Advertisement

އިބްރާހިމް ހުސެއިން މަނިކުގެ ތިން ވާހަކަ ފޮތެއް ބާޒާރަށް

25 ޖޫން 2021 - 10:01 0


އިބްރާހިމް ހުސެއިން މަނިކުގެ ތިން ވާހަކަ ފޮތެއް ބާޒާރަށް

25 ޖޫން 2021 - 10:01 0

ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ އިބްރާހިމް ހުސެއިން މަނިކުގެ ކުރު ވާހަކަތައް ހިމެނޭ ތިން ފޮތެއް އޭނާ އަމިއްލަ އަށް ޝާއިއުކޮށް ބާޒާރަށް ނެރެފި އެވެ.

"އިބްރާހިމް ހުސެއިން މަނިކުގެ ކުރު ވާހަކަތައް" ނަމުގައި މި ފަހަރު ނެރުނީ، އެ ސިލްސިލާގެ '3'، '4' އަދި '5' އެވެ. މި ސިލްސިލާގެ '1' އަދި '2' ނެރެފައިވަނީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ނުވަދިހައިގެ އަހަރުތަކުގަ އެވެ.

މަނިކުގެ އަދަބީ ޖޯންރާ ކަމަށްވާ، ލިޓެރަރީ ރިއަލިޒަމް އަށް ބިނާކޮށް އޭނާ ލިޔުނު ކުރު ވާހަކަތައް ހިމެނުނު އެ ދެ ފޮތަށް އޭރު ކިޔުންތެރިންނާއި ދަރިވަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނެވެ. އަދި އެ ދެ ފޮތުގައި ހިމެނުނު ބައެއް ވާހަކަތަކައް ވެގެންގޮސްފައިވަނީ ދިވެހި އަދަބިއްޔާތުގެ ކްލެސިކްސްތަކަށެވެ.

މަނިކު ވިދާޅުވީ ކުރިއެކޭ އެއްގޮތަށް މި ފަހަރުގެ ތިން ފޮތުގައި ވެސް ހިމެނޭނީ އާއްމު ދިރިއުޅުމުގައި ހަގީގަތަށް ވެސް ހިނގައިފާނެ ކަންކަމުގެ ވާހަކަތަކެއް ކަމަށެވެ. އެކަމަކު ހިތާމަ އާއި މާޔޫސްކަމުގެ މައްޗަށް ލިޔެފައިވާ ވާހަކަތައް ނުހިމެނޭނެ ކަމަށް މަނިކު ވިދާޅުވި އެވެ.

"އަޅުގަނޑު އެހާ ލިޔާ ހިތެއް ނުވޭ މާބޮޑަށް ހިތާމައިގައި ޖެހި ހިތާމަވެރި ކަންތައްތަކެއް ދައްކުވައިދޭ ވާހަކަތަކެއް. އެހެނަސް މި ވާހަކަތަކުގައި ހިމެނޭނީ ދިވެހިންގެ އާއްމު ދިރިއުޅުމުގެ ވާހަކަތައް ކަމަށްވާތީ، ދިރިއުޅުމުގެ ތެރޭ އިހުސާސްކުރަން ހިތާމައެއް ވިއްޔާ ހިސާބަކަށް އެ އަސަރު ވެސް އެކުލެވޭނެ،" މަނިކު ވިދާޅުވި އެވެ.

ފޮތުގެ އިސްބަހުގައި މަނިކު ލިޔުއްވާފައިވާ ގޮތުގައި މި ފޮތުގެ ރޫހީ ފޫޅުމަޔަކީ، ދިވެހިބަހާއި އަދަބިއްޔާތުގައި މިހިނދަށް ދިރި ދުނިޔޭގައި ހުންނެވި އެންމެ ބޮޑު އުސްތާޒް އަބްދުﷲ ސޯދިގު (ސޯދުބެ) ކަމަށެވެ.

މި ތިން ފޮތުގައި ހިމެނޭ ވާހަކަތަކަށް ބަލާއިރު "ހަވީރު ސައި"، "ފަންޑިތަވެރިޔާ"، "ނިލަންދޫއެދުތުތަކުރުފާނު"، "ރަތްގަރުދިޔަ"، "މަންމަ"، "އިންތިޒާރު" އަދި "މަގޫފަތު ދާން" ފާހަގަކުރެވެ އެވެ. ހުރިހާ ވާހަކައެއްގައި ވެސް މުއްސަނދި ބަސްކޮށާރަކާއި ރީތި އިބާރާތްތަކާއި ފަށުވި ގެތުންތައް އެކުލެވެ އެވެ.

"ހިތާ ހިތާ ކިޔައިލެވުނެވެ. ޒުވާން ސާހިބާއެވެ. މާކަނާ ތޮށިމަތީގައި އިންނަނީ ކަނޑުގުރުވަ ނޫނީ ނުކާނަމޭ ހިތައެވެ. އެގޮތަށް އިނދެ ކަނޑުގުރުވަ ނުލިބުނުތާ ކައިލާނޭ ފުންނައެއްވެސް ނުލިބުމުން އެންމެ ފަހުން ކުނި ހިނކަދި ވެސް ކަނީ ނޫން ތޯއެވެ؟ ނިކަމެތި އަޅުގަނޑަށް ވެސް އަދު ޖެހިފައި މިއޮތީ އެހާލެވެ،"

ވަޒީފާއެއް ހޯދަން އުޅޭ މުސްކުޅި މުނީމަކަށް ބަސްދީގަތުމެއްގެ ތެރެއިން ދިމާވި ކަމެއް، "ވަޒީފާ" މި ވާހަކައިގައި މަނިކު ސިފަކޮށްދީފައިވެ އެވެ.

ކުރު ވާހަކަ ލިޔުމުގެ ރޮނގުން އާއްމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމް 1992 ވަނަ އަހަރު ހާސިލްކުރައްވާފައިވާ މަނިކު އަދަބީ ދުނިޔެއަށް ޝައުގުވެރިކަން އުފެދުނީ މަޖީދިއްޔާ ސްކޫލުން ކިޔެވި ދުވަސްވަރެވެ. އޭނާ ކުރު ވާހަކަ ލިޔުއްވަން ފެށްޓެވީ ސްރީ ލަންކާގައި ކިޔެވި ދުވަސްވަރެވެ. އެންމެ ފުރަތަމަ ވާހަކަ ލިޔުއްވީ އިނގިރޭސި ބަހުންނެވެ.

މަނިކުގެ ވާހަކަތައް އާއްމުންނަށް އެންމެ ފުރަތަމަ ކިޔަން ލިބެން ފެށީ "އަމާޒު"، "ހަފުތާ"، "ހަވީރު" އަދި "ފަތްތޫރަ" އިންނެވެ. ފަހުން އެ ވާހަކަތައް އެއްކުރުމަށް ފަހު ގައުމީ މަރުކަޒުން ފޮތެއްގެ ސިފަ ޖެއްސީ އެވެ. މަނިކުގެ އެންމެ ފާހަގަކޮށްލެވޭ ވާހަކައަކީ، 1982 ވަނަ އަހަރުގެ ގައުމީ ކުރު ވާހަކަ ލިޔުމުގެ މުބާރާތުން ދެ ވަނަ އަށް ދިޔަ "މާވަހަރު" ވާހަކަ އެވެ.

"ވައިގަނޑު އަންނަނީ އަދިވެސް ބާރުވަމުންނެވެ. ހުސޭނަށް މީހަކު މަލާމާތުގެ ފާޑަކަށް ހީގަތްކަހަލަ އަޑެއް އިވުނުހެންހީވިއެވެ. ރިޔަލުން ބަޑިތަޅައިގެންފައި އައްދޯތް މަމަރައިފިޔޭ ގޮވާ ރޮއިގަތް އަޑު އިވުނުހެންހީވިއެވެ. ކަނޑުމަތި ހީވަނީ ކަފުނާއިއެކު ތެދުވެއުޅޭ ގަބުރުތަކެއް ތެދުވެ ހިނގާބިނގާ އުޅޭހެންނެވެ. މި ގަބުރުތައް އޭނާއާ ދިމާއަށް ދަތްދިލުވާ ވައްތަރު ޖައްސާހެންވެސް ހީވެ އެވެ."

"މާވަހަރު" ވާހަކައިގައި މަނިކުގެ ސިފަކުރުއްވުމުގައިވެ އެވެ.

މި ނޫހުގެ އަދަބީ ލިޔުންތެރިޔާ ނަސްމާ އަބްދުލްމުހުސިން، މަނިކުއާ ބެހޭގޮތުގައި ލިޔުއްވާފައިވާ ގޮތުގައި އެފަދަ ރީތި ސިފަކުރުންތަކަކީ މަނިކުގެ ވާހަކަތަކުގެ މައިގަނޑު އެއް އަސާސް ކަމަށެވެ. އޭނާގެ ކޮންމެ ވާހަކައެއްގައިމެ، އިންސާނާގެ އިހުސާސްތަކާއި ގުދުރަތީ މަންޒަރުތަކާއި ތަފާތު ރަސްމުތަކާއި އިޖުރާއަތްތައް ރަން ގަލަންކޮޅުން ސިފަކުރައްވާފައިވަނީ، މައްދިވެހި ބަސްކޮށާރަކުން އަމުނާލައްވާފައިވާ ބުގިސް އިބާރާތްތަކުން ކަމަށް ނަސްމާ ލިޔުއްވާފައިވެ އެވެ.

"އިބްރާހިމް ހުސައިން މަނިކުގެ ވާހަކަތަކަކީ އިންސާނުންގެ އިހުސާސްތަކުގެ ވާދީގެ ތަނަވަސްކަމާއި، ދިވެހިންގެ އޭރާއި މިހާރުގެ އަގުކުރުންތަކާއި، އާދަކާދަތަކާއި، އަހައްމިއްޔަތުތަކާއި، ރަސްމުތަކާއި ސަގާފަތްތަކުގެ ފުރިހަމަ ރިޔާޔަތެކެވެ. މުޅި މުޖުތަމައުގެ އެކި ފަންތީގެ މީހުންގެ އުފާތަކާއި އުއްމީދުތަކާއި ގިލަންތަކުން ފުރާލާފައިވާ ޑައިރީއެކެވެ. ދިވެހިން ދިވެހިންގެ ދިރިއުޅުމަށް، އެހެން ނަޒަރަކުން ބަލާލަން ލިބިފައިވާ މުހިއްމު ފުރުސަތެކެވެ،" ނަސްމާ ލިޔުއްވާފައިވެ އެވެ.

މަނިކުގެ ފޮތްބައި ލިބެން ހުންނާނީ ނޮވެލްޓީ ބުކްޝޮޕް، އަސްރަފީ ބުކްޝޮޕް، ރައުންޑްވަން ބުކްޝޮޕް އަދި އެމްސެވަން ޕްރިންޓް އިންނެވެ. ފޮތެއްގެ އަގަކީ 100ރ. އެވެ.