Advertisement

އޮސްޓްރިއާގެ ފިޒިކަލް ފުޓްބޯޅަ އަށް ހޭނުން ނޫން ގޮތެއް އިޓަލީ އަށް ނެތް

26 ޖޫން 2021 - 10:06 0

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ


އޮސްޓްރިއާގެ ފިޒިކަލް ފުޓްބޯޅަ އަށް ހޭނުން ނޫން ގޮތެއް އިޓަލީ އަށް ނެތް

26 ޖޫން 2021 - 10:06 0

ލަންޑަން (ޖޫން 26) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުުރުގައި މިރޭ އޮސްޓްރިއާއާ ދެކޮޅަށް ކުޅޭއިރު، އިޓަލީން ނަތީޖާ ނެރެން ބޭނުންނަމަ ޖެހޭނީ އޮސްޓްރިއާ އިން ކުޅޭ ފިޒިކަލް ފުޓްބޯޅަ އަށް ހޭނިގެން ރަނގަޅަށް ކުޅެން ކަަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

އިޓަލީ މި ފަަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވެގެންނެވެ. އޮސްޓްރިއާ އިން ވަނީ ގްރޫޕް ސްޓޭޖުގައި ނޯތު މެސެޑޯނިއާ އާއި ޔޫކްރެއިން ބަލިކޮށްފަ އެވެ. އޮސްޓްރިއާ ބަލިވީ ނެދަލެންޑްސް އަތުން އެކަންޏެވެ.

މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރާ ކުރިމަތިލާއިރު، އިޓަލީ އޮތީ ރަނގަޅު ޓްރެކެއްގަ އެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު 30 މެޗުން ބަލިވެފައިނުވާއިރު، އެންމެ ފަހުން 11 މެޗުން މޮޅުވީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ. އިޓަލީން ގްރޫޕް ސްޓޭޖުގައި ހަތް ގޯލު ޖެހިއިރު، މިއީ 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު އިޓަލީން ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖުގައި މި އަދަދަށް ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

ތުރުކީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އިޓަލީގެ އިމޯބިލޭ އުފާފާޅުކުރަނީ.


"އިޓަލީ ކޯޗެއްގެ ގޮތުގައި ހުރެ މި ކުރެވޭ މަސައްކަތުގެ އުފާ އަހަރެން އެބަ ލިބި ގަންނަން. މި ކަން ކުރިއަށް ގެންދަން ބޭނުން. މިކަމުގެ ހުރިހާ ޝުކުރެއް ހައްގުވާ ބަޔަކީ ރަނގަޅު ނަތީޖާތަކެއް ނެރެން މަސައްކަތް ކުރާ ކުޅުންތެރިން. މުޅި ޓީމު އޮތީ އެއް ރޫހެއްގައި،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަންޗިނީ ބުންޏެވެ.

އޮސްޓްރިއާ އިން ކުޅޭ ފިޒިކަލް ފުޓްބޯޅައިގެ ސަބަބުން އިޓަލީ އަށް މި މެޗުގައި ބިރެއް އޮތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން މަންޗިނީ ބުނީ މުޅި ފުޓްބޯޅައިގައި އަމުދުން ޔޫރޯ ކަހަލަ މުބާރާތެއްގެ ނޮކައުޓް ބުރުގައި އޮތް ފުރިހަމަ ކަމަކީ ކޮންމެ ގޮތެއް ހަދާފައިވެސް ނަތީޖާ ނެރެން ޖެހުން ކަމަށެވެ.

"ވަރަށް މޮޅަށް އަހަރެމެން ކުޅެން ޖެހޭ. އޮސްޓްރިއާ އަކީ ވަރަށް ވަރުގަދަ އަށް ކުޅޭ ޓީމެއް. އަހަރެމެން ގޯސްކޮށް ކަމެއް ކޮށްގެން ނުވާނެ،" މަންޗިނީ ބުންޏެވެ. "މިއީ މި ކަހަލަ މުބާރާތެއްގެ ފުރިހަމަ ކަމަކީ މޮޅުވުން ނޫން ގޮތެއް ނޯންނާނެ. އަހަރެންގެ އުއްމީދަކީ އިތުުރު ހަތަރު މެޗު މި ޔޫރޯގައި ފުރިހަމަ ނަތީޖާއަކާ އެކު ނިންމާލުން،"

އިޓަލީގެ މުހިއްމު ޑިފެންޑަރު ޖިއޮޖިއޯ ކިއެލީނީ އަށް މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ. މަންޗިނީ ބުނީ އިޓަލީ އަށް މި ފަހަރުގެ މުބާރާތުގައި އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެ ޓީމު ކޮންމެ މަގާމަކަށް ވެސް ބަދަލުގައި އެރުވޭނެ ފެންވަރު ރަނގަޅު ކުޅުންތެރިން ތިބުމެވެ.

މަންޗިނީ ވަނީ މިރޭގެ މެޗު ކުޅޭ އިނގިރޭސި ވެމްބްލީ ސްޓޭޑިއަމް ފަދަ ތާރީހީ ދަނޑެއްގައި އިޓަލީގެ ކުޅުންތެރިންނަށް ރަނގަޅު މެޗެއް ކުޅެލަން ލިބިފައި މި އޮތް ފުރުސަތުގެ ބޭނުން ފުރިހަމަ އަށް ހިފަން އެ ޓީމުގެ ކުޅުންތެރިންނަށް ގޮވާލައިފަ އެވެ.

އޮސްޓްރިއާ އަށް އިޓަލީ ބަލިނުކުރެވޭތާ 61 އަހަރު

އޮސްޓްރިއާ އިން އެންމެ ފަހުން އިޓަލީ ބަލިކުރީ 1960 ވަނަ އަހަރުގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އޭގެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން އިޓަލީ ވަނީ 10 މެޗުން މޮޅުވެފަ އެވެ. އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިއީ ޔޫރޯއެއްގައި އޮސްޓްރިއާ އާއި އިޓަލީގެ ފުރަތަމަ ކުރިމަތިލުމެވެ. މިއީ އޮސްޓްރިއާ އިން ޔޫރޯއެއްގެ ނޮކައުޓް ބުރުގައި ކުޅޭ ފުރަަތަމަ ފަހަރެވެ.

އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ ބުނީ އިޓަލީއާ ދެކޮޅަށް ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުގައި ކުޅުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށާއި މި މެޗުގައި ތާރީހީ ކަމެެއް ހާސިލްކުރަން ބޭނުންވާ ކަމަށެވެ. އަލަބާ ވަނީ 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ވެމްބްލީ ސްޓޭޑިއަމްގައި ކާމިޔާބުކޮށްފަ އެވެ.

"އަހަރެން ބަޔާނާ އެކު އެ ދަނޑުގައި (ވެމްބްލީގައި) ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިން. މާދަމާ (މިރޭ) ވެމްބްލީގައި އޮސްޓްރިއާ އަށް ހާއްސަ ކާމިޔާބެއް ހޯދައިދޭން ބޭނުން،" އަލަބާ ބުންޏެވެ. "އިޓަލީއާ ދެކޮޅަށް ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުގައި ކުޅެލަން ލިބުމަކީ ފަހުރެއް،"

އަލަބާ އޮސްޓްރިއާގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.


އޮސްޓްރިއާގެ ކޯޗު ފްރާންކޯ ފޯޑާ ބުނީ މި ވަގުތުގެ ހާލަތަށް ބަލާއިރު، އޮސްޓްރިއާ އާއި އިޓަލީ އަށް ނިސްބަތްވާ އެއްވެސް ސަޕޯޓަރަކަށް މިރޭ ވެމްބްލީގައި ކުޅޭ މެޗު ބަލަން ދަނޑަށް ނުވަދެވޭ ކަމަށާއި މިއީ ބޮޑު މުބާރާތެއްގައި ވެގެންވާނެ ގޮތެއް ނޫން ކަމަށެެވެ.

އޮސްޓްރިއާ ސަރުކާރުން ވަނީ އެ ގައުމުގެ މީހުން މިރޭގެ މެޗު ބަލަން އިންގްލެންޑަށް ދަތުރު ނުކުރަން ގޮވާލައިފަ އެެވެ. އެއީ ކޮވިޑްގެ ހާލަތު އިންގްލެންޑްގައި މި ވަގުތު އެހާ ރަނގަޅު ނޫން ކަމަށް ބުނެ އެވެ.

އޮސްޓްރިއާ ކޯޗު ފޯޑާ ވަނީ އޮސްޓްރިއާ އަށް ނިސްބަތްވާ ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެ ގޮތެއް ހަދައިދޭން ޔުއެފާގެ އެހީ އަށް ވެސް އެދިފަ އެވެ. އެކަމަކު އެކަމަށް އަލިމަގެއް ނުފެނެ އެވެ.

އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު ލަނޑެއް ނުވަދެ އިޓަލީން ވަނީ 17 ގަޑިއިރާއި 35 މިނިޓް ފުރިހަމަކޮށްފަ އެވެ. އޮސްޓްރިއާގެ ކޯޗު ފޯޑާ ބުނީ މިރޭގެ މެޗުގައި އިޓަލީ ކައިިރިން އޮސްޓްރިއާ އަށް ފަޅި ފުރުސަތެއް ލިބުނަސް ބޭނުން ހިފަންޖެހޭ ކަމަށެވެ.

"އިޓަލީ އަކީ މި މުބާރާތުގައި މިހާތަނަށް އެންމެ ވަރުގަދަކޮށް އޮތް ޓީމު. ގްރޫޕްގެ ތިން މެޗުގައި ގިނަ ބަދަލުތަކެއް ގެނެސްގެން ވެސް އިޓަލީ އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓި،" ފޯޑާ ބުންޏެވެ. "ޕަސެންޓޭޖަށް ބަލާނަމަ އަހަރެން ބުނާނީ 10 ޕަސެންޓް ލިބުނަސް މޮޅުވާން ކުރަން ޖެހޭ ހުރިހާ ކަމެއް އެ ކުޑަ ފުރުސަތުގައި (އޮސްޓްރިއާ އިން) ކުރަން ޖެހޭ،"

މިރޭގެ މެޗަކީ ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުގައި މިދިޔަ 39 އަހަރު ތެރޭ އޮސްޓްރިއާ އިން ކުޅޭ ފުރަތަމަ މެޗެވެ. އިޓަލީ އާއި އޮސްޓްރިއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.