Advertisement

ތަށްޓެއް ނުލިބުނަސް ސްވިޑެން މެޗަކީ ޕޮލެންޑަށް ފައިނަލެއް

23 ޖޫން 2021 - 08:33 0

ޕޮލެންޑްގެ ކޯޗު ސޯސާ: އޭނާ ދެކެނީ ސްވިޑެން މެޗަކީ ފައިނަލެއްގެ ގޮތުގައި.


ތަށްޓެއް ނުލިބުނަސް ސްވިޑެން މެޗަކީ ޕޮލެންޑަށް ފައިނަލެއް

23 ޖޫން 2021 - 08:33 0

ސެއިން ޕީޓާސްބާގް (ޖޫން 23) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗަކީ ޕޮލެންޑަށް ފައިނަލެއް ކަމަށާާއި ކުޅުންތެރިންނަށް އެކަން ވަކިން ވިސްނައިދޭން ޖެހޭނެ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް އެ ޓީމުގެ ކޯޗު ޕައޮލޯ ސޯސާ ބުނެފި އެވެ.

ގްރޫޕް އީގެ އެއް ވަނައިގައި ސްވިޑެން އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްލޮވާކިއާ އަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެެވެ. ސްޕެއިން ތިން ވަނައިގައި އޮތީ ދެ މެޗުން ދެ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ޕޮލެންޑަށް ވަނީ ދެ މެޗުން ޕޮއިންޓެއް ލިބިފަ އެވެ.

ޕޮލެންޑަށް އަނެއް ބުރުގެ ފުރުސަތު ލިބޭނެ ހަމައެކަނި ގޮތަކީ މިރޭގެ މެޗުން މޮޅުވުމެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޯސާ ބުނީ މިއީ ޕޮލެންޑް މޮޅުވިޔަސް ޓްރޮފީ އެއް ލިބޭނެ މެޗެއް ނޫން ކަމަށާއި އެކަަމަކު ކުޅުންތެރިންގެ ވިސްނުން ބަހައްޓަން ޖެހޭނީ ފައިނަލެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަން ކުޅުންތެރިން ވެސް ގަބޫލުކުރާނެ ކަމަށް ސޯސާ ވަނީ ބުނެފަ އެވެ.

"މޮޅުވިޔަސް ޓްރޮފީއެއް ނުލިބިދާނެ. އެކަމަކު ޔަގީނުން ވެސް މިއީ އަހަރެމެންނަށް ފައިނަލެއް. އަހަރެމެން ތައްޔާރުވާން ޖެހޭނީ ވެސް ފައިނަލެއްގެ ވިސްނުމުގައި. އަހަރެމެން ބޭނުމީ މި މެންޓަލިޓީ (ވިސްނުމުގައި) މެޗަށް ތައްޔާރުވާން. އެ ނޫން ވަކި ގޮތަކަށް ވިސްނުން ބައްޓަން ކޮށްގެން ބޭނުންވާ ކަމެއް ހާސިލް ނުވެދާނެ،" ސޯސާ ބުންޏެވެ.

ސްވިޑެންއާ ދެކޮޅަށް ޕޮލެންޑްގެ ރެކޯޑް ދަށެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެެއިން ނުވަ މެޗުން މޮޅުވީ ސްވިޑެން އެވެ. އެކަަމަކު ބައިނަލްއަގުވާމީ މުބާރާތެއްގައި މި ދެ ޓީމު ކުޅުނު މެޗުން މޮޅުވީ ޕޮލެންޑް އެވެ. އެއީ 1974 ވަނަ އަހަރު ފީފާ ވޯލްޑް ކަޕްގެ ދެ ވަނަ ބުުރުގަ އެވެ.

މިދިޔަ ޖެނުއަރީ މަހު ޕޮލެންޑާ ހަވާލުވި ސޯސާ ބުނީ ރެކޯޑް ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް އޭނާ ބޭނުންވަނީ މެޗު ކުޅޭ ރަޝިއާގެ ސްޓޭޑިއަމަށް ވަންނަ ޕޮލެންޑްގެ ސަޕޯޓަރުންނާއި ޕޮލެންޑްގައި ތިބި ސަޕޯޓަރުންގެ އެހީގައި މި މެޗުން މޮޅުވުމަށެވެ.

އެކަމަކު އެކަން ކުރަން ބަލާއިރު އެންމެ ފަހުން ސްޕެއިނާ އެއްވަރުވި މެޗަށް ފަހު ރިކަވަރީ އަށް ލިބުނީ 30 ވަރަކަށް ގަޑިއިރު ކަމަށާއި އޭގެ އުނދަގޫތަކެއް ހުރެދާނެ ކަމަށް ގަބޫލުކުރާ ކަމަށް ސޯސާ ވަނީ ބުނެފަ އެވެ.

"ރިވަރަކީގެ މައްސަލަތައް އެބަހުރި. އެކަމަކު އެއީ ޝަކުވާއެއްގެ ގޮތުގައި އަހަރެމެން ދައްކާނެ ވާހަކައެއް ނޫން،" ސޯސާ ބުންޏެވެ.

އެންމެ ފަހުން ޕޮލެންޑް ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ މި އަހަރު މާޗް މަހު އެންޑޯރާ އަތުން 3-0 އިން މޮޅުވި މެޗެވެ.

ސްވިޑެންގެ އަމާޒު ގްރޫޕްގެ އެއް ވަނަ އަށް

މި މެޗަށް ނުކުތުމުގެ ކުރިން ވެސް ސްވިޑެން އަށް ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ކަށަަވަރުވެފަ އެވެ. އެއީ ފުރަަތަމަ ތިން ގްރޫޕްގެ މެޗުތައް ނިމުނުއިރު، އެ ގްރޫޕްތަކުގެ ތިން ވަނަ އަށް ނިންމި ޓީމުތަކަށް ވުރެ ސްވިޑެން އަށް ޕޮއިންޓް އިތުރަށް ލިބިފައިވުމާ އެކު އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ސްވިޑެން އަނެއް ބުރަށް ހޮވޭތީ އެވެ.

ސްވިޑެންގެ މެޗެއްގެ ތެރެއިން ކޯޗު އެންޑަސަން.


އެކަމަކު ސްވިޑެންގެ ކޯޗު ޖޭން އެންޑަސަން ތިން ވަނައިގެ ގޮތުގައި އަނެއް ބުރަށް ދާން ބޭނުމެއް ނުވެ އެވެ. އޭނާގެ ވިސްނުން ހުރީ އަނެއް ބުރުގެ ޖާގަ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ކަށަވަރު ކުރުމަށެވެ. އެއީ ދެން އޮތް ބުރުގައި ފަސޭހަ މެޗެއް ކުޅެން ބޭނުންވާތީ އެއް ނޫން ކަމަށާއި އެއީ ކޮންފިޑެންސަށް ރަނގަޅަކަށް ބޭނުންވާ ކަމެއް ކަމަށް އެންޑަަސަން ވަނީ ބުނެފަ އެވެ.

"އަހަރެން ބޭނުމީ މޮޅުވެގެން ގްރޫޕްގެ އެއް ވަނަ އަށް ދާން. އެ ހިސާބުން ދެން ޖެހޭ ޓީމަކާ މެދު ވިސްނަންވީ. މި މެޗުން ބަލިވެގެން ތިން ވަނަ ޓީމުގެ ގޮތުގައި ގޮސްގެން ދެން ވާނެ ގޮތެއް ބަލައިގެން ކަންކަން ކުރަން ނެތިން. އަހަރެންގެ ނަޒަރުގައި އަންނަ ބުރުގައި އޮންނަ 16 ޓީމު ވެސް ވަރުގަދަ ވާނެ،" އެންޑަސަން ބުންޏެވެ.

ސްވިޑެން އަށް މިހާރު ޝެޑިއުލް އޮތް ގޮތުން އެންމެ ރަނގަޅުވާނީ ވެސް ގްރޫޕްގެ އެއް ވަނަ ހޯދުން ކަމަށް އެންޑަސަން ވަނީ ބުނެފަ އެވެ. އެއީ ދެ މެޗުގެ މެދުތެެރެއިން އެކަށީގެންވާ ވަގުތެއް ރިކަވަރީ އަށް ލިބެން އޮތީ ވެސް ގްރޫޕްގެ އެއް ވަަނަ ހޯދައިގެން ކަން އެންޑަސަން ވަނީ ފާހަގަކޮށްފަ އެވެ.

އެންޑަސަން ބުނީ ސްޕެއިނާ ދެކޮޅަށް ޕޮލެންޑުން ދެއްކި ކުޅުމަށް ބަލާއިރު މިއީ ސްވިޑެން އަށް ފަސޭހަވާނެ މެޗެއް ނޫން ކަމަށާއި މީގެ އެންމެ މުހިއްމު ކަމަކަށް ބަލަން ޖެހޭނީ ޕޮލެންޑް ނުކުންނާނީ ފައިނަލެއްގެ ރޫހުގައި ކަމަށްވާތީ އެވެ.

"އެ ޓީމުން ނުކުންނާނީ ކޮންމެ ގޮތެއް ހަދާފައި ވެސް މޮޅުވާން. އެކަން ކުރެވޭނެ ކުޅުންތެރިން އެ ޓީމުގައި އެބަތިބި. ސުވާލަކީ އެ ކުޅުންތެރިން ހުއްޓުވާފައި އަހަރެމެންނަށް މޮޅުވެވިދާނެތޯ،" އެންޑަސަން ބުންޏެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ސްވިޑެން ކޮޅަށް ގޯލެއް ނުވަދެ އެވެ. އެ ޓީމު ކޮޅަށް ގޯލެއް ނުވައްދައި އެންމެ ފަހުން ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖު ނިންމާލި ފަހަރަކީ 1974 ވަަނަ އަހަރުގެ ވޯލްޑް ކަޕް އެވެ.

ސްވިޑެން އާއި ޕޮލެންޑްގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ. ހަމަ އެ ވަގުތު މި ގްރޫޕްގެ އަނެއް މެޗުގައި ސްޕެއިނާއި ސްލޮވާކިއާ ބައްދަލުކުރާނެ އެވެ.