Advertisement

އިރުއޮއްސި 6:00 އަށް ކާފިއު ލުއިކޮށް، ޖިމްތައް ހުޅުވަން ހުއްދަ ދީފި

22 ޖޫން 2021 - 22:14 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކާފިއު ގަޑީގައި ސިނަމާލެ ބްރިޖު ސަރަހައްދުގައި ފުލުހަކު ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


އިރުއޮއްސި 6:00 އަށް ކާފިއު ލުއިކޮށް، ޖިމްތައް ހުޅުވަން ހުއްދަ ދީފި

22 ޖޫން 2021 - 22:14 0

ކޮވިޑުގެ ހާލަތު މާލޭ ސަރަހައްދަށް އެޅި ފިޔަވަޅުތައް އިތުރަށް ލުއި ކުރުމުގެ ގޮތުން ކާފިއުގެ ވަގުތު އިރުއޮއްސި 6:00 އާ ހަމައަށް ކުރުކޮށްފި އެވެ.

މިހާރު މާލޭ ސަރަހައްދުގައި ކާފިއު ހިންގަނީ ހަވީރު 4:00 ން ފެށިގެން ފަތިހު 4:00 އާ ހަމައަށެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ކޮވިޑުގެ ނަންބަރުތައް މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ހިންގާނީ އިރުއޮއްސި 6:00 އިން ފެށިގެން ފަތިހު 4:00 އަށް ކަމަށެވެ.

ފިޔަވަަޅުތައް އެޅިއިރު މި ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ އަދަދުތައް 20،000 އިން މަތީގައި ހުރި ނަމަވެސް މިހާރު މި ބަލިން ފަރުވާ ހޯމަދުންދާ މީހުންގެ އަދަދުތައް ވަނީ 4,500 އަށް ތިރިވެފަ އެވެ.

އަދަދުތައް ދަށްވާން ފެށުމާއެކު އެންމެ ފުރަތަމަ ލުއި ދިނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އޭރު 16 ގަޑިއިރަށް ހިންގަމުން އައި ކާފިއު، 12 ގަޑިއިރަށް ކުރުކޮށް، އެކަނި ކަސްރަތު ކުރަން ވެސް ލުއި ދިނެވެ.

އެގޮތުން، ފަތިހު 4:00 ން ފެށިގެން ހެނދުނު 8:00 އާ ހަމައަށް އެކަނި ކަސްރަތު ކުރުމަށް ހުއްދައަކާ ނުލާ ނުކުމެވޭ ގޮތަށް ދިން ލުޔަށް މިފަހަރު ބަދަލެއް ނުގެނެ އެވެ.

މީގެ އިތުރުން، ޖިމްތައް ހުޅުވަން ވެސް ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން، ހުއްދަ ދެވޭނީ ސެލޫންތަކެކޭ އެއް ފަދައިން އެޗްޕީއޭގެ ފިޔަވަޅުތަކަށް ތަބާވެވޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމުން ކަމަށް މަބްރޫކު ވިދާޅުވި އެވެ.

ޖިމްތައް ހުޅުވޭނީ ފަތިހު 5:00 އިން އިރުއޮއްސި 6:00 އާ ހަމައަށެވެ.

ދެން އަތޮޅު ތެރޭގައި ކައުންސިލާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ލުއި ދީފައިވަނީ މިސްކިތްތަކަށް އަޅާފައިވާ ފިޔަވަޅަށް އެކަންޏެވެ. އެގޮތުން މިސްކިތްތަކުގައި އެކަނި ނަމާދު ކުރެވޭ ގޮތަށް މިސްކިތްތައް ހުޅުވާލުމަށް ނިންމާފައިވާ ނިންމުން ދެމި އޮންނާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

އަދި މީގެ ތިން ހަފުތާ ކުރިން އަޅާފައިވާ އެހެން ފިޔަވަޅުތައް އެ އޮތް ގޮތަށް ދެމި އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ކާފިއު ގަޑީގައި އަދިވެސް ފާސް ބޭނުންވާނެ

ކާފިއު ހިންގާ ވަގުތު ނުވަ ގަޑިއިރަށް ކުރު ކުރި ނަމަވެސް، ކާފިއު ނޫން ވަގުތުތަކުގައި އަދިވެސް ބޭރަށް ނުކުމެވޭނީ ފާސް އޮންނަ ފަރާތްތަކަށް އެކަންޏެވެ.

އެގޮތުން، ދެ ދަންފަޅިއަކަށް ބަހާލައިގެން ކޮންމެ ގޭބީސީއަކަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ދެ ފާސް ދޫކުރެ އެވެ.

ކާފިއުގެ ގަޑިއަށް ގެނައި ބަދަލާއެކު، މިހާރު މެންދުރު 12:00 އިން ހަވީރު 4:00 ގެ ދަންފަޅިއަށް ދޫކޮށްފައިވާ ފާހުގައި އިރުއޮއްސި 6:00 އާ ހަމައަށް ބޭނުންކުރެވޭނެ ކަމަށާއި އިތުރު ފާހެއް ނަގަން ނުޖެހޭނެ ކަމަށް ފުލުހުންނާ ހަވާލާދީ މަބްރޫކު ވިދާޅުވި އެވެ.

އެ ފާސް ލިބޭ ފަރާތްތަކަށް ފައި މަގުގައި ވެސް އަދި އެއްގަމު އުޅަނދުގައި ވެސް ބޭރުގައި އުޅެވޭނެ އެވެ.

ކާފިއު ގަޑީގައި މާދަމާއިން ފެށިގެން ވެސް އެއްވެސް މީހަކަށް ބޭރަށް ނުކުމެވޭނީ ހާއްސަ ހާލަތެއްގައި ފުލުހުން އެ ހުއްދަ ދީފިނަމަ އެވެ.

ލުއި ނުދޭ ފިޔަވަޅުތައް

  • ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދު.
  • އަމިއްލަ އޮފީސްތައް ހުޅުވޭނީ އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ އޮވެގެން.
  • ކުޅިވަރު ދަނޑުތަކާއި ސިނަމާތައް ބަންދު.
  • ކެފޭ/ރެސްޓޯރަންޓުތަކުގެ އެތެރޭގައި ތިބެގެން ކެއުން މަނާ.
  • ކާފިއު ގަޑީގައި ކެފޭ/ރެސްޓޯރަންޓުތަކުން ޓޭކްއަވޭ ހިދުމަތް ދިނުން މަނާ.

މާދަމާއިން ފެށިގެން ކާފިއުގެ ވަގުތު ކުރުކޮށްފައިވަނީ ވިޔަފާރިތަކަށް ލުއި ނުދޭތީ ޝަކުވާތައް ގިނަވެފައިވާ ވަނިކޮށެވެ.

އެގޮތުން، ކާފިއުގެ ގަޑި ކުރު ކުރުމުން ކެފޭ/ރެސްޓޯރަންޓުތަކުން ޓޭކްއަވޭ ހިދުމަތާއި ފިހާރަތަކަށް ވަދެ ވިޔަފާރި ކުރަން ލިބޭ ވަގުތު އިތުރުވުމަކީ އެ ވިޔަފާރިތަކަށް ލިބޭނެ ކޮންމެވެސް މިންވަރެއްގެ ލުޔެކެވެ.

މަބްރޫކު ވިދާޅުވީ މި ލުއި ދިނުމަކީ ވިޔަފާރި ކުރުމަށް އިތުރު ވަގުތެއް ދިނުން ކަމަށެވެ. އޭގެ ސަބަބުން ވިޔަފާރިތަކަށް ވިޔަފާރުކުރަން އިތުރު ފުރުސަތެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.