ބެޑްމިންޓަން އެސޯސިއޭޝަނަށް ހައްލެއް ހޯދަން ކޮމިޓީއެއް އެކުލަވާލަނީ

20 ފެބުރުވަރީ 2025 - 06:29 0


ބެޑްމިންޓަން އެސޯސިއޭޝަނަށް ހައްލެއް ހޯދަން ކޮމިޓީއެއް އެކުލަވާލަނީ

20 ފެބުރުވަރީ 2025 - 06:29 0

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެޑްހޮކް ކޮމިޓީއެއް އެކުލަވާލުމުގެ މަޝްވަރާތައް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އާ އެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފި އެވެ.

ބެޑްމިންޓަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ކޮމީޓީގެ ދައުރު، މިދިޔަ އަހަރުގެ މާޗް މަހުގެ 11 އަށް އޮތީ ހަމަވެފަ އެވެ. އެކަމަކު، މި ވަގުތު ވެސް ރަސްމީ ހައިސިއްޔަތުން ބެޑްމިންޓަން އެސޯސިއޭޝަނުން، އެންމެ އިސް ފަރާތެއްގެ ގޮތުގައި މުއާމަލާތު ކުރަމުން އަންނަނީ، އެ ހިންގާ ކޮމިޓީގެ ނައިބު ރައީސް އަހުމަދު ޝާކިރު މޫސާ އެވެ. ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފްގެ ވެބްސައިޓް ބުނާގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސަކީ، ޝާކިރު އެވެ. އަދި، ޖެނެރަލް ސެކްރެޓަރީ އަކީ، މުހައްމަދު ނަސީރު އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ސްޕޯޓްސް ކައުންސިލް ދަށަށް ގެންނަން ނިންމައިފަ އެވެ. އެ މައްސަލައާ ދެކޮޅަށް ބެޑްމިންޓަން އެސޯސިއޭޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު، ކޯޓުން ނިންމީ ބެޑްމިންޓަން އެސޯސިއޭޝަނާ ދެކޮޅަށެވެ. އެ ނިންމުން އިސްތިއުނާފުކުރަން ހައި ކޯޓަށް ބެޑްމިންޓަން އެސޯސިއޭޝަނުން ހުށަހެޅިއިރު، ރާއްޖޭގެ ބެޑްމިންޓަނުގެ ކުރިމަގާ ގުޅޭގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ވެސް ބައިވެރިވާ ގޮތަށް އަންނަނީ ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފްއާ މަޝްވަރާކުރަމުންނެވެ.

ބެޑްމިންޓަން ހާލަތާ ގުޅޭގޮތުން، ރޭ ބޭއްވި އޮލިމްޕިކް ކޮމިޓީގެ އާންމު ޖަލްސާގައި ސުވާލުކުރުމުން، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނާއި މަޝްވަރާ ކުރަމުންދާ ކަމަށާއި އެޑްހޮކް ކޮމިޓީ (ކޮމިޝަނެއްގެ) މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނާ އެކު އެއްބަސްވެވުނު އެޑްހޮކް ކޮމިޝަނެއް ނަގަން. އެ ގޮތުން، އެ ކޮމިޝަނަށް މެމްބަރުން އެކުލަވާމުގެ މަސައްކަތް މި ދަނީ، އޮލިމްޕިކް ކޮމިޓީން އެ ކޮމިޝަނަށް ހުށަހަޅާނަމެއް ފޮނުވަން، ދެން، ބެޑްމިންޓަން އެސޯސިއޭޝަނަށް ވެސް ފޮނުވިން ނަމެއް ފޮނުވަން. އެޑްހޮކް ކޮމިޓީގެ މެންޑޭޓަކަށް ވެގެންދާނީ، ކޮންސްޓިޓިއުޝަން ބަދަލުކޮށްފައި. އާ އިލެކްޝަނަކަށް ގޮވުން، އެއީ އޮންގޮއިން ޕްރޮސަސް އަށް،" ތަމޫހު ވިދާޅުވި އެވެ.

މީގެ އިތުރުން، ތަމޫހު ވިދާޅުވީ، އެހެން އެސޯސިއޭޝަނަށް ދެމުން އަންނަ އެހީތެރިކަން އޮލިމްޕިކް ކޮމިޓީން މިހާރު ވެސް ބެޑްމިންޓަން އެސޯސިއޭޝަނަށް ވެސް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.