Advertisement

ރެސްޓޯރަންޓްތަކުގެ އާދޭސް: ދޮޅު އަހަރަށް ބިލްތައް ފަސްކޮށްދީ

22 ޖޫން 2021 - 12:49 1

އަމަން ހަލީމް

އަމަން ހަލީމް

ހެންވޭރުގައި ހުންނަ މަގުކޮޅު ހޮޓާ: ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރި ވިޔަފާރިތަކުގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިތައް ގިނަ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ރެސްޓޯރަންޓްތަކުގެ އާދޭސް: ދޮޅު އަހަރަށް ބިލްތައް ފަސްކޮށްދީ

22 ޖޫން 2021 - 12:49 1

ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާތީ ކުއްޔާއި، ޓެކުހާއި، ޔުޓިލިޓީ ބިލްތައް ދެއްކުން ދޮޅު އަހަރަށް ފަސްކޮށްދޭން ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް)އިން ރައީސަށް ހުށައަޅައިފި އެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރޭމްއިން ވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ސިނާއަތަށް ދިމާވެފައިވާ ހާލަތުން އަަރައިގަންނަން ޖަމިއްޔާއިން ބޭނުންވާ ކަންކަމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކޮށްފަ އެވެ. މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމާއި ގުޅޭގޮތުން ރޭމްގެ ރައީސް ހާމިދު އަފީފު "އަދަދު" އަށް ވިދާޅުވި ގޮތުގައި މައިގަނޑު މަޝްވަރާ ކުރީ އެ ޖަމިއްޔާގެ ފަރާތުން "ކެފޭ، ހޮޓާ، ރެސްޓޯރަންޓް ސިނާއަތުގައި ވިޔަފާރި ކުރައްވާ ފަރާތްތަކުގެ އާދޭސް" ކަރުދާހުގައި ހުށައެޅި ކަންކަމުގެ މައްޗަށެވެ.

ރޭމްއިން ހައްލު ބޭނުންވާ 13 ދާއިރާއަކާ ގުޅޭ ކަންކަން ހުށައެޅި

ރޭމްއިން ސަރުކާރަށް 13 ދާއިރާއަކުން ހައްލު ކުރަން ބޭނުންވާ ކަންކަން ހުށައެޅި އެވެ. އޭގެ ތެރޭގައި މިހާރު އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއި ދިނުމާއި، އެޗްޕީއޭގެ ގަވާއިދުތައް އިސްލާހުކުރުމާއި، ޔުޓިލިޓީ ބިލްތަކާއި ޓެކްސް އަދި ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުން އާންމު ހާލަތަށް ރުޖޫއަވާތާ ދޮޅު އަހަރު ފަހުން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމުގެ އިތުރުން މިނިސްޓްރީ އާއި މުއައްސަސާތަކުން ވިޔަފާރިތަކަށް ހިދުމަތް ދޭން ނަގާ ފީތައް ކުޑަކުރުން ހިމެނެ އެވެ.

ރައީސް ސޯލިހު އާއި ރޭމްއިން ބައްދަލުކުރިކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ކުރެއްވި ޓްވީޓް


އަފީފް ވިދާޅުވީ މިއިން ކޮންމެ ހުށައެޅުމަކަށް ރައީސް ސޯލިހުގެ ހިޔާލުފުޅު ދެއްވައި، ރޭމްއިން ހުށައަޅާފައިވާ ކަންކަމާއި ގުޅިގެން ވަޒީރުންނަށާއި މިނިސްޓްރީތަކަށް ކޮށްދެވޭނެ ކަމަކީ ކޮބައިތޯ ވަޒީރުން ގާތު އެއްސެވި ކަމަށެވެ. އަދި ރައީސްގެ ފަރާތުން ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި ކަމަށް ވިދާޅުވި އެވެ.

"ރައީސްގެ ރެސްޕޮންސް ވަރަށް ޕޮޒިޓިވް. ދެން އަޅުގަނޑުމެން ހުށައެޅިން ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓް ސިނާއަތުގެ އާދޭސް ކިޔާ ކަރުދާހެއް. އެ މަނިކުފާނު އޭތި ފެށިގެން ވަކިވަކިން ހުރި ޕޮއިންޓްތަކަށް ދާން ދެން ވަކިވަކިން ކިޔުއްވާ އަމިއްލައަށް ވިދާޅުވެ ވަރަށް އިންޓްރެސްޓާ އެކީ އަޅުގަނޑުމެންގެ ކޮންސާންސްތައް އަޑުއެއްސެވި" އަފީފް ވިދާޅުވި އެވެ.

ރޭމްއިން ބުނީ ކޮވިޑުގައި އެންމެ ގެއްލުން ބޮޑު ވިޔަފާރިތަކުގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިތައް ހިމެނޭއިރު އުއްމީދުކުރަނީ މި މަޝްވަރާތަކުގެ ނަތީޖާ ރަނގަޅު ވާނެ ކަމަށެވެ.

ހައްލު ހޯދައިދީ، އެހެން ނޫނީ މުސްތަގުބަލުގައި ވިޔަފާރިއެއް ނެތް

މި ބައްދަލުވުމުގައި ރޭމްއިން ހުށައެޅި ކަރުދާހުގައި ހުރި މައުލޫމާތުތައް ބުނާ ގޮތުން، ގިނަ ވިޔަފާރިތަކުގެ މާލީ ހާލަތު ހުރި ގޮތުން މުސްތަގުބަލުގައި ވިޔަފާރިތައް ދެމެހެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

ރޭމްއިން ބުނި ގޮތުގައި ގިނަ ވިޔަފާރިތަކުން ކުއްޔަށް ނަގާފައި ހުރި ތަންތަނުގެ ކުލި ނުދެއްކޭތާ ވެސް 15 މަސް ދުވަސް ވެއްޖެ އެވެ. އަދި އަހަރަކަށް ވުރެ ގިނަ ދުވަހުގެ ޓެކްސް އަދި ޕެންޝަން ފައިސާ ނުދެއްކި އެބަހުއްޓެވެ.

މި ވިޔަފާރީގައި ގިނަ އަދަދެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ހަރަކާތްތެރިވަމުން އަންނަ އިރު، މީގެ ތެރެއިން ގިނަ މީހުންނަކީ ލޯން ނަގައިގެން ވިޔަފާރި ކުރަމުން އަންނަ ބަޔެއް ކަމުން މި ހާލަތުގެ ސަބަބުން ބޮޑު ނިކަމެތިކަމަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ރޭމްއިން ހިއްސާކުރި މައުލޫމާތު ބުނާ ގޮތުން ރެސްޓޯރަންޓް ވިޔަފާރިތަކަށް މިހާރު ލިބެނީ ކުރިން ލިބުނު އަދަދުގެ 10 ޕަސެންޓް އާމްދަނީއެކެވެ.

މިއީ އެއްވެސް ބަޔަކަށް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިކުރަން އޮތް ބޮޑު ހުރަހެއް ކަމުން ވީހާ ވެސް އަވަހަކަށް ހައްލު ނެރެދޭން ރޭމްއިން ސަރުކާރަށް ގޮވާލި އެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރެސްޓޯރަންޓްތަކުގައި އެތެރޭގައި ތިބެގެން ހިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ. ހަމައެކަނި ދެވެނީ ޓޭކް އަވޭ އަދި ޑެލިވަރީ ހިދުމަތްތަކެވެ. އެއީ ވެސް ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގަ އެވެ.