Advertisement

އެތުލީޓްސް ކޮމިޝަން: އެކްޓިވް އެތުލީޓަކު ހިންގާ ކޮމިޓީއެއްގައި އިނުން ރަނގަޅެއް ނޫން!

28 ޖޫން 2021 - 11:22 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


އެތުލީޓްސް ކޮމިޝަން: އެކްޓިވް އެތުލީޓަކު ހިންގާ ކޮމިޓީއެއްގައި އިނުން ރަނގަޅެއް ނޫން!

28 ޖޫން 2021 - 11:22 1

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މި މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ކުރިއަށް އޮތް ހަތަރު އަހަރަށް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރު ވޯޓުން ހޮވިިއިރު، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވަނީ އެތުލީޓްސް ކޮމިޝަންގެ މެމްބަރަކު ހިންގާ ކޮމިޓީ އަށް އިންތިހާބުކޮށްފަ އެވެ. މިއީ ގެންނަން މުހިއްމު އަދި އެތުލީޓުންގެ ހައްގުގައި ބަސް ކުޅިވަރުގެ އެންމެ މަތީ ފަނޑީގައި ވެސް އިއްވަން ބަލާއިރު، ވަރަށް މުހިއްމު ކަމެކެވެ.

ކުރިއަށް އޮތް ހަތަރު އަހަރަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެތުލީޓްސް ކޮމިޝަންގެ ފަރާތުން އޮލިމްޕިކް ކޮމިޓީ ހިންގާ ކޮމިޓީގެ ގޮޑިއެއް ތަމްސީލްކުރާނެ ފުރަަތަމަ ފަހަރެވެ. އެ ޝަރަފް ލިބުނީ ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަށެވެ.

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެތުލީޓްސް ކޮމިޝަންގެ ފަރާތުން ހިންގާ ކޮމިޓީގެ މަގާމަށް ވާދަކުރީ ސާއިދުގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ފެތުންތެރިޔާ އައިމިނަތު ސަޖަން އެވެ. އެތުލީޓްސް ކޮމިޝަނެއް އަދި ފުޅާކޮށް ހިނގަން ފަށާފައި ނުވާތީ އެތުލީޓުންގެ ތެރެއިން ވޯޓު ލީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކޮށްފައިވާ އޮލިމްޕިއަނުންގެ ތެރެއިން 11 އެތުލީޓުންނެވެ. އެ އެތުލީޓުންގެ ތެރެއިން އެމްއޯސީ އިންތިހާބުގައި ކުރިއަށްދިޔަ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން ސަަޖަން އަށް ދެ ވޯޓު ލިބުނުއިރު، ސާއިދަށް ވަނީ ހަ ވޯޓު ލިބިފަ އެވެ.

އެތުލީޓްސް ކޮމިޝަނަކީ 2009 ވަަނަ އަހަރު އޮލިމްޕިކް ކޮމިޓީ އަށް މެމްބަރުން އިންތިހާބުކުރަން ފެށުނު އިރުއްސުރެ ވެސް ހިމެނޭ ބައެކެވެ. އެކަމަކު މީގެ ކުރިން އެ ކޮމިޝަންގެ އެކްޓިވް ބައެއްގެ ގޮތުގައި ނެތެވެ.

އެތުލީޓްސް ކޮމިޝަނަށް ބާރުތައް ދޭގޮތަށް ފާސްކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގަ އެވެ. ސާއިދު އާއި ސަޖަން އެތުލީޓްސް ކޮމިޝަނަށް ހޮވީ މިދިޔަ އަހަރު އެވެ. އެތުލީޓްސް ކޮމިޝަން ފުޅާކޮށް ހިނގަން ފެށުމާ އެކު ދެން ހިންގާ ކޮމިޓީ އާއި އަހަރީ އާންމު ޖަލްސާގައި ބައިވެރިވާނީ އެ ކޮމިޝަނުގެ ތެރެއިން ނެގޭ ވޯޓަކުން ހޮވޭ މެމްބަރުން ކަމަށާއި މި ވަގުތަަށް އެ ފުރުސަތު ދޭނެ އެތުލީޓެއް ކަނޑައެޅުމުގައި ބެލީ އޮލިމްޕިކްސްގައި ވާދަކޮށްފައިވާ އެތުލީޓުންނަށް ކަމަށް އޮލިމްޕިކް ކޮމިޓީން މީގެ ކުރިން މައުލޫމާތު ދީފައިވެ އެެވެ.

އެތުލީޓްސް ކޮމިޝަނަށް ސާއިދު ހޮވުމުން މަރުހަބާގެ މެސެޖާއި އެކި ހިޔާލުތަައް ކުޅިވަރުގެ އެކި ފަރާތްތަކުން ގެންގުޅުނެވެ. މީގެ ތެރެއިން މިކަމުގައި ހުރި ކަންބޮޑުމެއް ހިއްސާކުރެއްވި ފަރާތަކީ ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގައި ހުންނެވި ވޮލީ އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު (ވޮލީ ހުސެން) އެވެ.

ހުސެން "އަދަދު" އަށް ވިދާޅުވީ މީގެ ހުރިހާ ކަމެއްގައި ވެސް ބަލަން ޖެހޭނީ ކަމެއް ފަށާއިރު، ވީ އެންމެ ރަނގަޅަށް އެކަމުގެ މަންފާ ހުރިހާ ބަޔަކަށް އެންމެ ރަނގަޅަށް ކުރާނެ ގޮތެއް ހޯދުން ކަމަށެވެ.

އެ އުސޫލުން ބަލާ ކަމަށްވާނަމަ ހުސެން ވިދާޅުވީ އެތުލީޓްސް ކޮމިޝަނެއް ވުޖޫދު ކޮށްގެން ކުރިން ނުލިބޭ ފަދަ ބާރުތަކެއް ދީ ކުޅިވަރުގެ އެ ގައުމެއްގެ އެންމެ ބޮޑު އަދި ބެލެނިވެރި ޖަމިއްޔާ، އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީއަށް ލާއިރު، މި ވަގުތު ވެސް ކެރިއަރުގައި މުހިއްމު އަހަރުތަކެއް ގުނަމުން އަންނަ އެތުލީޓަކާ އެ ޒިންމާ ހަވާލުކުރުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށެެވެ.

"އެންމެ ބޮޑު ޕޮއިންޓަކީ ކީއްކުރަންހޭ މިހާރު ވެސް އެކްޓިވްކޮށް ހުރި މީހަކު ހިންގާ ކޮމިޓީ އަށް ލަނީ. އޮލިމްޕިއަންސް ތެރެއިން ނެގިޔަސް ވެސް އެބަތިބި އޮލިމްޕިކްސްގައި ވާދަކުރި މި ވަގުތުގައި ވެސް ކުޅިވަރުގެ އެކި ކަަހަލަ ހިދުމަތުގައި ތިބި ހަރުދަނާ ކުލައިގެ ޕްރޮފެޝަނަލީ އެ ކުޅިވަރެއްގައި މި ވަގުުތު އެކްޓިވް ނޫން މީހުން އެބަތިބި. އެ މީހުންނަށް ވެސް އާދެވޭނެ ގޮތެއް ބަލަން ޖެހޭ އެކްޓިވް މީހަކު ލުމަށް ވުރެ،" ހުސެން ވިދާޅުވި އެވެ.

ހުސެން ވިދާޅުވީ ސާއިދަކީ މުޅި ގައުމުގެ އެންމެން ފަހުރުވެރިވާނެ އެތުލީޓު ކަމަށާއި އެ އަށް ދެބަސްވާނެ އެއްވެސް މީހެއް މި ގައުމުގައި ނުުހުންނާނެ ކަމަށެވެ. އެކަމަކު ސާއިދު ވެސް ހިންގާ ކޮމިޓީގެ މޭޒުގައި ޕޮލިސީ ލެވަލްގެ ކަންކަމުގައި އިށިންނައިރު ވަރަށް ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ހުސެން ވިދާޅުވި އެވެ.

ވޮލީ ހުސެން (ވ) އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސްއާ އެކު.


"ވިސްނާލަން ޖެހޭނެ މިކަމުގައި ހުރި ޕްރެޝަރުގެ ތެރެއިން ކެރިއަރަށް ފޯކަސް ކުރެވިދާނެތޯ. މި ވަގުތު އޭނަ (ސާއިދު)ގެ ކެރިއަރުގެ އެންމެ މުހިއްމު ހިސާބުގައި ހުރެފައި މި ޒިންމާ އަދާކުރަން ހުންނާނެ ޗެލެންޖްތައް. ކެރިއަރު ނިންމާލުމަށް ފަހު ހަމަ މިކަމުގައި ކުރިއަށްދެވިދާނެ. އެކަމަކު މި ވަގުތު ކެރިއަރުގައި އެހާ ރަނގަޅު ހިސާބެއްގައި ހުރެފައި ދެ ކަން އެއްކޮށް ކުރަން އުޅެފިނަމަ އެއީ އެތުލީޓުގެ ކެރިއަރަށް އެޅޭނެ ހުރަހެއްގެ ގޮތުގައި ގަބޫލުކުރެވެނީ،" ހުސެން ވިދާޅުވި އެވެ.

އެކްޓިވް އެތުލީޓެއް ލައިގެން ހިންގާ ކޮމިޓީ ހިންގަން ފަށައިފިނަމަ އެ އެތުލީޓެއްގެ ކުރިމަގަށް އެ އެޅެނީ ހުރަހެއް ކަމަށާއި އެ ގޮތަށް ވެއްޖެނަަމަ އެތުލީޓްސް ކޮމިޝަނަށް އެ އެޅެނީ އެންމެ ރަނގަޅު ބިންގަލެއް ނޫން ކަމަށް ހުސެން ދެކިލައްވަ އެވެ.

މިކަން އެމްއޯސީއާ އަލަށް ހަވާލުވި ލީޑަޝިޕުން އިތުރަށް ވިސްނަވާ އެތުލީޓުންގެ ބަސް އިއްވުމާއި ބައިވެރިވުން އެމްއޯސީގައި ތަމްސީލު ކުރުމުގައި މި އަށް ވުރެ ހަރުދަނާ އުސޫލެއް ނުގެެނެސްފިނަމަ، ކުރިމަގުގައި މިހާރަށް ވުރެ ބޮޑަށް މަސްލަހަތު ގެއްލި ކުޅުންތެރިންނަށް އަންނަން ނުޖެހޭ ޕްރެޝަރު އަންނާނެ -- ހުސެން

އެކްޓިވްކޮށް ބައިނަލްއަގުވާމީ ގޮތުން ވާދަކުރަމުން އަންނަ އެތުލީޓަކަށް ގައުމެއްގެ އޮލިމްޕިކް ކޮމިޓީއެއްގެ ހިންގާ ކޮމިޓީން ގޮނޑިއެއް ދީފައި އޮތީ ދުނިޔޭގެ ކިތައް ގައުމުގައިތޯ އެކަމާ ބެހޭ ދިރާސާއެއް އަދި ކުރެވިފައި ނެތަސް ހުސެއިން ވިދާޅުވީ ރާއްޖޭގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އޮލިމްޕިކް ކޮމިޓީގައި ބާރުތަކަކާ އެކީ އިންނަން ޖެހޭނީ އެ ވަގުތު ކުޅިވަރެއް ރަސްމީކޮށް ނުކުޅެ ތިބި މީހުން ކަމަށެވެ.

އެތުލީޓްސް ކޮމިޝަން ރަނގަޅަށް ހިނގައިގެން އެންމެ މަތީ ޕޮލިސީ ލެވަލްގައި ވެސް އެތުލީޓުންގެ ހައްގުގައި ވަކާލާތު ކުރަން ޖެހޭނެ މީހެއް އިންނަން ޖެހޭނެ ކަމަށް ހުސެން ވިދާޅުވި އެވެ. އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެކަމަކު ގައުމު ތަމްސީލުކުރަމުންދާ ކުޅުންތެރިއަކު ނުވަތަ އެތުލީޓަކުގެ ކެރިއަރަށް ނުރަނގަޅު އަސަރުކުރާ ކަމެއް ކުޅިވަރުގެ ހިންގުމުގައި ތިބި މީހުން ކޮށްގެން ނުވާނެ ކަމަށް ހުސެން ގަބޫލުކުރައްވަ އެވެ.

ހުސެން ވިދާޅުވީ ވޯޓެއް ލައިގެން މީހުން ހޮވާ ގޮތަށް އޮންނައިރު، އެކްޓިވްކޮށް ކުޅެމުން އަންނަ އެތުލީޓަކަށް ކުރިމަތިނުލެވޭ ގޮތަށް އޮތުމަކީ މީގެ އެންމެ ބުއްދިވެރި ގޮތްކަމަށެވެ.

"އެ ބުނަނީ ވޯޓެއް ލައިގެންނޭ ހޮވެނީ. މިސާލަކަށް ވޯޓެއް ލައިގެން ވެއްޖިއްޔާ މި ގައުމުގައި ދަގަނޑޭ ބަލިކުރެވޭނެ މީހެއް ނެތް. އެއީ ކަށަވަރުކަމެއް. އެކަމަކު ވޯޓެއް ވެސް އެއީ ލައިގެން ކުރާކަމަށް ވިއްޔާ އެކަން ފުޅާކޮށް ކުރާއިރު ބަލަން ޖެހޭ ކަންކަން ހުންނާނެ. ކަރަންޓްލީ (މި ވަގުތު) ކުޅެމުން އަންނަ އެތުލީޓަކު ހުރުމަކީ މީގެ ވަރަށް ބައިވަރު ކޮންފްލިކްޓް (މަސްލަހަތުގެ ފުށުއެރުންތައް) ހުންނާނެ ކަމެއް. ޕްރެޝަރުތަކާ ހެދި މީގެ ގެއްލުން ލިބޭނީ ހަގީގަތުގައި އެ ކުޅުންތެރިޔާ އަށް ގިނަ ފަހަރު. އެއީ އަޅުގަނޑު ވާން އެދޭ ކަމެއް ނޫން،" ބައިނަލްއަގުވާމީ ގޮތުން ވެސް ކުޅިވަރުގެ އެކި ކަންކަމުގައި އުޅުއްވާ ހުސެން ވިދާޅުވި އެވެ.

"އެ ޒިންމާގެ ފުށުއެރުމެއް ނެތި އަދާކުރެވޭނެ މީހަކަށް ހިންގާ ކޮމިޓީގެ އެ ގޮނޑި ދޭންވީ. ޝަރުތުކުރަންވީ އެ ވަގުތެއްގައި ގައުމު ތަމްސީލްކޮށް ކުޅޭ ކުޅުންތެރިއަކަށް ނުވާން. އޭރުން މީގެ ކުރަން ޖެހޭ ކަންތައްތައް އެންމެ ހަމަހަމަކޮށް ގެންދެވޭނެ ކަމަށް ފެންނަނީ،"

ހުސެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ކުރީގެ ރައީސް އަދި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މުހައްމަދު އަފްލާހް (އަފޫ) ވިދާޅުވީ އެކްޓިވްކޮށް މި ވަގުތު ވެސް ކުޅެމުން އަންނަ ކުޅުންތެރިއަކު ވިސްނަން ޖެހޭނީ އޭނާގެ ޓްރެއިނިން އާއި ދެން އޮތް ލެވަލަށް ދިއުމުގެ މަސައްކަތަށް ކަމަށެވެ.

އަފޫ ވިދާޅުވީ އެކްޓިވްކޮށް ކުޅެމުން ކުޅުންތެރިއަކު ހިންގާ ކޮމިޓީގެ މަގާމެއްގައި އިނުމަކީ މަސްލަހަތު ފުށުއަރާ ކަންތައްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އަދި މިއީ އޭނާގެ އަމިއްލަ ހިޔާލު ކަމަށް އަފޫ ވަނީ ވިދާޅުވެފަ އެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ރައްޒާގު އިބްރާހިމް ވެސް ވަނީ އެތުލީޓްސް ކޮމިޝަންގައި މި ވަގުތު ކުޅެމުން އަންނަ އެތުލީޓަކު ހުރެގެން އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގައި ހުރުން ރަނގަޅު ނޫން ކަމަށާއި މި ވަގުތު އެ އެތުލީޓެއްގެ ހުރިހާ ފޯކަސް އެއް ހުންނަން ޖެހޭނީ ޓްރެއިނިން އަށް ކަމަށް ވިދާޅުވެފަ އެވެ.