29 ޖޫން 2021 - 12:08 0
ޔޫކްރެއިންގެ ކޯޗު އަންދްރޭ ޝެވްޗެންކޯ.--
29 ޖޫން 2021 - 12:08 0
ގްލާސްގޯ (ޖޫން 29) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުުރުގައި މިރޭ ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، ސްވިޑެން އަތުން ލިބޭ ކޮންމެ އެއްޗަކީ ޔޫކްރެއިނަށް ބޯނަހެއް ކަމަށް އެ ޓީމުގެ ކޯޗު އަދި ކުރީގެ މަޝްހޫރު ފޯވާޑް އަންދްރޭ ޝެވްޗެންކޯ ބުނެފި އެވެ.
ޔޫކްރެއިން އަށް މި ފަހަރުގެ ޔޫރޯ ދެ ވަނަ ބުރުން ފުރުސަތު ލިބުމަކީ ތާރީހީ ކާމިޔާބެކެވެ. އެ ޓީމުން ވާދަކުރި ގްރޫޕްގެ ތިން ވަނަ ދިއުމުން މުބާރާތުގައި ކުރިއަށް ދެވެން އޮތީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ޔޫކްރެއިނަކީ ދެ ވަނަ ބުރުން ޖާގަ ލިބުނު އެންމެ ފަހު ޓީމެވެ.
ޔޫކްރެއިންގެ ނަމުގައި ކުޅެން ފެށި ފަހުން އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް މިރޭ ޔޫރޯގައި ނޮކައުޓް މެޗަކަށް ނުކުންނައިރު، ޝެވްޗެންކޯގެ ނަޒަރުގައި އެ ޓީމަށް ގެއްލޭނެ ބޮޑު އެއްޗެއް މި ފަހަރު ދެން ނެތެވެ.
"ވަރަށް ދިގު ދަތުރަކަށް ފަހު އަހަރެމެންނަށް މި މުބާރާތުގެ މި ހިސާބުގައި މި ތިބެވެނީ. އަހަރެމެން ބޭނުންވި ޓާގެޓަކީ ގްރޫޕް ސްޓޭޖުން ނުކެޓުން. މިހާރު އެކަން ހާސިލްވެއްޖެ. އެހެންވީމަ ދެން ނެތް ގެއްލޭނެ މާ ބޮޑު އެއްޗެއް،" ޝެވްޗެންކޯ ބުންޏެވެ.
"ދެން މި މެޗުގައި ވެސް ކުރިއަށް އޮތްތަނުގައި ވެސް އަހަރެމެންނަށް ލިބޭނެ ކޮންމެ އެއްޗަކީ ބޯނަހެއް. އަހަރެންގެ ނަޒަރުގައި މި ޓީމު (ޔޫކްރެއިން) އިން ގްރޫޕް ސްޓޭޖުގައި ވަރަށް ރަނގަޅަށް ކުޅުނު. ފަހު ވަގުތާ ހަމައަށް ނެދަލެންޑްސް ކައިރީ ރަނގަޅަށް ކުޅެފައި ބަލިވީ. ނޯތު މެސެޑޯނިއާ އަތުން ރަނގަޅު މޮޅެއް ހޯދި. ދެން އޮސްޓްރިއާ ފެނުނީ ވަރަށް ވަރުގަދަ ޓީމެއް ގޮތަށް،"
ޔޫކްރެއިން އިން މީގެ ކުރިން ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ދެ ވަނަ ބުރުގައި ކުޅުނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އެ ފަހަރު ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑް ބަލިކޮށް ކުއާޓާ ފައިނަލުގައި ވާދަކުރި ޔޫކްރެއިން ޓީމުގައި ޝެވްޗެންކޯ ވެސް ހިމެނެ އެވެ. ކުއާޓާ ފައިނަލުގައި ޔޫކްރެއިން ކެޓީ އިޓަލީ އަތުންނެވެ.
މިރޭ ސްވިޑެން އަތުން މޮޅުވެގެން ޔޫކްރެއިން އަށް ފުރަތަމަ ފަހަރަށް ޔޫރޯގެ ކުއާޓާ ފައިނަލުން ޖާގަ ހޯދޭނެ އެވެ. ޝެވްޗެންކޯ ބުނީ އެކަން ހާސިލްކުރެވޭނެ ގޮތަކީ ސްވިޑެން އިން ދެއްކި ހިތްވަރެއްގެ ދެ ގުނަ ޔޫކްރެއިން އިން މަސައްކަތް ކޮށްގެން ކަަމަށެވެ.
"މަތިން ކުޅޭ ބޯޅަތަކުގައި ސްވިޑެން ވަރަށް ރަނގަޅަށް ފެންނަނީ. ފިޒިކަލީ ވެސް އެ މީހުން ވަރުގަދަ. މި ހުރިހާ ޗެލެންޖަކާ ކުރިމަތިލައިގެން އަހަރެމެންނަށް މި މެޗުން މޮޅުވެވިދާނެ،" ޝެވްޗެންކޯ ބުންޏެވެ.
ޔޫކްރެއިން މީޑިއާ އިން ދެކޭގޮތުގައި ޝެވްޗެންކޯ މި މެޗުގެ ކުރިން ޔޫކްރެއިން އިން މުބާާރާތުގައި ޓާގެޓް ކުރި ކަންތައް ހާސިލްވެއްޖެ ކަމަށް ބުނީ ހަގީގަތުގައި އެ ޓީމުގެ ކުޅުންތެރިންނަށް ބޮޑު މެޗެއްގެ ކުރިން ޕްރެޝަރު ނުދޭށެވެ.
މިއީ ޔޫކްރެއިނާއި ސްވިޑެން ބައްދަލުކުރާ ފަސް ވަނަ މެޗެވެ. ޔޫކްރެއިނުން ވަނީ 2012 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި 2-1 އިން ސްވިޑެން ބަލިކޮށްފަ އެވެ. އެ މެޗުގައި ޔޫކްރެއިން ދެ ގޯލު ޖެހީ ކޯޗަކަށް މިހާރު ހުރި ޝެވްޗެންކޯ އެވެ.
މިއީ ސްވިޑެން އިން ޔޫރޯގެ ނޮކައުޓް ބުރުގައި ކުޅޭ ތިން ވަނަ ފަހަރެވެ. ޔުރޯގެ ޗެމްޕިއަންކަން 1992 ވަނަ އަހަރު ހޯދި ސްވިޑެން އެންމެ ފަހުން ނޮކައުޓް ބުރުގައި ކުޅުނީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު ނެދަލެންޑްސް އަތުން ޕެނަލްޓީ ޖަހައިގެން ކެޓިއިރު، އެންމެ ފަހުން ކުޅުނު ތިން ޔޫރޯގައި ވެސް ސްވިޑެން އަށް މުބާރާތް ނިމުނީ ގްރޫޕް ސްޓޭޖާ ހަމައިންނެވެ.
ސްވިޑެންގެ ކޯޗު ޖޭން އެންޑަސަން: މި ފަހަރުގެ މުބާރާތުގައި ރަނގަޅު މަސައްކަތެއް އަންނަނީ ކުރަމުން
ސަތާރަ އަހަރު ތެރޭ ޔޫރޯގެ ނޮކައުޓް މެޗަކަށް ފުރަތަމަ ފަހަރަށް ނުކުންނައިރު، ސްވިޑެންގެ ކޯޗު ޖޭން އެންޑަސަން ދެކޭ ގޮތުގައި ވަކި ޓީމެއް މޮޅުވާން ހާއްސަ "ޓިކެޓެއް" ނެތެވެ. ސްވިޑެން އިން ގްރޫޕް ސްޓޭޖުގައި މެޗަކުން ބަލިނުވެ، މި ހިސާބަށް އައުމުން ޔޫކްރެއިން ނުކުންނާނީ އެކަމަށް ވެސް ވިސްނައިގެން ސްވިޑެން ބަލިކުރުމުގެ އަމާޒުގައި ކަމަށް އެންޑަސަން ވަނީ ބުނެފަ އެވެ.
"މޮޅުވުމުގެ ޓިކެޓެއް އެއްވެސް ބަޔަކަށް ނެތް. ކޮންމެ ޓީމެއް ވެސް މިހާރު އެ އޮތް ހިސާބަށް އައިސްފައި އެ އޮތީ މަސައްކަތް ކޮށްގެން ނަތީޖާ ނެރެގެން. އެހެންވީމަ ވަކި ޓީމެއް ފަސޭހަވާނެއޭ ނުބުނެވޭނެ. ކޮންމެ ޓީމެއް ވެސް މޮޅުވާން އެ ކުރެވެން ހުރި ކަމެއް ކުރާނެ،" އެންޑަސަން ބުންޏެވެ.
ސްވިޑެން އިން މި ފަހަރުގެ ޔޫރޯގައި މިހާތަނަށް ކާމިޔާބުކޮށް ޖެހީ 591 ޕާހެވެ. މިއީ ނޮކައުޓް ބުރުގައި ކުޅޭ ޓީމުތަކުގެ ތެރެއިން އެންމެ ދަށް ރެކޯޑެވެ.
އެންޑަސަން ބުނީ އޭނާ ގަބޫލުކުރާ ފުޓްބޯޅައިގައި އެންމެ ފުރަތަމަ ޓާގެޓަކީ ނަތީޖާ ނެރުމެވެ. އެކަން ހާސިލްކުރުމުގެ ތެރޭގައި ނުރަނގަޅު ރެކޯޑްތަކެއް އޮތް ކަމުގައި ވިޔަސް އެއީ މާ ބޮޑު ސަމާލުކަމެއް ނުދޭނެ ކަމެއް ކަމަށް އެންޑަސަން ބުންޏެވެ.
މި ފަހަރުގެ ޔޫރޯގައި ސްވިޑެންގެ ތަރި އަކީ އެޓޭކިން މިޑްފީލްޑަރު އެމީލް ފޯސްބާގް އެވެ. މި މެޗުގެ ކުރިން ފޯސްބާގް ބައެއް ޕްރެކްޓިސްތަކުގައި ބައިވެރި ނުވެ އެވެ. އެންޑަސަން ބުނީ ފޯސްބާގްގެ އަނިޔާގެ މައްސަލައެއް ނެތް ކަމަށާއި ޔޫކްރެއިނާ ދެކޮޅަށް އޭނާ ކުޅޭނެ ކަމަށެވެ.
މީގެ ކުރިން ސްވިޑެން އިން ޔޫކްރެއިން ބަލިކުރި ހަމައެކަނި ފަހަރަކީ 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގަ އެވެ. ސްކޮޓްލެންޑްގެ ހެމްޕްޑެން ޕާކުގައި މިރޭ ސްވިޑެން އާއި ޔޫކްރެއިން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment