Advertisement

ކެފޭ/ރެސްޓޯރަންޓްތަކަށް ހުއްދަ ދިނުން އޮތީ މަޝްވަރާގެ މޭޒުމަތީ: މަބްރޫކް

27 ޖޫން 2021 - 12:19 0

ކެފޭއެއްގައި މީހަކަށް ސާވްކުރަނީ: ރެސްޓޯރަންޓްތަކަށް ހުއްދަ ދިނުން އޮތީ މަޝްވަރާގެ މޭޒުގައި


ކެފޭ/ރެސްޓޯރަންޓްތަކަށް ހުއްދަ ދިނުން އޮތީ މަޝްވަރާގެ މޭޒުމަތީ: މަބްރޫކް

27 ޖޫން 2021 - 12:19 0

ކެފޭ/ރެސްޓޯރަންޓްތަކަށް ހުއްދަ ދިނުމާ ގުޅޭގޮތުން، ރެސްޓޯރަންޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ބައްދަލުވުމަށް ފަހު އެކަން އޮތީ މަޝްވަރާގެ މޭޒުމަތީގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ކޮވިޑުގެ ހާލަތު ގޯސްވުމުން މިދިޔަ މޭ މަހުގެ ކުރީކޮޅު އެޅި ފިޔަވަޅުތަކާ އެކު ކެފޭ/ރެސްޓޯރަންޓްތައް ވަނީ ބަންދުކޮށްފަ އެވެ. މިދިޔަ އަހަރުގެ ލޮކްޑައުނުގައި ވެސް ކެފޭ/ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހުމުން ކުރިމަތި މާލީ ގެއްލުންތަކުން އަރައިނުގަނެވެނީސް އަލުން ބަންދުކުރަން ޖެހުމުން އިނދަ ޖެހިފައިވާ ކަމަށް އެތަންތަނުގެ ވެރިން ބުނެ އެވެ.

އެކަމާ ގުޅިގެން، "ކާންދޭ އަތުގައި ދަތް ނާޅާ" މި ނަމުގައި ރޭމް އިސްވެ އޮވެ ކެފޭ އާއި ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން މާދަމާ ވަނީ ސުލްހަވެރި ހަޅުތާލެއް ކުރުމަށް ރާވައިފަ އެވެ.

ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެޅި ފިޔަޅުތަކަށް މަޑުމަޑުން މިހާރު ލުއިދެމުން އަންނައިރު އޭގެ ތެރޭގައި މި ފަހުން ވަނީ ކެފޭ/ރެސްޓޯރަންޓްތަކަށް ވެސް ލުއިތަކެއް ދީފަ އެވެ. އެގޮތުން މަބްރޫކް ވިދާޅުވީ، ޑެލިވަރީގެ ހިދުމަތް މުޅި ދުވަހު ދެވޭ ގޮތަށް ބަދަލުކޮށް ޓޭކްއަވޭގެ ހިދުމަތުގެ ވަގުތު ވެސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ބޮޑެތި އަދި ކުދި ވިޔަފާރިތަކަށް ސަރުކާރުން ސްޓިމިއުލަސް ޕެކޭޖްތަކެއް އިއުލާންކޮށް މީރާ އިން ވެސް ޓެކްސް އަށް ލުއިތަކެއް ދީފައިވާއިރު އޭގެ ތެރެއިން ކެފޭ/ރެސްޓޯރަންޓްތައް ވެސް އެހީ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ކެފޭ/ ރެސްޓޯރަންޓްތަކުގެ މައިގަނޑު އާމްދަނީ ބަރޯސާވެފައި އޮންނަނީ ތަނުގައި ތިބެގެން ހިދުމަތް ހޯދާ މީހުން އަތުން ލިބޭ ފައިސާ އިން ކަމަށްވާތީ އެ ހުއްދަ ނުލިބޭތީ ރޭމް އިން ހިތްހަމަނުޖެހުނީ އެވެ. ދާދި ފަހުން ސެލޫންތަކުން ވެރިން ރައީސްއާ ބައްދަލުކޮށް ޝަކުވާ އޮއްސާލުމުން ވަނީ ސެލޫންތަކަށް ހުއްދަ ދީފަ އެވެ. އަދި ޖިމްތަކުގެ ވެރިން އަޑުއުފުލަން ފެށުމުން އެތަންތަނަށް ވެސް ވަނީ ހުއްދައެއް ދީފަ އެވެ. އެހެންވެ ބެލެވިފައި އޮތީ ރޭމްގެ ބައްދަލުވުމާ ގުޅިގެން ވެސް ހުއްދަ ލިބޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ސަލާމަތްތެރިކަމާ އެކު ފިޔަވަޅުތައް ނެގޭ އެންމެ އަވަހަކަށް ނެގުމަކީ ސަރުކާރުގެ ވިސްނުން ކަމަށާއި އެގޮތުން، ކެފޭ/ ރެސްޓޯރަންޓްތަކަށް ހުއްދަ ދޭއިރު ގެންގުޅޭނެ އުސޫލުތައް ހަދާ ނިމިފައިވާ ކަމަށާއި ސިއްހީ ދާއިރާ އިން އިޝާރާތެއް ލިބުމާ އެކު ހުއްދަ ދޭނެ ކަމަށެވެ.

"ތަނުގައި ތިބެގެން ހިދުމަތް ދިނުމަށް ބަލާއިރު، ރޭމް އިން ރައީސްއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެކަން އޮތީ މަޝްވަރާގެ މޭޒުމަތީގައި،" މަބްރޫކް ވިދާޅުވި އެވެ.