ ޔޫރޯގައި 121 މިނިޓާއި އެއް ސިކުންތު ހިނގިތަނާ ކްރޮއޭޝިއާ ކޮޅަށް ލަނޑު ޖެހި ތުރުކީގެ ސެމީހް ސެންޓާކްގެ ގޯލެވެ.
ބެލްޖިއަމް - އިޓަލީ (ހުކުރު/2 ޖުލައި 2021)
ސްވިޒަލެންޑް - ސްޕެއިން (ހުކުރު/2 ޖުލައި 2021)
އިންގްލެންޑް - ޔޫކްރެއިން (ހޮނިހިރު/3 ޖުލައި 2021)
ޑެންމާކް - ޗެކް ރިޕަބްލިކް (ހޮނިހިރު/3 ޖުލައި 2021)
Comment