23 ޖޫން 2021 - 10:38 0
ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ: އޭނާ އަށް އޮތް ޗެލެންޖް ބޮޑު.
23 ޖޫން 2021 - 10:38 0
ސެވިލް، ސްޕެއިން (ޖޫން 23) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަަނަ ބުުރުން ފުރުސަތު ހޯދަން މޮޅުވުން މަޖުބޫރު މެޗަކަށް ސްޕެއިން ނުކުންނައިރު، އިދިކޮޅަށް ކުޅޭ ސްލޮވާކިއާ އިން ޑިފެންސިވްކޮށް ކުޅެ މެޗު އެއްވަރުުކުރަން މަސައްކަތް ކޮށްފާނެ ކަމަށް ބުނެ ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސްޕެއިނުން ކުޅޭ ޕާސިން ފުޓްބޯޅަ ހުއްޓުވައި އެ ޓީމު އެޓޭކް ކުރިޔަނުދޭން އިދިކޮޅު ޓީމުތަކުން ބޭނުންކުރާ އުކުޅަކީ ފަހަތަށް ފައިބައި ހުރިހާ ކުޅުންތެރިން އެކުވެގެން ތިބެ ޑިފެންސްކުރުމެވެ. އެންރީކޭ ދެކޭ ގޮތުގައި މިރޭ ސްލޮވާކިއާ އިން ސްޕެއިނާ ދެކޮޅަށް ކުޅޭނީ އެ ގޮތަށެެވެ.
ގްރޫޕް އީގެ އެއް ވަނައިގައި ސްވިޑެން އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްލޮވާކިއާ އަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެެވެ. ސްޕެއިން ތިން ވަނައިގައި އޮތީ ދެ މެޗުން ދެ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ޕޮލެންޑަށް ވަނީ ދެ މެޗުން ޕޮއިންޓެއް ލިބިފަ އެވެ.
ޔޫރޯގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ސްޕެއިން 2004 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މުބާރާތުން ކެޓުމުގެ ފުރުސަތު އޮތްއިރު، އެ ޓީމަށް މި ފަހަރުގެ މުބާރާތުގެ އަނެއް ބުރުން ފުރުސަތު ލިބެން އޮތީ މިރޭ ސްލޮވާކިއާ އަތުން މޮޅުވެގެންނެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންރީކޭ ބުނީ ސްލޮވާކިއާ އިން ފަހަތަށް ޖެހިގެން ކުޅޭނެ ކަން އޭނާ އަށް ޔަގީން ކަމަށެވެ.
"އެ މީހުން ކުޅޭނީ ޑިފެންސްކޮށްގެން އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން. މެޗު އެއްވަރު ކޮށްލައިގެން އެ މީހުންނަށް (ސްލޮވާކިއާ) އަށް އަނެއް ބުރަށް ދެވޭނެކަން އެ އޮތީ ފެންނަން. އަހަރެމެންގެ ކޮންޓްރޯލްގައި އޮތް ކަމަކީ ވީ އެންމެ އަވަހަކަށް ގޯލެއް ޖެހުން. އެއީ ލަނޑެއް ނުޖެހި ހޭދަވާ ކޮންމެ ވަގުތެއް އަހަރެމެންނަށް ދާނީ އުނދަގޫވަމުން،" އެންރީކޭ ބުންޏެވެ.
އަމިއްލަ ގައުމުގައި މިހާތަނަށް ސްލޮވާކިއާއާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް ސްޕެއިން ވަނީ މޮޅުވެފަ އެވެ. އެންރީކޭ ބުނީ މި މެޗަށް ނުކުންނައިރު، ސްޕެއިން އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަމަކީ ލަނޑު ނުޖެހުމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކަމަށެވެ. ސްޕެއިނުން ކުޅުނު ދެ މެޗުގައި ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަަވަސްކުރި ނަމަވެސް ޖެހުނީ އެންމެ ގޯލެކެވެ.
"ޔަގީނުން ވެސް އަހަރެމެން ގޯލު ނުޖެހުމުގެ މައްސަލަ އަށް ހައްލެއް އެބަ ބޭނުންވޭ. އެއީ އަހަރެމެން އެބަޖެހޭ މި ހުރިހާ ފުރުސަތެއް ނަގާނުލައި ރަނގަޅަށް ބޭނުން ހިފަން،" އެންރީކޭ ބުންޏެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސްޕެއިނުން މިރޭގެ މެޗަށް ހަ ވަރަކަށް ބަދަލު ފުރަތަމަ އެގާރަ އަށް ގެނައުމުގެ ފުރުސަތު ބޮޑެވެ. އޭގެތެރެއިން އެއް ބަދަލަކީ ކޮވިޑް-19 އިން ރަނގަޅު ވެގެން ޓީމަށް އެނބުރި އައި ކެޕްޓަން ސާޖިއޯ ބުސްކެޓްސް އެވެ.
ސްޕެއިން އިން ފުރަތަމަ ދެ މެޗުން އެއްވަރުވެފައި ވާއިރު، ޔޫރޯ ތާރީހުގައި ގްރޫޕް ސްޓޭޖުގެ ތިން މެޗުން އެއްވަރުވެގެން އަނެއް ބުރަށް ދިޔަ ހަަމައެކަނި ޓީމަކީ 2016 ވަނަ އަހަރު ޕޯޗުގަލް އެވެ. ޕޯޗުގަލް ވަނީ އެ ފަަހަރު އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން އަނެއް ބުރުން ފުރުސަތު ހޯދައި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ފުރަތަމަ ދެ މެޗުން ސްޕެއިނަށް މޮޅެއް ލިބިފައި ނެތް ކަމުގައި ވިޔަސް ސްލޮވާކިއާގެ ކޯޗު ސްޓެފަން ޓާކޮވިޗް ދެކޭގޮތުގައި ސްޕެއިނަަކީ އަދިވެސް ފޭވަރިޓެކެވެ. މި މެޗަށް ބަލާއިރު ވެސް ސްލޮވާކިއާ އަތުން ސްޕެއިން މޮޅުވުމުގެ ފުރުސަތު ބޮޑު ކަމަށް ޓާކޮވިޗް ވަނީ ބުނެފަ އެވެ.
ސްލޮވާކިއާގެ ކޯޗު ޓާކޮވިޗް އެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.
"ސްޕެއިން ފޭވަރިޓެކޭ ބުނަން ޖެހޭ ސަބަބަކީ އެ ޓީމުގައި ތިބީ ކޮލިޓީ ޕްލޭޔަރުން. އެ މީހުންނަކީ ކޮންމެ ވަގުތެއްގައި ވެސް ތަފާތު ދައްކާނެ ކުޅުންތެރިން. އަހަރެމެން މި މެޗުގައި ނަތީޖާއެއް ނެރޭނަމަ ނަސީބުގެ އެހީ ބޭނުންވާނެ،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓާކޮވިޗް ބުންޏެވެ.
ސްޕެއިނުގެ ކޯޗު އެންރީކޭ ފާހަގަކުރި ގޮތަށް ޓާކޮވިޗްގެ ނަޒަރުގައި ވެސް މި ވަގުތު ސްޕެއިނުގެ އެންމެ ބޮޑު މައްސަލަ އަކީ ލަނޑު ނުޖެހުމެވެ. އަދި ގޯލު ޖަހަން ލިބޭ ގިނަ ފުރުުސަތުތައް ގެއްލިފައި ހުރުމަކީ ސްޕެއިން ކުުޅުންތެރިންނަށް އަސަރުކޮށްފައިވާ ކަމެއްގެ ގޮތުގައި ޓާކޮވިޗް ގަބޫލުކުރެ އެވެ.
"އެ މީހުންނަށް (ސްޕެއިނަށް) ޕްރެޝަރު ބޮޑުވާ އެންމެ ބޮޑު ސަބަބަކީ އެ މީހުންނަށް ގޯލު ނުޖެހޭތީ. އެކަން ބަދަލުކުރަން ސްޕެއިނުން ނުކުންނާނީ އަހަރެމެންނާ ދެކޮޅަށް. މިއީ އެންމެ ބޮޑަށް ސަމާލުވާން ޖެހޭ ކަންތައް،" ޓާކޮވިޗް ބުންޏެވެ.
ސްލޮވާކިއާ އިން އެންމެ ފަހުން ވާދަކުރި ބޮޑު ދެ މުބާރާތުގައި ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ބަލިވެފައިނުވެ އެެވެ. އެ ގޮތުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ސްލޮވާކިއާ އިން ވަނީ އިޓަލީ 3-2 އިން ބަލިކޮށްފަ އެވެ. އަދި 2016 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖު ފަހު މެޗުން ސްލޮވާކިއާ ވަނީ އިންގްލެންޑާ 0-0 އިން އެއްވަރުކޮށްފަ އެވެ. އެ ދެ ފަހަރު ވެސް ސްލޮވާކިއާ ވަނީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސްފަ އެވެ.
ސްޕެއިނާއި ސްލޮވާކިއާ މިރޭ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ. ހަމަ އެ ވަގުތު މި ގްރޫޕްގެ އަނެއް މެޗުގައި ސްވިޑެން އާއި ޕޮލެންޑް ބައްދަލުކުރާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment