Advertisement

ނޮކައުޓް ބުރުގައި ނެދަލެންޑްސްގެ ދަށް ރެކޯޑް ބަދަލުކުރަންޖެހޭ

27 ޖޫން 2021 - 09:14 0

ނެދަލެންޑްސްގެ ކޯޗު ޑި ބޮއާ: ނޮކައުޓް ބުރުގައި ނަތީޖާ ބަދަލުކުރަން ޖެހޭ ކަމަށް ވަނީ ބުނެފައި.


ނޮކައުޓް ބުރުގައި ނެދަލެންޑްސްގެ ދަށް ރެކޯޑް ބަދަލުކުރަންޖެހޭ

27 ޖޫން 2021 - 09:14 0

ބުޑަޕެސްޓް (ޖޫން 27) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހަށް ބަލާއިރު، ނެދަލެންޑްސް އަށް ޖުމްލަކޮށް މައްސަލަ ދިމާވަނީ ނޮކައުޓް ބުރާ ހަމައިން ކަމަށްވާއިރު، އެއީ މި ފަހަރުގެ މުބާރާތުގައި އެ ޓީމުގެ ކޯޗު ފްރޭންކް ޑި ބޮއާ ވިސްނާނެ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

ނެދަލެންޑްސް އިން 1988 ވަނަ އަހަރު ޔޫރޯގެ ޗެމްޕިއަންކަން ހޯދި ފަހުން ނޮކައުޓް ބުރުގައި ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ ދެ ފަހަރު އެވެ. މި ފަހަރު ޔޫރޯގެ ދެ ވަަނަ ބުރުން ނެދަލެންޑްސް ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ޔޫކްރެއިން، އޮސްޓްރިއާ އަދި ނޯތު މެސެޑޯނިއާ ބަލިކޮށްފަ އެވެ.

މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރު (ގަދަ 16 ޓިމުގެ ބުރު) ގައި މިރޭ ނެދަލެންޑްސް ކުޅޭނީ ޗެކް ރިޕަބްލިކާ އެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑި ބޮއާ ބުނީ ނޮކައުޓް ބުރުގައި އެ ޓީމަށް ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދޭނެ ފެންވަރު މިހާރު އޮތް ނެދަލެންޑްސް ޓީމަށް އެބައޮތް ކަމަށެވެ.

"އަހަރެމެންގެ ރެކޯޑް މި އޮތްގޮތަކީ އަަހަރެމެން ބޭނުންވެެގެން ވެފައި އޮތް ގޮތެއް ނޫން. ނޮކައުޓް ބުރުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން އަހަރެމެން ހައްލެއް ހޯދަން ޖެހޭ. އުއްމީދަކީ މި ފަހަރު އެކަން ހާސިލްކުރެވުން،" ޑި ބޮއާ ބުންޏެވެ.

ނެދަލެންޑްސް އެންމެ ފަހުން ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވެގެން ޔޫރޯ ދެ ވަަނަ ބުރަށް ދިޔައީ 2008 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ފަހަރު ނެދަލެންޑްސް އިން ވަނީ ގްރޫޕް ސްޓޭޖުގައި ފްރާންސާއި އިޓަލީ އަދި ރުމޭނިއާ ބަލިކޮށްފަ އެވެ. އެކަމަކު ފުރަތަމަ ނޮކައުޓް މެޗުގައި އިތުރު ވަގުތު ކުޅެގެން ރަޝިއާ އަތުން ކެޓީ އެވެ.

މި ފަހަރުގެ ޔޫރޯގެ ނޮކައުޓް ބުރު ރޭވިފައި އޮތް ގޮތުން މީޑިއާ އިން ސިފަކުރާގޮތުގައި ނެދަލެންޑްސް އަށް އޮތީ ފައިނަލާ ހަމައަށް ދިއުމަށް ފަސޭހަ މަގެކެވެ. މިރޭގެ މެޗުން ޗެކް ރިޕަބްލިކް އަތުން މޮޅުވެއްޖެނަމަ ނެދަލެންޑްސް ކުއާޓާ ފައިނަލުގައި ޑެންމާކާ ކުޅެން ޖެހޭނެ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ ނެދަލެންޑްސް ސެމީ ފައިނަލުގައި ކުޅެން ޖެހޭނީ ޖަރުމަނާއި އިންގްލެންޑާއި ޔޫކްރެއިނާއި އަދި ސްވިޑެން ތެރެއިން ޓީމަކާ އެވެ.

"އަހަރެން މާ ކުރިއަށް ނުވިސްނަން. މި ވަގުތަށް ފޯކަސް ހުރީ ކުރިއަށް އޮތް މެޗަށް. އަހަރެމެން ހަނދާން ނައްތާލައިގެން ނުވާނެ ޗެކް ރިޕަބްލިކަކީ ވަރަށް ވަރުގަދަ ޓީމެއް ކަން. ދެން މި ފަހަރުގެ މުބާރާތުގައި ކާމިޔާބީއެއްގެ ގޮތުގައި ބެލެވޭނެ އެއް ކަމެއް އެއީ ސެމީ ފައިނަލާ ހަމައަށް ދެވުނަސް،" ޑި ބޮއާ ބުންޏެވެ.

އަދިވެސް އަހަރެން ބުނާނެ އެއް ވާހަކައެއް އެބައޮތް. އެއީ މި މުބާރާތުގެ ތަށި ހޯދޭނެ ފެންވަރު އެބަހުރި އަހަރެމެންގެ - ޑި ބޮއާ

މިއީ ޔޫރޯގައި ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކްގެ ތިން ވަނަ ކުރިމަތިލުމެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން ކޮންމެ ޓީމެއް ވަނީ އެއް މެޗުން މޮޅުވެފަ އެވެ.

ފަހުގެ ރެކޯޑް ރަނގަޅު ވިޔަސް ފަރުވާކުޑަ ކޮށްލެވޭނެ ފުރުސަތެއް ޗެކް ރިޕަބްލިކަށް ނެތް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުން ޗެކް ރިޕަބްލިކުން ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި 2004 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގެ މެޗުން ވަނީ މޮޅުވެފަ އެވެ. އެ ފަހަރު ޗެކް ރިޕަބްލިކް މޮޅުވީ ނެދަލެންޑްސް ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި 3-2 އިންނެވެ. އެންމެ ފަހުން ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގައި 2016 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ވެސް ޗެކް ރިޕަބްލިކުން ވަނީ 3-2 އިން ނެދަލެންޑްސް ބަލިކޮށްފަ އެވެ.

ޗެކް ރިޕަބްލިކްގެ ކޯޗު ޔަރޯސްލާވް ޝިލްހަވީ.


ޗެކް ރިޕަބްލިކްގެ ކޯޗު ޔަރޯސްލާވް ޝިލްހަވީ ބުނީ ކުރިން ނުކުމެފައި ހުރި ނަތީޖާތަކަށް ބަލައިގެން މި މެޗަށް ތައްޔާރުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާނެ ކަމަށެވެ. އަދި މީގެ އެންމެ މުހިއްމު ކަމަކީ މި ވަގުތު ނެދަލެންޑްސް އޮތް ފެންވަރަަށް ބަލައި އެ ޓީމުގެ ކައިރިން ނަތީޖާ ނެރެވޭތޯ މަސައްކަތް ކުރުން ކަމަށް ޝިލްހަވީ ދެކެ އެވެ.

"އަހަރެމެން އަނެެއް ބުރުން ފުރުސަތު ހޯދަން ބޭނުންނަމަ އެބަޖެހޭ 100 ނޫނީ 150 ޕަސެންޓް ދޭން މި މެޗުގައި. ދެން ގްރޫޕް ސްޓޭޖުގައި އަހަރެމެންގެ ބައެއް އިންޑިވިޖުއަލް ކުޅުންތެރިން އެ ދެއްކި އާދަޔާހިލާފު ކުޅުން ތަކުރާރު ކޮށްފިނަމަ ވެސް މި މެޗުން މޮޅުވާން ފަސޭހަވާނެ،" ޝިލްހަވީ ބުންޏެވެ.

ނެދަލެންޑްސްގައި މިހާރު އޮތް ޓީމު ދިރާސާކުރަން ބަލާއިރު، އެ ޓީމުގައި ތިބީ އިންޑިވިޖުއަލީ ވެސް ތަފާތު ކުޅުންތެރިންތަކެއް ކަމަށް ޝިލްހަވީ ގަބޫލުކުރެ އެވެ. އަނެއްކޮޅުން ޓީމެއްގެ ގޮތުގައި ނެދަލެންޑްސްގެ ފެންވަރާ މެދު ސުވާލު އުފެއްދެން ނެތް ސަބަބަކީ މި މުބާރާތުގައި މިހާތަނަށް ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އޮތުމުން ކަމަށް ޝިލްހަވީ ބުންޏެވެ.

ޔޫރޯގެ ނޮކައުޓް ބުރުގައި އެންމެ ފަހުން ޗެކް ރިޕަބްލިކް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ. ހަންގޭރީގެ ބުޑަޕެސްޓްގެ މަޝްހޫރު ޕުސްކަސް އެރީނާގައި މިރޭ ޗެކް ރިޕަބްލިކާއި ނެދަލެންޑްސް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ.