ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ ފެރަން ޓޮރޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ސެވިލް، ސްޕެއިން (ޖޫން 23) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕެއިނުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން 5-0 އިން ސްލޮވާކިއާ އަތުން މޮޅުވެ، މުބާރާުތުގެ ދެ ވަނަ ބުުރުން ފުރުސަތު ހޯދައިފި އެެވެ.
ޔޫރަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ސްޕެއިން އިން މިރޭގެ ކުރިން މި މުބާރާތުގައި ކުޅުނު 42 މެޗުގައި ވެސް ފަސް ގޯލުން މޮޅުވެފައިނުވެ އެވެ. އެހެންކަމުން މިރޭގެ މެޗަކީ ސްޕެއިނަށް ރެކޯޑް މޮޅެކެވެ. ސްޕެއިނުން އެންމެ ފަހުން ބޮޑު މުބާރާތެއްގައި ހަތަރު ގޯލު ޖެހީ 2012 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި އިޓަލީއާ ދެކޮޅަށެވެ.
މި މެޗުގެ ކުރިން ސްޕެއިން މި މުބާރާތުގައި ކުޅުނު ދެ މެޗުން ވަނި ސްވިޑެން އާއި ޕޮލެންޑާ އެއްވަރުވެފަ އެވެ. އެހެންވެ، މިރޭގެ މެޗަށް ނުކުތްއިރު، ސްޕެއިނަށް އޮތީ މޮޅުވުން މަޖުބޫރުވެފަ އެވެ. ސްޕެއިން ދެ ވަނަ ބުުރުގައި ކުޅޭނީ ކްރޮއޭޝިއާއާ އެވެ.
ސްޕެއިން އަނެއް ބުރަށް ދިޔައީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެއް ވަނަ ލިބުނީ މިރޭ 3-2 އިން ޕޮލެންޑް ބަލިކުރި ސްވިޑެން އަށެވެ. ސްވިޑެން ވަނީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. ސްޕެއިނަށް ތިން މެޗުން ލިބުނީ ފަސް ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔަ ސްލޮވާކިއާ އަށް ލިބުނީ ތިން މެޗުން ތިން ޕޮއިންޓެވެ. އަދި އެންމެ ފުލަށް ދިޔަ ޕޮލެންޑަށް ތިން މެޗުން ލިބުނީ ޕޮއިންޓެކެވެ.
ސްޕެއިން އިިން މިރޭގެ މެޗަށް ނުކުތީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. ކެޕްޓަން ސާޖިއޯ ބުސެކްޓްސް، ސެޒާ އަޒްޕިލިކުއޭޓާ، ޕަބްލޯ ސަރާބިއާ އަދި އެރިކް ގާސިއާ ވަނީ ފުރަތަމަ އެގާރަ އިން ފުރުސަތު ދީފަ އެވެ.
މެޗުގެ ކުރީކޮޅުގައި ސްޕެއިނަށް ލީޑުނަގައިދޭން ރަނުގެ ފުރުސަތެއް އަލްވާރޯ މޮރާޓާ އަށް ލިބުނެވެ. މެޗުގެ 12 ވަނަ މިނިޓްގައި މޮރާޓާ ފޮނުވާލި ޕެނަލްޓީ ސްލޮވާކިއާގެ ކީޕަރު މާޓިން ޑުބްރާވްކާ ވަނީ މަތަކޮށްފަ އެވެ. މިއީ ސްޕެއިނުގެ ކޯކޭ އަށް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ދިން ޕެނަލްޓީ އެކެެވެ.
ސްޕެއިނުން އެންމެ ފަހުން ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޖެރާޑް މޮރޭނޯ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެެވެ. އެހެން ކަމުން މިއީ ޖެހިޖެހިގެން ސްޕެއިން އަތުން ބޮޑު މުބާރާތެއްގައި ޕެނަލްޓީ ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ.
ފުލުފުލުގައި އެޓޭކް ކުރަމުންދިޔަ ސްޕެއިނަށް ލީޑުނަގައިދޭން ސަރާބިއާ އާއި ޕެޑްރީ ގޮންޒާލޭޒަށް ރަނގަޅަށް ބޭނުމެއް ނުހިފުނީ ބޯޅަ ފައިގައި ލައްވާލާ ގޮތެއްނުވީމަ އެވެ. އޭގެ ފަހުން މޮރާޓާ ޖެހި ބޯޅައެއް ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފަ އެވެ.
ސްޕެއިންގެ ލަޕޯޓް (ވ) އާއި ކޯކޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ސްޕެއިނުން ލީޑުނެގީ މެޗުގެ 30 ވަަަނަ މިނިޓްގައި ޑުބްރާވްކާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ސަރާބިއާ އޭރިއާ ބޭރުން ޖެހި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި މަތިން އައި ވަގުތު އެ ބޯޅަ ބޭރު ކޮށްލަން ޑުބްރާވްކާ އަތުން ޕަންޗް ކޮށްލި ބޯޅަ ވަނީ ބައިކޮޅަށެެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ފެނުނު ހަތް ވަނަ ބައިގޯލެވެ. އެންމެ ފަހުން ބޭއްވި ހަތަރު ޔޫރޯ ފުޓްބޯޅަ މުބާރާތް އެއްކޮށްލައިގެން ވަން ބައި ގޯލު ތަކަށް ވުރެ މި ފަހަރުގެ މުބާރާތުގައި ބައިކޮޅަށް ވަން ގޯލުތައް މިހާތަނަށް ވެސް ގިނަ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސްޕެއިންގެ ދެ ވަަނަ ގޯލު ޖެހީ އައިމެރިކް ލަޕޯޓް އެވެ. މި ފަހަރުގެ ޔޫރޯއާ ދިމާކޮށް ސްޕެއިން އަށް ރަށްވެހިކަން ބަދަލުކުރި ލަޕޯޓް މި ގޯލު ޖެހީ ޖެރާޑް މޮރޭނޯ ނަގައިިދިން ހުރަހަކުން ބޮލުންނެވެ. ލަޕޯޓް، ސްޕެއިން އަށް ކުޅެން ނިންމީ ފްރާންސުން އޭނާ އަށް ފުރުސަތު ނުދޭތީ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 10 މިނިޓް ތެރޭ ސްޕެއިންގެ ތިން ވަނަ ލަނޑު ޖެހީ ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުން ސަރާބިއާ އެެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ދެ ވަނަ ގޯލެވެ.
ކުޅެންއެރިތާ 44 ސިކުންތުގެ ތެރޭގައި ފެރަން ޓޮރޭޒް ވަނީ ސްޕެއިނުގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 66 ވަނަ މިނިޓްގައި ކޯނަރަކުން އަވަހަށް ކުޅުނު ބޯޅައެއްގައި ސަރާބިއާ ހުރަސްކޮށްލި ބޯޅަ ޓޮރޭޒް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން މެޗުގެ 71 ވަނަ މިނިޓްގައި ސްޕެއިނުން ފަސް ވަނަ ގޯލެއް ޖެހި އެވެ. ބަދަލު ކުުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިފެންޑަރު ޕައު ޓޮރޭޒް ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ސްލޮވާކިއާގެ ކުރިއަށް ކުޅޭ ޖޫރަޖް ކުޗްކާ ފައިގައި ޖެހިފައި ބައިކޮޅަށެވެ.
މިއީ ސްޕެއިނުގައި ކުޅުނު މެޗުތަކުން އެ ޓީމު އަތުން ސްލޮވާކިއާ ބަލިވި ހަތަރު ވަނަ ފަހަރެވެ. އަދި އެންމެ ފަހުން ސްލޮވާކިއާ އިން ބޮޑު މުބާރާތެއްގައި ވާދަކުރި ތިން ފަހަރުގެ ތެރެއިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment