Advertisement

މަރާލި ކުއްޖާއަކީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ކުއްޖެއް: ޖެންޑާ

22 ޖޫން 2021 - 17:21 4

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ސްޓޭޓް މިނިސްޓަރު ޔުމްނާ: މަރާލި ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ކުއްޖެއް -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


މަރާލި ކުއްޖާއަކީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ކުއްޖެއް: ޖެންޑާ

22 ޖޫން 2021 - 17:21 4

ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ހުޅުމާލޭގެ މޫދުން ފެނުނު 13 އަހަރުގެ ކުއްޖާއަކީ ދައުލަތުން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މައުލޫމާތު ދެމުން، އެ މިނިސްޓްރީގެ ދަށުން ހިންގާ ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގައި އިސްކޮށް ހުންނަވާ ސްޓޭޓް މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ އެ ކުއްޖާގެ މަންމަ އާ ގުޅިގެން ޖެންޑާއިން ދިޔައީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

"އެ ކޭސްގެ ތެރެއިން ކުރެވުނު މަސައްކަތުގައި އެ ކުއްޖާއަކީ ތައުލީމު އުގެނުމުގެ ގާބިލުކަން ހުރި ކުއްޖެއްކަން ޓީޗަރުންނަށް ވެސް ފާހަގަކުރެވިފައިވޭ،" ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވި ގޮތުގައި އެ ހާދިސާއަށްފަހު އާއިލާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

އެ ހާދިސާއާ ގުޅިގެން އެކި ގޮތްގޮތަށް އެކި ވާހަކަތަކާއި ހަބަރުތައް ފަތުރަމުންދާއިރު، އެ ކުއްޖާގެ ކަރާމާތަށާއި އާއިލާގެ ނަފްސާނީ ހާލަތާ މެދު ވިސްނުމަށް ޔުމްނާ އިލްތިމާސްކުރެއްވި އެވެ.

އަދި އެއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމުގެ ގާނޫނުން ވެސް މަނާކޮށްފައިވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އެ ހާދިސާ ހާއްސަ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރެވެމުންދާ ކަމަށާއި، މިހާރު ވެސް އެ ތަހުގީގަށް ބޮޑެތި ކުރިއެރުންތައް ހޯދިފައިވާ ކަމަށެވެ.

އެގޮތުން، އެ މައްސަލައިގައި މިހާތަނަށް 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޑިޕާޓުމަންޓުގެ ހެޑު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ވަނުން މަނާ ސަރަހައްދުގައި ކުޑަކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމަށް އާއްމު މީހެއްގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުން އެ ސަރަހައްދު ބަލަން ފެށި ކަމަށެވެ.

"އެ ސަރަހައްދު ހޯދަމުން ދިޔަ އިރު ހުޅުމާލޭ އިރު އުތުރު ފަރާތުންގެ މޫދުގައި އޮތް ފޮއްޓެއްގެ ތެރެއިން ގެއްލިގެން ހޯދާ ކުއްޖާގެ ހަށިގަނޑު ވަނީ ފެނިފައި،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލައިގައި ހޯދަންޖެހޭ އިތުރު ހެއްކާއި ގަރީނާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އޮތް ނަމަ، އެކަން ލަސްނުކޮށް ހިއްސާކޮށް ދިނުމަށް އެދިވަޑައިގެންނެވި އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހާއަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންކަން "އަދަދު"އަށް ވަނީ ކަށަވަރުވެފަ އެވެ.

ޒިހާންއަކީ އެނގިފައިވާ ގޮތުގައި އެކި ކުށްތަކުގެ ރެކޯޑު އޮންނަ މީހެކެވެ. ވަރަށް ފަހުން ވެސް މައްސަލައެއްގެ ތުހުމަތަށް އޭނާ ހައްޔަރުކޮށް ޖަލަށްލާފައިވާ ކަން އެނގިފައިވެ އެވެ.

މަރާލާފައި މޫދުގައި އޮއްވާ ފެނުނުއިރު އެ ކުއްޖާގެ ހަށިގަނޑުގައި އަނިޔާކޮށްފައިވާ ކަމާއި ކަރުގައި ވެސް އެއްޗެއް ބާރަށް ބައްދާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަން އެނގިފައިވެ އެވެ. އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖެ އިން ބޭރަށް މިއަދު ގެންދަން ވަނީ ނިންމައިފަ އެވެ.