Advertisement

ހަންގޭރީއާ އެއްވަރުކޮށް ޖަރުމަނު އަނެއް ބުރަށް

24 ޖޫން 2021 - 01:59 2


ހަންގޭރީއާ އެއްވަރުކޮށް ޖަރުމަނު އަނެއް ބުރަށް

24 ޖޫން 2021 - 01:59 2

މިއުނިކް (ޖޫން 24) - ޔޫރޯ ފުޓްބޯޅަ މުބާރާުތުގައި މިރޭ ހަންގޭރީއާ 2-2 އިން އެއްވަރުވެ، ޖަރުމަނު އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

ގްރޫޕް އެފްގެ އެއް ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދިޔައީ ފްރާންސް އެވެ. އެއީ ތިން މެޗުން ފަސް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔައީ ޖަރުމަނެވެ. އެ ޓީމާއި ތިން ވަނައިގައި ނިންމި ޕޯޗުގަލް އަށް ވެސް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޕޯޗުގަލް އަނެއް ބުރަށް ދިޔައީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަަނަ ޓީމުތަކުގެ ތެރެއިންނެވެ. އެންމެ ފުލަށް ދިޔަ ހަންގޭރީ އަށް ތިން މެޗުން ދެ ޕޮއިންޓް ލިބުނުއިރު، އެ ޓީމު ވަނީ ކަޓައިފަ އެވެ.

ޖަރުމަނު އަނެއް ބުރުގައި ކުޅޭނީ އިންގްލެންޑާ ދެކޮޅަށެވެ.

މިރޭގެ މެޗަށް ނުކުތްއިރު ޖަރުމަނަށް އޮތް އެންމެ ކަންބޮޑުވުމަކީ އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ތޯމަސް މުލާގެ ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ފުރަތަމަ އެގާރައިގައި ނުކުޅެވުމެވެ. އޭނާގެ ބަދަލުގައި ފުރަތަަމަ އެގާރައިގައި ހިމަނާފައިވަނީ ލެރޯއި ސާނޭ އެވެ.

ހަންގޭރީން ވަނީ މި މެޗު ފަށައިގެން 11 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. ޖަރުމަނު ސިއްސުވާލުމަށް ފަހު ހަންގޭރީގެ މި ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން އެޑަމް ޒަލާއި އެވެ. އެ ޓީމުގެ ރޯލަންޑް ސަލާއި ނަގައިދިން ހުރަހަކުން ޒަލާއި މި ގޯލު ޖެހީ ބޮލުންނެވެ. އެންމެ ފަހުން ހަންގޭރީން ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ލީޑުނެގި އެވެ. އެކަމަކު ރަނގަޅަށް ޑިފެންސް ނުކުރެވި ޓާގެޓަށް ނުދެވުނީ އެވެ.

ހަންގޭރީގެ ޒަލާއި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--


ނަތީޖާ ހަމަހަމަކުރަން ޖަރުމަނުން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. ޖަރުމަނުގެ ކައި ހަވާޓްޒް ނަގައިދިން ބޯޅައަކަށް ސާނޭ އަށް ރަނގަޅު ވަގުތުގައި ބޭނުންނުހިފި އެ ފުރުސަތު ގެއްލުނެވެ. އޭގެ ފަހުން ކޯނަރެއްގައި ހުރަސްވި ބޯޅައެއް ޖަރުމަނުގެ ޑިފެންޑަރު މެޓް ހަމެލްސް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ޖަރުމަނުގެ ޑިފެންޑަރު މަޓިއަސް ގިންޓާ ގޯލާ ސީދާކޮށް ފޮނުވާލި ހަމަލާ އަމާޒުވީ ހަންގޭރީގެ ގޯލްކީޕަރު ޕީޓަ ގުލާކްޝީ އަތަށެވެ.

ޖަރުމަނުން މެޗުގެ 67 ވަނަ މިނިޓްގައި އެއްވަރުކުރީ ހިލޭ ޖެހުމަކުން އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ހަވާޓްޒް ޖެހި ގޯލުންނެވެ. ހަމެލްސް ބޮލުން ޖައްސާލި ބޯޅަ ހަވާޓްޒް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އެކަމަކު ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށް ބޭއްވުނީ އެންމެ މިނިޓެއް ވަންދެނެވެ. ހަންގޭރީން ވަނީ ޖަރުމަނުން އެއްވަރުކުރިތާ 91 ސިކުންތުގެ ތެރޭގައި އަލުން ލީޑުނަގައިފަ އެވެ. މި ގޯލު ޖެހީ އަންޑްރެއަސް ޝާފާ އެވެ. އޭނާ ވަނީ ޒަލާއި ދިން ބޯޅައެއް ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ އަށް ލިބުމުގެ ކުރިން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ދެ ވަަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރަން ޖަރުމަނުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 84 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ލެއޯން ގޮރެޓްޒްކާ އެވެ. އޭނާ ފޮނުވާލި ބޯޅަ ހަންގޭރީގެ ކީޕަރު ގުލާކްޝީ އަށް މަތަކުރެވޭނެ ގޮތެއްނުވި އެވެ.