Advertisement

ކާފަރެކޭ ނުބުނެވޭ މާއްދާ ބަދަލުކޮށް، ނަފްރަތުގެ ބިލަށް ބޮޑެތި އިސްލާހުތަކެއް

29 ޖޫން 2021 - 18:47 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ނަބިއްޔާގެ ދިފާއުގައި މާލޭގައި ކުރި މުޒާހަރާއެއްގައި އަޑު އުފުލަނީ: ނަފްރަތުގެ ބިލުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން ބޮޑެތި އިސްލާހުތަކެއް ގެންނަން ވަނީ ނިންމާފައި. -- ފޮޓޯ: އަހްމަދު ޝުރާއު


ކާފަރެކޭ ނުބުނެވޭ މާއްދާ ބަދަލުކޮށް، ނަފްރަތުގެ ބިލަށް ބޮޑެތި އިސްލާހުތަކެއް

29 ޖޫން 2021 - 18:47 0

އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ފަރާތުން ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވުން އިންތިހާއަށް އޮތް އިރު، އެ ބިލުގެ ބައެއް މާއްދާތައް އިސްލާހުކުރަން އެ ބިލު ދިރާސާކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލްއުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރަން ހުށަހަޅައިފަ އެވެ.

އެ ބިލާ މެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުންގެ މެދުގައި ވެސް އުފެދިފައިވާ ހިޔާލުތަފާތުވުންތައް ބޮޑެވެ. އިލްމުވެރިން ބުނަނީ އެ ބިލް އޮތްގޮތުން ދީނާދެކޮޅު ކަންތައްތަކަށް ފުރުސަތު ލިބޭ ކަމަށެވެ.

އެ ބިލަށް އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ހިޔާލު ކޮމިޓީން ވަނީ ހޯދައިފަ އެވެ. އޭގެ އިތުރުން، އެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލުމުން، ގިނަ ބަޔަކު ވަނީ ހިޔާލު ހުށަހަޅައިފަ އެވެ.

އެ ބިލު ދިރާސާކުރަމުން އަންނަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ ދީނީ ގިނަ އިލްމުވެރިންގެ ލަފަޔާއެކު އިސްލާމިކް މިނިސްޓްރީން ފޮނުވި ހިޔާލުތަކަށް ބަލައި އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ.

ދީނީ ގިނަ އިލްމުވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ގުޅިފައިވަނީ ގާނޫނުލްއުގޫބާތަށް ނަފުރަތުގެ އަމަލު ހިންގުމުގެ މާއްދާއެއް އިތުރުކޮށް، ކުށް ކަނޑައަޅާފައިވާ ގޮތުންނެވެ.

އެގޮތުން، ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ބުރޫއަރާ، އިސްލާމްދީނުގެ ދައުވަތު ފުޅާކުރުމަށް ހުރަސްއެޅޭ ކަމުގެ ކަންބޮޑުވުން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ހިއްސާކޮށްފަ އެވެ.

އެއާއެކު އިންތި ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ މާއްދާތަކަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ.

އިސްލާހު ކުރަން ހުށަހެޅި ގޮތް

އިންތި ވިދާޅުވި ގޮތުގައި، އެ އިސްލާހުތައް ޑްރާފްޓު ކުރެއްވުމުގައި އިސްލާމިކް މިނިސްޓްރީގެ ރައުޔުއަށް ވަރަށް ބޮޑަށް ރިއާއަތްކުރެއްވި ކަމަށާއި، ގިނަ މާއްދާތަކަކީ އެ މިނިސްޓްރީން ހުށަހެޅި ހުށަހެޅުމަށް ކުދި ބަދަލުތައް ގެނެސް ހިމަނާފައިވާ އިސްލާހުތަކެއް ކަމަށެވެ.

އެގޮތުން، މިހާރު އެ ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގެ ފުރަތަމަ މާއްދާގައި މިހާރު އޮތީ އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން އެއީ ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ މާއްދާ ވަނީ މުޅިން އިސްލާހުކޮށްފަ އެވެ.

124 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ (1) އިސްލާހުކުރާ ގޮތް


ވަކި މައްސަލައަކާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދީނާ މެދު ރައުޔު ތަފާތުވެފައިވާ ކަން އެނގެން އޮއްވާ، ވަކި ރައުޔުއެއްގައި ވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެ މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ނުވަތަ އެފަދަ މާނާގައި އާއްމު ތަނެއްގައި ސިފަ ކުރުން ނޫނީ ތުހުމަތުކުރުން.

ދެން އެ ބިލާ ގުޅޭގޮތުން ހިތްހަމަނުޖެހުން އެންމެ ބޮޑު އެއް މާއްދާކަމަށްވާ އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ކަނޑައެޅި މާއްދާ އުނިކުރަން އިންތި ހުށަހެޅުއްވި އެވެ. އެ މާއްދާ އުނިކުރަނީ އެގޮތަށް އިސްލާމިކް މިނިސްޓްރީން ވެސް ހުށަހަޅާފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

124 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ (2) އުނިކުރުން


އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުން.

އޭގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމުގެ އިތުރުން އެކަމުގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބައިތައް ވެސް ވަނީ ވަރަށް ބޮޑަށް އިސްލާހުކޮށްފަ އެވެ.

124 ވަނަ މާއްދާގެ (ހ). 1ގެ (3) އަދި (4) އިސްލާހުކުރާ ގޮތް


މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުނުކުރާހާ ހިނދަކު ނުވަތަ ގަސްދުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު އެމީހަކީ ކާފަރެއް ނުވަތަ މުރުތައްދުވެފައިވާ މީހެއް ކަމުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ ތުހުމަތުކުރުން.

އިންތިގެ ބައެއް ހުށަހެޅުންތަކާ މެދު ކޮމިޓީގައި މިއަދު ވެސް ކޮންމެ ވެސް ވަރަކަށް ހިޔާލުތަފާތުވި ނަމަވެސް، ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ މި ބިލަށް އެ އިސްލާހުތައް ގެންނަން ފެންނަ ކަމަށް ތާއީދުކޮށްފަ އެވެ.

އޭގެ ދަށުން އަންނަ ބައެއް މާއްދާތަކަށް އިންތި ވަނީ ބައެއް ކުދިކުދި ބަދަލުތައް ހުށަހަޅުއްވައިފަ އެވެ.

އެގޮތުން، ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުމަށް ވަކިން އިން ބައި މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމުގެ މާއްދާ ވަނީ އެއްކޮށްލައިފަ އެވެ.

އިންތި ވިދާޅުވި ގޮތުގައި އެ ބިލު ކޮމިޓީން ނިންމުމުގެ ކުރިން މިއަދު ހުށަހެޅުނު އިސްލާހުތަކުގެ އަސާސަށް ބަދަލު ނާންނަ ގޮތަށް ކުދި ކުދި ބަދަލުތައް ގެނައުމުގެ ފުރުސަތު މެމްބަރުންނަށް އަދި ލިބޭނެ އެވެ.

މީގެ އިތުރުން، ދެން އޮންނަ ކޮމިޓީގެ ބައްދަލުވުމުގައި، މި ބިލުގައި ބަޔާންކޮށްފައިވާ އަދަބުތަކާ މެދު މަޝްވަރާކުރެވި ގޮތް ތަކެއް ނިންމޭނެ ކަމަށް ވިދާޅުވި އެވެ.

އެ ބިލުގައި ހިމަނާފައިވާ ކުށްތަކުގެ އަދަބުތައް ކަނޑައަޅާފައިވަނީ އެއް އަހަރުގެ ދުވަހާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނަ ގޮތަށެވެ.

ނަމަވެސް، އެ ކުރާ ކުށަކުން މީހެއްގެ ފުރާނަ ގެއްލިއްޖެ ނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް މަޖިލީހުގެ މި ހިނގާ ދެވަނަ ދައުރު ދަންމާލާފައިވާއިރު، މި ބިލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމުމަށްޓަކައި، މި ބިލު ދިރާސާކޮށް ނިންމައި އެންމެ ލަސްވެގެން އަންނަ އާދީއްތަ ދުވަހުގެ ކުރިން އަނބުރާ ތަޅުމަށް ފޮނުވަންޖެހޭނެ ކަން އިންތި ފާހަގަކުރެއްވި އެވެ.

ނަފްރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިނުމަކީ އެމަނިކުފާނާ މެދު ނަފްރަތު އުފައްދަން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވަމުންދާ ދަނޑިވަޅެއްގަ އެވެ.