Advertisement

ޕޮލެންޑް އަތުން މޮޅުވެ ސްވިޑެން އަށް ގްރޫޕްގެ އެއް ވަނަ

23 ޖޫން 2021 - 22:59 0

ސްވިޑެންގެ ގޯލު ޖެހުމަށް ފަހު ފޯސްބާގް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ޕޮލެންޑް އަތުން މޮޅުވެ ސްވިޑެން އަށް ގްރޫޕްގެ އެއް ވަނަ

23 ޖޫން 2021 - 22:59 0

ޕީޓާސްބާގް (ޖޫން 23) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފަހު ވަގުތު ގޯލު ޖަހައި 3-2 އިން ޕޮލެންޑް ބަލިކޮށް ސްވިޑެން ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ސްވިޑެން އެންމެ ފަހުން ޔޫރޯއެއްގެ ދެ ވަނަ ބުރުގައި ކުޅުނީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި މުބާރާތުގަ އެވެ. މިއީ ފާއިތުވި 17 އަހަރު ތެރޭ ސްވިޑެން އިން ޔޫރޯއެއްގެ ދެ ވަަނަ ބުރުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗަށް ނުކުތްއިރު ސްވިޑެން އަށް އޮތީ އަނެއް ބުރުގެ ޖާގައެއް ކަށަަވަރުވެފަ އެވެ. އެއީ މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރެއިން ފުރުސަތު ނުލިބިއްޖެނަމަ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިންނެވެ. އެހެން ނަމަވެސް މިރޭ ސްވިޑެން އިން ހޯދި ޕޮއިންޓްތަކާ އެކު އެ ޓީމު އަނެއް ބުރަށް ދިޔައީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

ސްވިޑެން އެއް ވަނަ ހޯދީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔައީ މިރޭ 5-0 އިން ސްލޮވާކިއާ ބަލިކުރި ސްޕެއިން އެވެ. ސްޕެއިނަށް ވަނީ ތިން މެޗުން ފަސް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ދިޔަ ސްލޮވާކިއާ އަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލަށް ދިޔަ ޕޮލެންޑަށް ވަނީ ތިން މެޗުން ޕޮއިންޓެއް ލިބިފަ އެެވެ. އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ.

ރަޝިއާގެ މަޝްހޫރު ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗު ފަށައިގެން 82 ސިކުންތު ތެރޭގައި ސްވިޑެން އިން ވަނީ ލީޑުނަގައިފަ އެވެ. ޔޫރޯ ތާރީހުގައި ދެ ވަނަ އަށް ޖެހި އެންމެ އަވަސް ގޯލު ކާމިޔާބުކުރީ އެމީލް ފޯސްބާގް އެވެ. އަލެކްސަންޑަ އިސާކް ކުރިއަށް ކުޅުނު ބޯޅައެއް ހޯދައި އޭރިއާތެރެއިން ފޯސްބާގް ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. ސްވިޑެން އެންމެ ފަހުން ކުޅުނު މެޗުން ސްލޮވާކިއާ އަތުން މޮޅުކޮށްދިނީ ފޯސްބާގް ޖެހި ޕެނަލްޓީންނެެވެ.

ޕޮލެންޑުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި ފުރަތަމަ ހާފުގައި އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ ބޮލުން ފޮނުވާލި ދެ ބޯޅަ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ޕޮލެންޑްގެ ޕިއޮޓްރޭ ޒިއެލިންސްކީ ޖެހި ޝޮޓެއް ސްވިޑެންގެ ކީޕަރު ރޮބިން އޮލްސަން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 59 ވަނަ މިނިޓްގައި ސްވިޑެން އިން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ކާމިޔާބުކުރީ ވެސް ފޯސްބާގް އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑޭޖާން ކުސުލެވްސްކީ އަމިއްލަ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން އައިސް ޕޮލެންޑް އޭރިއާ ތެރެއަށް ވަދެފައި ފޯސްބާގަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

އެ ލަނޑު ޖެހިތާ ދެ މިނިޓް ފަހުން ލެވަންޑޯސްކީ ވަނީ ޕޮލެންޑަށް ގޯލެއް ޖަހައިދީފަ އެވެ. މެޗުގެ 61 ވަނަ މިނިޓްގައި ޒިއެލިންސްކީ ދިން ބޯޅައެއް ހިފައިގެންވަދެ ލެވަންޑޯސްކީ ވަނީ ކީޕަރު އޮލްސަން އަތްމަތިން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ސްވިޑެން ކޮޅަށް ވަން ފުރަތަމަ ގޯލެވެ.

އޭގެ ހަތަރު މިނިޓް ފަހުން ޕޮލެންޑްގެ ޔަކުބް ސްވިއާޒޯކް ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. އެކަމަކު މެޗުގެ 84 ވަނަ މިނިޓްގައި ފްރަންކޯސްކީ ދިން ބޯޅައަކުން އޭރިއާތެރެއިން ގޯލެއް ޖަހައި ލެވަންޑޯސްކީ ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އިތުރު ގޯލެއް ޖަހަން ޕޮލެންޑުން ކުރިއަށް ޖެހިގެން ކުޅުނެވެ.

އިތުރު ވަގުތުގައި ސްވިޑެން މޮޅުކޮށްދިން ގޯލު ޖެހީ ކުސުލެވްސްކީ ދިން ބޯޅައަކުން ވިކްޓާ ކްލައެސަން އެވެ. ކުސުލެވްސްކީ އަކީ މިދިޔަ 12 އަހަރު ތެރޭ ޔޫރޯގެ އެއް މެޗެއްގައި ދެ ގޯލު ޖަަހަން ފުރުސަތު ތަނަވަސްކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭނާ ރެކޯޑް ހެދީ އުމުރުން 21 އަހަރާއި 59 ދުވަހުގަ އެވެ. ކުރިން އެ ރެކޯޑް އޮތީ 2008 ވަނަ އަހަރު ސްޕެއިނަށް ކުޅުނު ސެސްކް ފަބްރެގަސް އަތުގަ އެވެ. އޭނާ ރެކޯޑް ހެދިއިރު އުމުރަކީ 21 އަހަރާއި 53 ދުވަހެވެ.