Advertisement

ޕަންޑޭވް ރިޓަޔާކުރިއިރު ނެދަލެންޑްސްގެ ހަދިޔާއެއް

21 ޖޫން 2021 - 23:46 0

ނެދަލެންޑްސް އިން ޕަންޑޭވް އަށް ހާއްސަ ޖޯޒީއެއް ހަވާލުކުރަނީ.


ޕަންޑޭވް ރިޓަޔާކުރިއިރު ނެދަލެންޑްސްގެ ހަދިޔާއެއް

21 ޖޫން 2021 - 23:46 0

އަމްސްޓެޑަމް (ޖޫން 21) - ވިހި އަހަރަށް ފަހު ނޯތު މެސެޑޯނިއާގެ ފުޓްބޯޅަ ލެޖެންޑް ގޯރާން ޕަންޑޭވް ގައުމީ ޓީމަށް މިރޭ ކުޅުން ހުއްޓާލިއިރު، ނެދަލެންޑްސް އިން އޭނާ އަށް ހާއްސަ ހަދިޔާއެއް ދީފި އެވެ.

ނެދަލެންޑްސްގެ ޔޯހަން ކްރައިފް އެރީނާގައި މިރޭ ކުޅުނު މެޗުގެ ކުރިން ޕަންޑޭވަށް ވަނީ ނެދަލެންޑްސްގެ 122 ނަމްބަރާ އެކު ޕަންޑޭވްގެ ނަން ޖަހައިފައިވާ ޖޯޒީއެއް ހަދިޔާކޮށްފަ އެެވެ. މި 122 އަކީ ނޯތު މެސެޑޯނިއާ އަށް ޕަންޑޭވް ކުޅެދިން މެޗުތަކުގެ އަދަދެވެ. އޭނާ ވަނީ އެ މެޗުތަކުގައި އެ ޓީމަށް 38 ގޯލު ޖަަހައިދީފަ އެވެ.

މި މެޗަށް ނުކުތުމުގެ ކުރިން ޕަންޑޭވް ވަނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. މެޗަށް ފަހު އޭނާ ދަނޑު ފައިބައިގެން ދިޔައީ ވަރަށް ބޮޑު މާޔޫސްކަމަކާ އެކީ އެވެ. ދެ ޓީމުގެ ކުޅުންތެރިންނާއި ދަނޑަށް ވަދެ ތިބި 15،227 ސަޕޯޓަރުން ވަނީ އޭނާ އަށް ތަރުހީބު ދީފަ އެވެ.

ޕަންޑޭވް ދަނޑުން ފައިބައިގެން ދަނީ.


ޕަންޑޭވް ވަނީ މީގެ ކުރިން 2013 ވަނަ އަހަރު ނޯތު މެސެޑޯނިއާ ފުޓްބޯޅަ ފެޑެރޭޝަނާ އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އެކަމަކު 2015 ވަަނަ އަހަރު ނޯތު މެސެޑޯނިއާ ކޯޗުކަމާ މިހާރު ވެސް އެ މަގާމުގައި ހުރި އީގޯ އަންޖެލޮސްކީ ހަވާލުވުމަށް ފަހު ވަނީ އަލުން ޕަންޑޭވް ގައުމީ ޓީމަށް ގެނެސްފަ އެވެ. މި ފަހަރުގެ ޔޫރޯ އަށް ނޯތު މެސެޑޯނިއާ ކޮލިފައިކޮށްދީ މުބާރާތުގައި ވެސް ފުރަތަމަ ލަނޑު ޖެހީ އޭނާ އެވެ.

އަންނަ މަހު 38 ވަނަ އުފަން ދުވަސް ފާހަގަކުރަން ތައްޔާރުވަމުން އަންނަ ޕަންޑޭވް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އޭނާ އެތައް އަހަރެން ވަންދެން ދެކެމުން އައި އެއް ހުވަފެން ހަގީގަތަކަށް ހަަދައިފަ އެވެ. އެއީ ބޮޑު މުބާރާތެއްގައި ނޯތު މެސެޑޯނިއާ ގޮވައިގެން ވާދަކުރުމެވެ. އޭނާ ދެން ދެކެން ބޭނުންވާ ކަމަކީ މިހާރު އޮތް ނޯތު މެސެޑޯނިއާގެ ޒުވާން ކުޅުންތެރިންތައް ކުރިއަރައިގެން ގޮސް އެ ގައުމު ވޯލްޑް ކަޕެއްގައި ކުޅުމެވެ.

"މި ކަހަލަ ބޮޑު މުބާރާތަކުން ގައުމީ ޓީމުން ރިޓަޔާކުރެވުމަކީ އެންމެ ހާއްސަ އުފާ. އަހަރެން ވަރަށް ހިތްހަމަޖެހިގެން މި ހުރީ މި މުބާރާތުގައި ނޯތު މެސެޑޯނިއާ ކުޅުނީމަ. މިއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތު. މިހާރު ތިބި ނޯތު މެސެޑޯނިއާގެ ޒުވާން ކުޅުންތެރިން މި ޓީމު ކުރިއަށް ގެންގޮސް ވޯލްޑް ކަޕަކާ ހަމައަށް ވެސް ދެވިދާނެ،" ޕަންޑޭވް ބުންޏެވެ.

ނެދަލެންޑްސް އަތުން މިރޭ 3-0 އިން ބަލިވެ، ނޯތު މެސެޑޯނިއާ ފުރަތަމަ ފަހަރަށް ޔޫރޯގައި ކުޅެ ގްރޫޕް ސްޓޭޖުން ކެޓީ ޕޮއިންޓެއް ނުލިބި އެވެ.

ކްލަބް ކެރިއަރުގައި ޕަންޑޭވް ވަނީ ހޯސޭ މޮރީނިއޯގެ އިންޓަ މިލާނުގައި ހުރެ 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި އިޓާލިއަން ލީގު އަދި އިޓާލިއަން ކަޕްގެ އިތުރުން ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. އޭނާ މިހާރު ކުޅެމުން އަންނަ ޖެނޯއާއާ ގުޅުނީ 2015 ވަނަ އަހަރު އެވެ.