Advertisement

ކެރަފާ މުހައްމަދު ނަޝީދުގެ ވާހަކައެއް: ޗާލާ ޒަމާން (2)

އަދަދު އާޓްވޯކް: އަހުމަދު އިހްސާން (އަރަކަ އާޓްސް) އަދި އަބްދުﷲ ޝަފީއު (އަބޯ)


ކެރަފާ މުހައްމަދު ނަޝީދުގެ ވާހަކައެއް: ޗާލާ ޒަމާން (2)

(ފުރަތަމަ ބަޔާ ގުޅޭ)

"މާތްކަލާކޯ ދެންހެޔޮ."

ޔޫލާ މަގޭ އާދޭހަށް ކިޔުން ހުއްޓައެއްނުލި އެވެ.

ޒުހުރީ ފަނާވެ ނިމިދިޔަގޮތަށް ދިޔައިރުގައި (ނުވަތަ ފޮނުވާލެވުނުއިރުގައި) އޭނާގެ އުމުރަކީ ފަންސާސް ދެ އަހަރެވެ. އާދަމް ޒުހުރީ މަރުވުމުގެ ކުރީގައި އެއްވެސް ނޯޓެއް ލިޔުމެއް އެއްޗެއް ބާއްވާފައެއް ނުވެ އެވެ. މިއީ އާދަޔާހިލާފް ކަމެއްކަމަށް ސެންޓްރަލް ހޮސްޕިޓަލުގެ ސައިކޮލަޖިސްޓަކު އަހަރެމެންނަށް ހަބަރު ދިނެވެ. ސައިކޮލަޖިސްޓް ބުނި ގޮތުގައި އަމިއްލައަށް މަރުވާ ގިނަ މީހުން ކޮންމެވެސް ނޯޓެއް ލިޔުމެއް ފަދަ އެއްޗެއް ބާއްވާފައި އޮވެ އެވެ. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އަމިއްލައަށް މަރުވެފައިވާ މީހުންގެ ޖުމްލަ އަދަދެއް ކަމަށް ސެންޓުރަލް ހޮސްޕިޓަލުން ދިނީ 73 ކެވެ. އެހެންނަމަވެސް ފުލުސް އޮފީހުގެ ރެކޯޑްތައް ބުނާގޮތުން 123 އެވެ.

ބުނެވެދިޔަ 73 ތިންމީހުންގެ ތެރެއިން 68 މީހުން، އެމީހުންގެ ފުރާނަ ނައްތާލުމުގެ ކުރީގައި ވަނީ ނޯޓެއް ނުވަތަ ލިޔުމެއް ދުނިޔެއަށް ދޫކޮށްފަ އެވެ. އާދަމް ޒުހުރީގެ ކޮޓަރީގައި ނޯޓެއް ނުވަތަ ލިޔުމެއް ފެންނާން ނެތް ކަމުގައި ވިޔަސް މަންޒަރުދުށް ފަރާތްތައް ބުނާގޮތުގައި އޭނާގެ ގަލަން އޮތީ ދޮރާއި ދިމާއަށް ވިއްސައިގެން ގޮސް ވެއްޓިފަ އެވެ. ގަލަމުގެ ދޯރި އޮތީ ކޮޓަރިތެރޭގައިހުރި ލިޔާމޭޒުމަތީގަ އެވެ. ސިނގިރޭޓް ފޮއްޓާއި ލައިޓަރު ކައިރީގަ އެވެ. "ރީތިކޮށް ބާވާލައިފާ" ކަމުގައި ވެ އެވެ. ޒުހުރީ ލައިގެން ހުރި ގަމީހާއި ފަޓުލޫނު އަދި ޖަނގިޔާ އޮތީ ފަތްޖަހާފައި އެކޮޓަރީގައި ހުރި އެނދުގެ ބޯލާކޮޅުގައި ބާއްވާފަ އެވެ. "އެނދުގައި މީހަކު އޮށޯވެ އޮވެފައިވާކަމުގެ ނިޝާނެއް" ފެންނާން ނެތްކަމުގައި މިނޫހަށް ހަބަރު ދިން، މަންޒަރު ދުށް ފަރާތްތައް ބުންޏެވެ.

އަލީ ނަޖީބް، އުމުރު 11 އަހަރު ބުނަނީ "އާދަމް ޒުހުރީގެ ފޮތް ބަލާ މީހަކު އަ އެވެ." ޒުހުރީ ކޮޓަރިއަށް ވަނުމުގެ ކުރިން "ބުނުއްވާފައި އޮތީ އެފޮތް ބަލާ މީހަކު އަންނާނެ ކަމަށެވެ. އައިމާ އެފޮތް ދިނުމަށެވެ." އެމީހަކު އައިކަމަށް ބެލެވެނީ މެންދުރު އަނބުރާ ދެގަޑިބައި އެހައިކަންހާއިރު އެވެ.

"ޔޫލާ، ނަބީކަލޭގެފާނުގެ ނަންފުޅަށްޓަކައި މިބުނީ މަޑުޖައްސާލަބަލަ" އަހަރެން ހަދާނެގޮތް ހުސްވެފައި އިން ދަރަޖަ ޔޫލާއަށް ކުޑަކޮށް ވެސް އިހްސާސް ކުރެވޭ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ޒުހުރީއަކީ އަހަރެންގެ ކިހާވަރެއްގެ މީހެއްކަން ޔޫލާއަށް އެނގިފައިވާކަމަށް އަހަރެން ނުދެކެމެވެ.

އަހަރެން ކުރީގައިވެސް އޮންނާނީ ބުނެފަ އެވެ. "ދިރާސާ މިއަދު" އެއީ މަހަކު އެއްފަހަރު ނިކުންނަ މަޖައްލާއެއް ކަމުގަ އެވެ. އެއީ މިބުނާ ނޫސް ނޫހެއް ނޫންކަމެވެ. ޔޫލާ މިހަބަރު ލިޔެގެން މިއުޅެނީ ކޮންމެވެސް އެހެން ނޫހަކަށް ކަން މަށަށް ޔަގީންވި އެވެ.

"ޔޫލާ، ލޭކޮށާލަން އުޅޭހެން ހާދަ ހީވެޔޭ" ޔޫލާ ލިޔެފައި އޮތް ހަބަރާއި މެދުގައި އަހަރެން ބުނީމެވެ. "މިއީ ހަމަ ސީދާ އެކަން ހިނގިގޮތް" އޭނާ ބޭރުގޭތެރެއިން ގޮޑިއެއް ހިފައިގެން އައިސް ޖައްސާލި އެވެ. އެވަގުތުން ފެށިގެން އަހަރެން ޒުހުރީ ދިފާއުކުރަން ފެށީމެވެ.

"މަ ނޯންނާނެ އޭނާ މަރުވީ އަމިއްލައަށޭ ބުނެފައެއް"

"ދެން ކޮން 73 ކާއި 68 ކާއި، ކޮން އަދަދުތަކެއް"

"އެއީ ރާއްޖޭގައި އަމިއްލައަށް މީހުން މަރުވި އަދަދު. ވޭތުވެދިޔަ ފަސްއަހަރުގަ. އެކަމަކު ޒުހުރީ މަރުވީ އަމިއްލައަށްކަމެއް އަހަރެން ބުނެފައެއް ނޯންނާނެ."

ޔޫލާ އާއި ޒުވާބު ކުރުމުގެ ބޭނުމެއް ނެއްކަން އަހަރެން ދެނެގަތީމެވެ. އޭނާ އެހުރީ އެއްގޮތަކުން ބުނަނީނަމަ، އެންމެ ރަގަޅު، އަނެއްގޮތަކުން ބުނާނަމަ ނޮހުރުއްޕާން ބޮޑު ނޫސްވެރިއަކަށް ވެފަ އެވެ. އެކަމަކު އަހަރެންނަށް ދޫކޮށްލެވޭކަށެއް ނެތެވެ.

އަސްލުގަ ބުނަން ހެއްޔެވެ؟ އެވަގުތު މަގޭ ކަންތައްތައް ވަރަށް ބޮޑުވި އެވެ. އެއްކޮޅުން އެފޮތެއްގެ ވާހަކަ ދައްކާ އަހަރެން ވެސް އެހަބަރު ތެރެއަށް ވައްދަ އެވެ. އާން! އާން! ޔޫލާ އަކަށް އެފޮތް ބަލާ އައީ ކާކު ކަމެއް އަދި ނޭނގެ އެވެ. އެކަމަކު އަހަރެން އޭނާ ދަންނަމެވެ. އޭނާ އެކަން ހޯދާކަށް ގިނަ އިރެއް ނުނަގާނެކަން ކަށަވަރެވެ.

އަހަރެން ކުއްލިއަކަށް ހިތަށް އެރި އެވެ. ރަގަޅަށްވިއްޔާ ޔޫލާ މަގޭ ކައިރިއަށް އައިސް އެއިނީ އޭނާއަށް އެފޮތުގެ ކަންތައް އެގިގެންނެވެ. އެ ފޮތް ބަލާ ދިޔައީ އަހަރެން ކަމަށް ޝައްކުކުރެވިގެންނެވެ. އަހަރެން ބިރުގަތެވެ. އެކަމަކު ބިރުގަންނާންވީ ސަބަބެއް ނެތްކަން މަށަށްވެސް އެނގެ އެވެ.

"ލަތީފް. ބުނަންތަ. އަހަރެން ކަލޭ ކައިރިއަށް މިއައި ސަބަބު އަހަންނަށް ހީވަނީ ކަލޭއަށްވެސް އެގޭނެހެން."

ޔޫލާ އަކުރުތަކަށް ބާރުލާ މަށާ ދިމާއަށް ބަލަންއިދެ ބުންޏެވެ.

އަހަރެން ގޮޑިއަށް ފެތިލީމެވެ. ހީލައިފާ ވައަތުން މަގޭ ދަތްދޮޅީގައި އަތް އަޅުވާލީމެވެ. ސައިކޯވަރެއް ދަމާލީމެވެ. އަހަރެން ޔޫލާއަށް ދައްކަމުން ގެންދިޔަ ހަރަކާތްތައް، އަހަރެންނަށް ރަގަޅަށް އެނގެ އެވެ. އެ ހަރަކާތްތައް އަހަރެން ގެންނަމުން ގެންދިޔައީ ގަސްދުގަ އެވެ. ބުނާނެ އެއްޗެއް، ހަދާނެ ގޮތެއް ހޯދުމުގެ ފުރުސަތު ދަމައިގަތުމަށެވެ.

"މައްސަލަ އާއި ބެހޭ ގޮތުން ފުލުސް އޮފީހަށް މައުލޫމާތު ދިނުމުގެ ކުރިން އަހަރެން އެއްޗެއް ބުނާކަށް ނެތިން"

ޔޫލާ މިކަމުގެ ތެރެއަށް އަހަރެން ފައްތާލާނީ ކިހާވަރަކަށް ބާވައޭ ހިތަށް އެރި އެވެ. ގިނައިރުތަކެއް ނުކޮށް ޔޫލާ ނިކުމެގެން ހިގައްޖެ އެވެ. ގޮޑިން ހިއްލާލަން ނޭނގިފައި އަހަރެން އިނީމެވެ. ހަރަކާތެއް ނުގެނެވިފަ އެވެ. ދެން ވާނީ ކިހިނެއްތޯ ވިސްނުމަށް އަހަރެން ފަށައިގަތީމެވެ. ބުއްދީގެ ރޮނގުން ދަމައިގަނެވޭތޯ ބެލީމެވެ. ހިތަށް އެރި އެވެ. ޔޫލާއަށް ވަރަށް ރަގަޅު ޓެސްޓެއްތާ އެވެ. ރަގަޅު ހަބަރު ދިނުމަކީ މީހެއްގެ އަބުރަށް ގެއްލުން ނުދީ ކަންހިނގި ސީދާ ގޮތް ބަޔާންކުރުންތާ އެވެ. އެއީ އުނދަގޫ ކަމެއްކަން ގަބޫލު ނުކުރާނީ ކާކުހެއްޔެވެ.

އަހަރެންގެ ހިޔަނި އެއިރު އެއްގޮތަކަށްވެސް ނެތެވެ. އިރު، ދުވަހުގެ މަސައްކަތުގައި އަވަދިނެތި އުޅުމަށް ފަހުގައި ގޮސް ގެއްލުނީތީ އެވެ. ގޮޑިން ތެދުވާންވީތާ އެވެ. ފުރަތަމަ ކުރާންވީ ކަންތައް އަހަރެންނަށް އެއިރު އެނގިއްޖެ އެވެ. ޒުހުރީ މަށަށް ދިނީ ކޮން ފޮތެއްތޯ ބެލުމެވެ.

އެފޮތްވީ ޒުހުރީގެ ޑައިރީއަށެވެ. ޑައިރީގައި ހިފަހައްޓައިގެން އަހަރެން ހުރީމެވެ. ކޮޓަރިތެރޭގަ އެވެ. ތޫނު ވިސްނުމެއް އާދޭތޯ މަގޭ މޭޒުގައި ކަނާތު އިގިލިތަކުގެ ކޮޅުން ބެރުޖަހާލަ ޖަހާލަ އެވެ. އެއްވެސް ހާލެއްގައި އެޑައިރީ މަގޭ އަތުން ދޫކޮށްލުމަކަށް އަހަރެންގެ ބުއްދި ހިނގާމަގު ޖާގައެއްނުދިނެވެ. ހިތްހަމައެއް ނުޖެހުނެވެ. ކޮންމެ ފަދަ ގޮތެއްގައި ވެސް ޑައިރީ އޮންނާންޖެހޭނީ މަގޭ އަތުގައި ކަމުގައި ނިންމީމެވެ. ހުންނާނީ ހުރި ގޮތުގަ އެވެ. އަބަދުގެ އަބަދަށެވެ. ޑައިރީއާއި ދިމާލަށް ބަލަހައްޓައިގެންހުރެ މިއީ އަހަރެން ކަން ކުރާނެ ގޮތް ކަމުގައި ނިންމީމެވެ.

އިރުއޮއްސި އަށްގަޑި ބައިވާން އުޅެނިކޮށް، ވަރަށް މަސައްކަތް ކުރުމަށް ފަހުގައި އެ އެތި މަގޭ އަތު ޖެހިއްޖެ އެވެ. ފޮތްފޮށި ބަލާންފެށީ އެފެންނާނެ ކަމަކަށް ނޫނެވެ. އެކަމަކު އެ އޮތީތާ އެވެ. ނުވަވަނަ ކުލާހުގައި ހިސްޓްރީ ނޯޓްސް ޒުހުރި ލިޔެފައި އޮތް ފޮތެވެ. ހިސްޓަރީ ފޮތެވެ.

ވަގުތުގެ އަޖަލުގައި ޖެހި ފޮތް އޮތީ ފިސާރި ބާވެހަންވެފަ އެވެ. އަހަރެން އެހުޅުވާލީމެވެ. ނުވަވަނަ ކުލާހެއްގެ އާންމު ނޯޓް ފޮތެކޭ އެއެކޭ ތަފާތެއްނެތެވެ. އެތެރޭގެ ދެފަރާތުގެ ބަޑޭރިގަނޑުގައި އެކި މީސްމީހުންގެ މައިންބަފައިންގެ ނަން ލިޔެވިފައި ހުއްޓެވެ. އަހަރެން އެއިރު ހިތާވެގެން އުޅުނު، ނުވަތަ އުޅެފައި ހުރި ކުދިންގެ މައިންބަފައިންގެ ނަމެވެ. ކުދި ކުދި ޖުމްލަތައް ބައިވަރެވެ. އެކި އެކި ޓީޗަރުން އަހަރެންގެ އަތުޖެހިއްޖެނަމަ ހަދާލާނެ ގޮތްތަކުގެ ޖުމްލަތައް ވެސް މެއެވެ. ޓީޗަރުންގެ ކާޓޫނު ފޮޓޯތައް ވެސް މެއެވެ. ޒުހުރީއަކީ އަބަދުވެސް ކާޓޫނު ކުރަހަން މޮޅު މީހެކެވެ. އެކާޓުނުތައް އެއީ އޭނާ ކުރަހާފައި ހުރި ކާޓޫނެވެ.

*************///***********

"......... ދެގަޑިބައި އެހާކަންހާއިރު، ގަލޮޅު ބުރާރަގޭ އިބްރާހިމް ލަތީފް ހެންވޭރު މަތިވާގެއަށް ގޮސް އާދަމް ޒުހުރީގެ ފޮތެއް ހިފައިގެން ދިޔަކަމަށް ބެލެވޭ ބެލުން އެއީ އާދަމް ޒުހުރީގެ މަރުގެ ތަހުގީގުގައި ވަރަށް ބޮޑު ބައެއް ކުޅޭނޭ ހަގީގަތެއްކަމަށް، މިފަދަ މައްސަލަތައް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ނޫހުގެ ފަރާތުން އިބްރާހިމް ލަތީފް އާއި ބައްދަލުކުރުމުން އޭނާ ބުނުއްވީ "މައްސަލަ އާއި ބެހޭ ގޮތުން ފުލުސް އޮފީހަށް މައުލޫމާތު ދިނުމުގެ ކުރީގައި އޭނާ އެއްޗެއް ބުނަން ގަސްދުނުކުރާ ކަމަށެވެ."

އާދަމް ޒުހުރީގެ މަރުގެ ހާދިސާގެ، ޅަފަތުގައި އުފެދޭ ސުވާލަކީ ހަމަ އެކަނި، އިބްރާހިމް ލަތީފް ހެންވޭރު މަތިވާގެއިން ގެންދިޔައީ ކޮން ފޮތަކާއި މެދު ކުރެވޭ ސުވާލެއް ނޫނެވެ. އިބްރާހިމް ލަތީފްއަށް، އެފޮތް ބަލާދިއުމަށް އެނގުނީ ކޮންއިރަކު ކާކު ބުނެގެންތޯއާ މެދު ކުރެވޭ ސުވާލުވެސް މެއެވެ. ............................"

"މާތްކަލާކޯ ޔޫލާ" ހެނދުނު ހޭލި ކުނި މޫނައި އެކު ނޫސް ހިފަހައްޓައިގެންހުރެ މަށަށް ބުނެވުނެވެ. "އާދަމް ޒުހުރީ މަރާލިކަމަށް ތުހުމަތު ކުރެވެނީ އިބްރާހިމް ލަތީފްއޭވެސް ބުނަންވީނު"

އަހަރެން ކުޑަކޮށް ދާހިއްލާން ފެށިއެވެ. ޔޫލާގެ ހަބަރު ކިޔާ ނިންމާލެވުނީ ގަދަކަމުންނެވެ.

"...... ނޫހަށް ހަބަރު ލިބިފައިވާ ގޮތުގައި، އާދަމް ޒުހުރީ އާއި އިބްރާހިމް ލަތީފް އަކީ ގާތް ދެރަހުމަތްތެރިން ކަމުގައި ފާހަގަ ކުރެވެ އެވެ. މަޖީދިއްޔާ ގޯލްޑަން ޖުބުލީ ކާނިވަލް އާއި ގުޅުވާ ނެރެވުން ފޮތެއްގައި 'ޑިސްކޯ އާއި ކެސީނޯ' ހިންގުމުގައި އަތުގުޅުވާލައިގެން ތިބިކަމަށް އެފޮތް ބުނަނީ، އިބްރާހިމް ލަތީފް އާއި އާދަމް ޒުހުރީ ކަމަށެވެ. ވުމާއިއެކު އިބްރާހިމް ލަތީފް ފުލުސް އޮފީހަށް ދެއްވާ މައުލޫމާތަކީ މިމައްސަލައިގެ ތަހުގީގުގައި ބޮޑު ދައުރެއް އަދާކުރާނެ މައުލޫމާތުތަކެއް ކަމަށް އަޅުގަޑުމެންނަށް ލަފާކުރެވެ އެވެ.

ފުލުސް އޮފީހުން ހަބަރު ދެއްވާ ގޮތުގައި މައްސަލައިގެ ތަހުގީގު މިހާރުދަނީ ހިނގަމުންނެވެ. "މައްސަލަ އާއި މެދު އިތުރަށް އެއްޗެއް އަދި ބުނެވޭން ނެތްކަމަށްވެސް ފުލުސް އޮފިހުން ވިދާޅުވި އެވެ. ........................"

އަހަރެން ނޫސް ބާވާފައި ފުލުސް އޮފީހުން އަންނަންވާއިރަށް ތައްޔާރުވެ ހުރީމެވެ. ހެދުނު ސައިބޮއެ ނިންމާލައިގެން، އުނދޯލީގައި އިންދާ ފުލުހުން އަހަރެން ގެއަށް އަތުވެއްޖެ އެވެ.

"ލަތީފް. ކޮންމެވެސް ފޮތެއްގެ ވާހަކަ އެބަދެކެވޭނު." އޮފިސަރު އަހަންނާއި ސުވާލުކުރި އެވެ. އެއިރު އަހަރެން ހުރީ ކޮޓަރީގަ އެވެ. އޮފިސަރު މާއެހެން ފާޑަކަށް މަގޭ ކޮޓަރީގެ ކަންކަނަށް ކަޅި އުކަމުން ގެންދިޔަ އެވެ. އަހަރެން ޒުހުރީގެ ހިސްޓްރީ ފޮތް އޮފިސަރަށް ދިއްކޮށްލީމެވެ. އޮފިސަރު ކައިރީގައި ހުރި ތިންފަށްއެރި ޅަވަރެއްގެ ގޮލައެއް އޭނާގެ ޕްލާސްޓިކް ދަބަހަށް އެފޮތް ވައްޓާލިއެވެ. އޭނާގެ ތުނި އަންގި ލައްވާފައި އޮތް އަތުގެ ދެއިނގިލިކުރިން ހިފަ އެވެ. މިއީ ޔޫލާގެ ނުހޮރުއްޕާނޭ އަހަރެން ހިތަށް އެރިއެވެ. ކީއްތަ ޔޫލާގެ ހަބަރު ކިޔާލާ މީހަކު ބުނާނީ ޒުހުރީ މަރާލީ އަހަރެންކަމަށެވެ.

"ލަތީފް ބުނާނެ އިތުރު އެއްޗެއް އެބަ އޮތްތަ؟" އޮފިސަރު ސުވާލު ކޮށްލިއެވެ. މަގޭ މަސައްކަތުގެ ދާއިރާއިން ކަންނޭނގެ އެވެ. މިކަހަލަ މިކަހަލަ ސުވާލުތަކަކީ މަށަށް ހަމަ ފެނެވެ. ހަމަޖެހިލައިގެން ޖަވާބުދެވޭ ފަދަ ސުވާލު ސުވާލެވެ.

"އަޅުގަނޑު ޒުހުރީ އާއި ...."

"ލަތީފް ދޭ ބަޔާނެއް ދިނުމަށް ފުލުސް އޮފީހަށް އަންނާންވީނު؟"

-އަޖާއިބެއް މަ ނުގޮސް ކީއްތަކުރާނީ.- އަހަރެންނަކަށް ނޭނގުނެވެ. ބަންދުކުރާން ގެންދަނީ ކަމެއް މުޅިއަކުން ސާފެއްނުވި އެވެ. އޮފިސަރު މިކަން ހިންގަމުން ގެންދިޔައީ ސިހޭފަދަ ގޮތަކަށެވެ.

ފުލުސް އޮފީހުގެ މޭޒެއްގެ ދޮށުގައި އަހަރެން އިނދެ ކަން ހިނގިގޮތަށް ބަޔާނެއް ލިޔެފީމެވެ. އެކަމަކު ޑައިރީގެ ބަދަލުގައި މުޅިންވެސް ބޭނުންކުރީ ހިސްޓްރީ ފޮތެވެ. އަހަރެން އުކުޅެއް ހެދީ އެވެ. ދޮގެއް ހެދީ އެވެ. އަހަރެންނަށް އެޑައިރީ ދޫކޮށްލާން ހިތްހަމަ ނުޖެހުނީތީ އެވެ. ކިތަންމެ ސަބަބުތަކަށްޓަކަ އެވެ. ޒުހުރީގެ މާޒީގެ ދުވަސްތައް މުޅި މާލޭގައި އިއުލާން ނުކުރުމުގެ ނިޔަތުގަ އެވެ.

ތިޔަ ބުނާއެތި އަހަރެންނަށްވެސް އެބަ އަޑުއިވެ އެވެ. ފޮރުވަން ތިޔަ އުޅެނީ ޒުހުރީގެ މާޒީ އެކަނި ހެއްޔެވެ؟ ތެދެކެވެ. ޒުހުރީގެ އިއްޔެގެ ދުވަސްތަކާ މަގޭ ހަމަ އެދުވަސްތަކާއި ވަނީ ވަރަށް ބޮޑަށް ފައްތަރުވެފަ އެވެ. އެހެންކަމުން އެޑައިރީ ފޮރުވުމުން މަށަށްވެސް އެތައް ކަމަކުން އުފެއްދުނީ އެވެ. އަދި ވާހަކައެއް ބުނަން ހެއްޔެވެ. ތިފަދައިން ބުނަންޏާ ޒުހުރީގެ ޑައިރީ ފޮރުވުމުން އެފޮރުވެނީ ހަމައެކަނި މަގޭ އައުގުރާނައެއް ނޫނެވެ. އެތައް ބައެއްގެ ހަޑި އެވެ. ކިތަންމެ ބައެކެވެ. އެޑައިރީގައި ހުރި ހުރިހާ ވާހަކައެއް ހާމަވެއްޖެ ނަމަ، ހާލުގާ ޖެހުނު ފީލުބާގައިގެ މީހުން އެއްޗަކަށް ނުވާނެ އެވެ. މަބުނީމަ އަޑުއަހާށެވެ. އަހަރެން އެ ޑައިރީ ކިޔައިފީމެވެ. އޭގެ އެއްވެސް ވާހަކައެއް ހާމަކުރަން މަށެއް ނެތީމެވެ. ޔޫލާއަށް އޭގެ ވަސް އެގުނަސް މާލެ ބަންޑުންޖަހާނެ އެވެ.

ފުލުސް އޮފީހަށް ބަޔާންދީފީމެވެ. އަހަރެން ދިޔަސް ހެޔޮކަމަށް ބުނުމުން، އަހަރެން ދިޔަ ގޮތަށް ދިޔައީ އޮފީހަށެވެ. އަހަރެން ގެންގުޅޭ ދެ ޖަނަވާރާ ކުރިމަތިލުން އެއީ ފުލުސް އޮފީހުން އެނިމިދިޔަ ތަހުގީގަށްވުރެ ވޭން ބޮޑުވާނޭ ކަމެއްކަން އެނގިހުރެ އެވެ.

އަހަރެން މޭޒުކައިރީގައި ޖައްސާލުމުން ޔޫލާ އާއި ކުރުސީ ލަސްތަކެއް ނުކޮށް މަގޭ ކުރިމަތގައި ފޭލިގެ ޖަހައިފި އެވެ. ޔޫލާ ސިނގިރޭޓެއް ވެސް ރޯކޮށްލި އެވެ. ކުރުސީ ނެގީ ސުއްޓާއެކެވެ. ދެވެރިން ވެގެން މަގޭ މޫނަށް ދުން ދޫކުރަން ފެށި އެވެ. ނޭނގޭ ކަމަށް ހަދައި އަހަރެންވެސް ސިނގިރޭޓެއް ރޯކޮށްލައިފީމެވެ. ފުލުސް އޮފީހުން ދިން ބަޔާން އަކުރުން އަކުރަށް އެމީހުންނަށް ކިޔައިދިނީމެވެ.

"އެހެންވީމާ، އެންމެ ފަހުގެ ގުޅުން ކަނޑާލީ، އެއަށްފަހުގައި ދުނިޔެވެސް ދޫކޮށްލީ." މަށަށް ކުރުސީ ދައްކަންފެށި ވާހަކައެއް އަދި ދަމައެއް ނުގަނެވުނެވެ.

"އެހެންވީމާ ކުރުސީ ކަލޭ ތިބުނަނީ" ޔޫލާ އޭނާގެ ސިނގިރޭޓް ބުރި އަޅިކެނޑިއަށް ނިއްވާލި އެވެ. މަށާއި ދިމާއަށް ބަލަން އިދެ ވާހަކަ ދައްކަމުން ގެންދިޔައެވެ. "ލަތީފް އާއި ޒުހުރީގެ ހުރިހާ ގުޅުމެއް ކަނޑާލާފައި އޭނާ އަތުގައި އެއިރު އޮތް ހަމައެކަނި ލަތީފްގެ މިލްކު އަނބުރާ ލަތީފުއަށް ފޮނުވާލީއޭ؟"

އަލިކަން އެކި މީހުންނަށް ފެންނާނީ އެކި ގޮތަށެވެ. ފުލުސް އޮފީހުގައި ދައްކާނެ ވާހަކަ މިއޮއް މިދެމީހުން ކިޔައިދެނީ އެވެ. އެއީދެން ފުލުސް އޮފީހުން އަދި އިތުރު ސުވާލެއް މަށާ ކޮށްފިއްޔާމުތާ އެވެ.

އަހަރެން ވަކި އެއްޗެކޭ ނުބުނަމެވެ. މަ އިނީ އެމީހުންގެ ކިބައިން ސަލާމަތްވެގަންނާނެ ގޮތެއް ހޯދާށެވެ. ނަސީބަކުން އިރުކޮޅަކުން މައެކަނި ކޮށްފައިހިނގައްޖެ އެވެ. އެކަނިވީމާ އަހަރެން އަނެއްކާ ވެސް ދެރަވާން ފެށި އެވެ. ޒުހުރީ ނެތިދިޔައިމަ އެވެ. ފަހަކަށް އައިސް އޭނާ މަށާ ކިތަންމެ ދުރުވަމުން ދިޔަ ނަމަވެސް، އެކުއެކަށް ނެތުން އެއީ އެހެން ކަމެއް ތާއެވެ. ތަފާތު މަންޒަރުތައް އިއްޔެގެ ދުވަސްތައް މަށާ ހަމަލަދޭން ފަށައިފި އެވެ. ޒުހުރީ މަރުވީ ކީއްވެގެން ހެއްޔެވެ. ރަނގަޅެވެ. ޒުހުރީ މަރުވިގޮތް މިހާރު އަހަރެމެން އެންމެނަށްވެސް އެނގެ އެވެ. އަމިއްލައަށް ދަންޖެހި އެވެ. ތިރިވާގޭ އެތެރެ ކޮޓަރީ ފަންކާގައި ވާގަޑެއް ބައްދާފައި އެވާގަނޑު ކޮޅުގައި މަޅިއެއްޖަހާ އެމަޅިއަށް ބޯ މަހަ އެވެ.

އެކަމަކު... އެކަމަކު އޭނާ ދަންޖެހުނީ ކީއްވެގެން ހެއްޔެވެ. އަހަރެންނަށް އަހަރެންގެ ބުއްދި ސަލާމަތް ކުރާން ވެއްޖެނަމަ އެދެވޭ ޖަވާބެއް ބޭނުމެވެ.

އަހަރެން މިކަމުގެ ތެރޭގައި ލާމެހުނީ ޒުހުރީ އަހަރެންނަށް އެފޮތް ދިން ދިނުމުން ކަމަށް ދެކިއްޖެނަމަ އެ ވާނީ ވަރަށް ބޮޑަށް ހަގީގަތާއި ދުރުން ދެކެވޭ ދެކުމަކަށެވެ. ހަގީގަތް އޮޅުވާލުމަކަށެވެ. އަސްލާ ދުރަށް ޖެހެވޭ ޖެހުމަކަށެވެ. ފެށުނީއްސުރެ ވެސް އަހަރެން އޮތީ އެކަމުގެ ތެރޭގަ އެވެ. އެކަމާއި މެދުގައި ބުނާނެ އެއްޗެއް ނެތެވެ. ބުނެވޭނެ އެއްޗެއްވެސް ނެތެވެ.

އަހަރެން އިސް އުފުލާލިއިރު ކުރިމަތީގައި ހުރީ ޔޫލާ އެވެ.

"ލަތީފް އަހަރެން ކަލޭ ކައިރީގައި ދެން ދެރަނުވާށޭ، ހާސް ނުވާށޭ. މިކަހަލަ ހާސަރު ދެމުމަކީ ބޭނުންނެތް ކަމެއްކަން އަހަންނަށް ހީވަނީ........ ކަލެއަށްވެސް އެގޭނެހެނެވެ. އަކަމަކު ހަނދާންކުރާށެވެ. އެމަރުވީ ޒުހުރީއެއް ނޫނެވެ. އެމަރުވީ ކަލޭމެނެވެ. ޗާލާޒަމާނުގެ އެންމެނެވެ."

މަށަށް ތަނެއް ދޮރެއް ކަނޑެއް ފަޅެއްވެސް ނޭނގުނެވެ. މިއީ ޔޫލާގެ ވެސް އަދި ކުރިސީގެ ވެސް އާދަ އެވެ. އަބަދުވެސް އަހަރެން ގިސްގަޅުވާލާނެ އެވެ. އަނދިރިކަމުގެ ތެރެއަށް ވައްޓާލާނީ އެވެ. މަހިތަށް އަރަ އެވެ. މިއީ މަގޭ އުނިކަމަކުން ވާކަމެއް ބާވަ އެވެ. އޭނާ އަހަރެން އަނދިރިކަމުގެ ތެރެއަށް ވައްޓާލަނީ ބާވަ އެވެ. ނުވަތަ އަހަރެން މިއޮތްހާ ދުވަސްވެސް މިހޭދަކުރީ އަނދިރި ކަމުގަ ބާވަ އެވެ.

"ޖައްސާލަބަލަ ....................... ކީކޭ"

"މަރިޔަމް މަކޭބާގެ ރާގަކަށް، ބަހާރެކޭ، އައިމެ މޫސުމް ބަހާރެކޭ ކިޔުމަށްފަހުގައި ދުނިޔޭގައި ލެއްވި ހުތުރު ގޯސް ހެދީމޭ ....... ދެން އޮތް އަނެއް ގޯސްވެސް ހަދާނަމޭ ކަލޭމެންގެ ލޯބިވާ އޭނަ ކިޔަމުން ގެންދިޔައިރު އަޑުއަހާން ތިބި އެންމެން. މީ އަހަރެން މިބުނާ ކަލޭމެނަކީ."

އަހަރެން، ފަސޭހަކަމާއި އެކުގައި ޔޫލާގެ އަގައިން އެބަސްތައް ނުކުންނަމުން ދިޔަތަން ބަލަހައްޓައިގެން އިނީމެވެ. އޭނާ ހުއްޓައެއް ނުލަ އެވެ.

"ޓުވެލް ބާރ އިން" ނޫކަނޑާއި ޖަޒީރާތަކާއިއެކީ .............." ކަލޭމެންގެ އަނެކަކު ކިޔަމުން ގެންދިޔައިރު އަޑުއަހާން ތިބި އެންމެން. އަނެއްކާވެސް އެހެންމީހަކު. އިސްޓޭޖްމަތީގައި "މިސް ގޯލްޑަން ޖުބްލީއަށް" ކަޅި އަޅަމުން ގެންދިޔައިރު ބަލަހައްޓައިގެން ތިބި އެންމެން. ބުލޫ' ބުރައުން' ގޯލްޑް، ވައިލެޓް ހައުސް އިން ނުކުމެގެން ގައުމީ މުބާރަތްތަކުގައި ދުވަންފެށި އެންމެން. އަދި އެހުނަރުތައް ބަލަހައްޓައިގެން ތިބި އެންމެން. އައުގުރާނަ ރާގަކަށް "އެކާނިވާ އެހަ މޮޅިއްޔާ މަށަށް ހަމަ ގޮސްނުލަ ނުކެރޭނެއޭ" ބުނީމާ އަޑުއިވިގެން ދިޔަ އެންމެން. އަހަރެން ކަލޭމެންނޭ މި ބުނަނީ ބޭސް ފިހާރައިގެ ސޭޓުން. ޓީޓިބަމް ބުލޫސް އަޑު އެހި މީހުން. މަޖީދިއްޔާ، އަމީނިއްޔާގެ ޓީޗަރުން. ބެލްބޮޓަމްސް ލީއެންމެން. އައިސް ގޭގައި ޓުވިސްޓު ކުރި މީހުން. ގޯ ގޯ ޑާންސް ކުރިމީހުން. ކަލޭމެންނަށް ދޮހޮއްކޮ "މާރީތި ވިނިޔަ އާއި ލޯބިޔާ މުނިޔާ ".......ގެ ވާހަކަ ދެއްކިއިރު އެވިނަ ބުއި އެންމެން. ދެން އެނގިއްޖެ އެއްނު. ރޭޑިއޯ މޯލްޑިވްސްގެ އެނައުންސަރުން. ޑެޒްމަންޑް ޑިސިލްވާ. އައިރިން ޗަރުކޭސް."

ހުއްޓުމެއްނެތި ޔުލާ ހަމަލާ ދެމުން ގެންދިޔަ އެވެ. މަގޭ އަނދިރިކަން މަށަށް އިހްސާސްވާން ފެށި އެވެ.

"ޗާލާ ޒަމާނުގެ އެންމެން" އޭނާ ނިންމާލި އެވެ.

*************///***********

ފުލުސް އޮފީހުން ދެވަނަ ފަހަރަށް އަހަރެން ބޭނުންވެގެން ބަލާ އައީ މެންދުރު ފަހެއްގަ އެވެ.

އަހަރެން ދިޔައިމެވެ.

"ލަތީފް. ފޮތް ދީފައި މިއޮތީ، ފޮތް ދޭންވެގެން ނޫންކަން އެގޭދޯ؟"

"ތިބުނީ ކިހިނެއް؟"

"މިބުނީ ލަތީފް އަތަށް ޒުހުރީ ފޮތްދީފައި މިއޮތީ ފޮތް ދޭންވެގެން ނޫންކަން އެގޭދޯ އެވެ."

"ތިބުނަން އުޅޭ އެއްޗެއް މަށަކަށް ނުވިސްނޭ. އޮޅުން ފިލުވައިދީފާނަންތަ؟"

"ފޮތް ރަގަޅަށް ބަލައިލިންތަ؟"

"ނުލަން. ކިހިނެއްވީ؟"

"އާ!"

އަހަރެން ހީކޮށްގެން ހުރީ އޮފިސަރު ކުރާނީ ފޮތް މަގޭ އަތަށް ދިނީ ކީއްވެގެންތޯ އޮޅުން ފިލުވުމަށް ކުރާނެ ސުވާލުތަކެއް ކަމަށެވެ. އެހެން ކަމުން އޭނާ ތަހުގީގު މި ގެންދާ ރޮނގުން މަށަށް ވަރަށް ބޮޑަށް އޮޅުނެވެ. ކުޑަކޮށް ބިރުގަންނާން ފެށި އެވެ. މަށަށް ޅައެއްޗެއް އެޅިދާނެތީ އެވެ. މައުލޫމާތު ސިއްރު ކުރުމުގެ ކުށުގައި ބެދިދާނެތީ އެވެ. އެހެންނޫން ހެއްޔެވެ. އަހަރެން މިހިރީ ޒުހުރީގެ ޑައިރީ ފޮރުވައިގެން ވިއްޔާ އެވެ.

"އާ!" އޮފިސަރު އަނެއްކާވެސް އޭނާގެ ކަރުތެރޭ ކޮންމެވެސް ދިމާއަކުން އެއަޑު ނެރުނެވެ. މިއީ އަނެއްކާ މިމީހުން ތެރޭގައި ކޯޑެއް ބާވައެވެ. އަހަރެން ހިތަށް އެރި އެވެ.

"ލަތީފް. އޮފީހުގައި އުޅެނީ ކޮންބައެއް. މަސައްކަތްކުރަން ލަތީފްގެ އަތް ދަށުން އުޅެނީ ކޮންބައެއް." އޮފިސަރު ޓަސްލާފައި ސުވާލެއްކުރިމަތި ކުރި އެވެ. މަށަށް މަޅިއެއްގައި ޖެހުނީ ކަމަށް އަހަރެން ޔަގީންކުރީމެވެ. ޖެހިލުމުގެ ފާޑަކަށް އިނދެ ޖަވާބުދިނީމެވެ.

"އެންމެ ދެކުދިން."

"އެއީ ކޮންބައެއް؟"

"ހަސަން ކުރުސީ އާއި އައިމިނަތު ޔޫލާ."

"މިޔޫލާ.." ނޫ ހުޅުގެ މައްޗަށް ރަތްހުޅު ގަދަވެގެން ދިޔަތަން މަބަލަހައްޓައިގެން އިންދާ ރޯކޮށްލި އަލިފާނުން އޮފިސަރު ސިނގިރޭޓެއް ރޯކޮށްލި އެވެ. މަށަކަށް ސިނގިރޭޓެއް ނުދެ އެވެ. "މި...ޔޫލާ.... އޭނާ ކޮން ގެއެއް؟"

"ގަލޮޅު ރުއްގަސްދޮށުގެ."

"އޭނާގެ މަންމައަކީ ކާކު؟"

"އެގޭ ޒުހުރާ"

"އާ" އޮފިސަރު އަނެއްކާ ވެސް އެއްކަލަ ބިރުވެރި އަޑު ލައްވާލައިފި އެވެ. އަހަރެމެން ތިބި މުޅި ކޮޓަރިތެރެ ހަމަހިމޭންވުމަށް ދޫކޮށްލި އެވެ. އެނބުރި އެނބުރި އިން ސީލިންގް ފަންކާގެ އަޑު ނޫން އިތުރު އަޑެއް ނީވެ އެވެ. މުޅި ކޮޓަރީގައި ހުރީ އެންމެ މޭޒެކެވެ. އެ މޭޒުގެ އެއްފަރާތުގައި އަހަންނެވެ. އަނެއްފަރާތުގައި އޮފިސަރު އެވެ. މޭޒު މަތީގައި ހުރި ކެސެޓް ޕުލޭޔަރެއް އަހަރެމެންގެ ވާހަކަ ރެކޯޑް ކުރެވެމުން ގެންދިޔަ އެވެ. މިހާރު އޭތި އެ ރެކޯޑް ކުރަނީ ނޭވާ އަޑުތަކެވެ. އޮފިސަރުގެ ޕުލޭޔަރު ކައިރީގައި އޮފިސަރުގެ ބެންސަން ސިނގިރޭޓް ފޮށްޓާއި އަލިފާން ފޮށި އެކަނިވެރި ގޮތެއްގައި އޮތެވެ. ކޮންމެ މިނެޓެއް ގަޑިއެއްގެ އިރަށް ބަދަލުވެގެން ދާކަހަލަ އެވެ.

"އާ" އަނެއްކާވެސް އެއަޑެވެ. "މިއޮތީ" އޭނާ މޭޒުގެ ވަތްގަނޑު ހުޅުވާލި އެވެ. ކަރުދާހެއް ނެގި އެވެ. ކޮންމެވެސް އެއްޗެއްގެ ފޮޓޯ ކޮޕީއެއް. "މިއޮތީ އަހަރެމެން މި ފޮތުގެ ތެރެއިން ނެގި ސިޓީއެއްގެ ކޮޕީއެއް. ފޮޓޯ ކޮޕީއެއް." އޮފިސަރު މާ އުފާވެރި ފާޑަކަށް ހެވިފައި އިނދެ މަށަށް އެ ކަރުދާސް ދައްކާލި އެވެ. "ކިޔާލަބަލަ" އަހަރެން އެ ސިޓީ ކިޔާލީމެވެ.

ގ.ރުއްގަސްދޮށުގެ

މާލެ،

އެކުވެރި ޒުހުރީއަށް،

އަހަރެންނަށް މިވާހަކަތައް ލިޔާންފަށާނެ ގޮތެއްނޭނގެއެވެ. އެހެންކަމުން އަހަރެންނަށް ފެންނަނީ ވީހާ ކުރުގޮތަކަށް މިބުނަން އުޅޭ ވާހަކަތައް ބުނެލުމަށެވެ.

އަހަރެން މިއިނީ ބަލިވެއެވެ. މަގޭ ބަނޑުގައި އޮތް ކުއްޖާ އެއީ ޒުހުރީގެ ކުއްޖެއްކަން އަހަރެންނަށް ޔަގީނެވެ. އެކަމަކު އަހަރެންގެ ފިރިމީހާއަކަށް އެކަމެއް ނޭނގޭ އެވެ. އޭނާ ހީކުރަނީ އޭނާގެ ކުއްޖެއް ކަމަށެވެ.

އަހަރެން ގަސްދުކުރަނީ މިދަރިފުޅު ވިހާށެވެ.

އެކުވެރި

ޒުހުރާ

އަހަރެން ސިޓީ ކިޔާ ނިންމާލުމުން އޮފިސަރު ކަރު ކެހިލި އެވެ. "މައްސަލަނިމުނީ" އޭނާ ބުނެލި އެވެ. ޔޫލާގެ މަޒުމޫނަށް ޒުހުރީއަށް ކެތް ނުކުރެވުނީ!"

*************///***********

ޒުހުރީ މަރުވި ދުވަހު އޭނާ ޑައިރީގައި ލިޔެފައި ވަނީ ތިރީގައި މިވާ އިބާރާތްތަކެވެ.

"އައިމިނަތު ޔޫލާ އަކީ މަގޭ އިއްޔެ އެވެ. އޭނާ އެދައްކަނީ އަހަރެން އިއްޔެ ދެއްކި ވާހަކަ ތަކެވެ. އިއްޔެގެ ބޭސްފިހާރަ ސޭޓުން ދެއްކި ވާހަކަ އެވެ. މިއަދު އަހަރެން ފަދަ އެކަހަލަ އެހެން ސޭޓުން އެވާހަކަތައް ހަނދާންނެތި ގޮސްފައިވާކަމީ އަހަރެމެންގެ އަސްލު އަހަރެމެންގެ ނިމުން އައިސްފިކަން ދައްކުވައިދޭ އެންމެ ބޮޑު އެއް ހެއްކެވެ. ދެން އޮތީ ދެގޮތުން އެއްގޮތެވެ. މަރާލާނީ ޔޫލާ ހެއްޔެވެ. ނުވަތަ މަރުވާނީ އަހަރެން ހެއްޔެވެ......................

*************///***********

ސަރުކާރުގެ އިޢުލާނެއް

ގަލޮޅު ތިރިވާގޭ އާދަމް ޒުހުރީ މަރުވެއްޖެކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފަށް ދެކެވޭ ވާހަކަތަކެކެވެ. އެވާހަކަތައް ނުކުމެގެން އުޅެނީ ނޫސްވެރިންނަށް އެރި ވަރަށް ބޮޑު އޮޅުމެއްގެ ސަބަބުންނެވެ.

އާދަމް ޒުހުރީ މަރުވީކަމަށް ބުނެވޭ ދުވަހު މީހަކު މަރުވި އެވެ. އެއީ ގަލޮޅު ރުއްގަސްދޮށުގެ އައިމިނަތު ޔޫލާ އެވެ. ޔޫލާ މަރުވީ މޫދަށްގޮސް އުޅެނިކޮށެވެ. ޑޮކްޓަރުންގެ ރިޕޯޓްތައް މިގޮތަށް ހެކިދެ އެވެ. އައިމިނަތު ޔޫލާ ގެ ހަށިގަނޑު ފެނުނީ މާލޭ އިރުމަތީ ފަރާތު ގޮނޑަށް ލައްގާފައި ވަނިކޮށެވެ.

ވުމާއެކު ދަންނަވަމެވެ. ހަގީގަތާއި ހިލާފް ދޮގު ވާހަކަ ދެއްކުމަކީ އާންމު ގާނޫނު ތަކުގެ 125 ވަނަ މާއްދާއިން މަނާ ކަމެއްކަމަށް ގެޒަޓް ކުރެވިފައިވާކަމެކެވެ. އާންމު ގާނޫނުތަކާއި ހިލާފުވާ ފަރާތްތަކާއިމެދުގައި ފިޔަވަޅު އަޅަން ޖެހޭނެ ކަމުގެ ހަދާން ތިޔަ ހުރިހާ ފަރާތްތަކަށް އެރުވުމަށް މިފުރުސަތުގެ ބޭނުން ހިފީމެވެ.

***********************************

ނިމުނީ