Advertisement

ނެދަލެންޑްސްގެ ރެކޯޑް ކުރިއަށް، އޮސްޓްރިއާ ފުރަތަމަ ފަހަރަށް ދެ ވަނަ ބުރަށް

21 ޖޫން 2021 - 22:52 0

ލަނޑު ޖެހުމަށް ފަހު އޮސްޓްރިއާ ކުޅުންތެރިން އުފާފާޅުކުރަނީ.


ނެދަލެންޑްސްގެ ރެކޯޑް ކުރިއަށް، އޮސްޓްރިއާ ފުރަތަމަ ފަހަރަށް ދެ ވަނަ ބުރަށް

21 ޖޫން 2021 - 22:52 0

ބުކަރެސްޓް (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސް އިން 3-0 އިން ނޯތު މެސެޑޯނިއާ ބަލިކޮށް ފުރިހަމަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލިއިރު، ޔޫކްރެއިން އަތުން 1-0 އިން މޮޅުވެ، އޮސްޓްރިއާ އިން ފުރަތަމަ ފަހަރަށް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ގްރޫޕްގެ ފަހު މެޗުތަކަށް މިރޭ ނުކުތްއިރު ވެސް ނެދަލެންޑްސް އޮތީ މި ގްރޫޕްގެ ވަނައިގެ ގޮތުގައި އަނެއް ބުރުގެ ޖާގަ ޔަގީންކޮށްފަ އެވެ. އެ ޓީމު ގްރޫޕް ސްޓޭޖު ނިންމާލީ ތިން މޮޅާ އެކު ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔައީ ހަ ޕޮއިންޓް ހޯދި އޮސްޓްރިއާ އެވެ. ތިން ވަނަ އަށް ދިޔަ ޔޫކްރެއިން އަށް ތިން ޕޮއިންޓް ލިބުނެވެ. އެ ޓީމުން ދެ ވަނަ ބުރުގެ ޖާގަ ހޯދާނަމަ ޖެހޭނީ އިންތިޒާރުކުރާށެވެ. އެ ޓީމަށް ދެ ވަނަ ބުުރުން ފުރުސަތު ލިބޭނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ރޭންކިންގެ ތެރެއިން ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

އެންމެ ފުލަށް ދިޔައީ މުޅިން އަލަށް މި ފަހަރުގެ ޔޫރޯގައި ކުޅުނު ނޯތު މެސެޑޯނިއާ އެވެ. އެ ޓީމާއި ތުރުކީ އަކީ މި ފަހަރުގެ ޔޫރޯ އިން ޕޮއިންޓެއް ވެސް ނުލިބި ކެޓި ދެ ޓީމެވެ.

މި ފަހަރުގެ މުބާރާތުގެ ކުރިން އޮސްޓްރިއާ އިން ވާދަކުރި ދެ ޔޫރޯ (2008 އާއި 2016) ގައި ވެސް އެ ޓީމު ކެޓީ މޮޅެއް ނުލިބި އެވެ. މިރޭ އެއްވަރުކޮށްލައިގެން ވެސް އަނެއް ބުރުން ފުރުސަތު ލިބެން އޮތް ޔޫކްރެއިންގެ މައްޗަށް އޮސްޓްރިއާ އިން ކުރިހޯދީ މޮޅަށް ކުޅެގެންނެވެ. މިއީ އޮސްޓްރިއާ ޔޫރޯގައި ހޯދި ދެ ވަނަ މޮޅެވެ.

މިއީ އޮސްޓްރިއާ އިން ޔޫރޯގެ ދެ ވަނަ ބުުރުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެ ޓީމުން ދެ ވަނަ ބުރުގައި ކުޅޭނީ ގްރޫޕް އޭގެ އެއް ވަނަ އަދި މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ އިޓަލީއާ އެވެ. މިއީ 1954 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު އޮސްޓްރިއާ އިން ބޮޑު މުބާރާތުގެ ނޮކައުޓް މެޗެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗަށް ނުކުތްއިރު އޮސްޓްރިއާ އަށް އޮތް ހިތްހަަަމަޖެހުމަކީ ސަސްޕެންޝަނުން ސަލާމަތްވެ، އެ ޓީމުގެ ފޯވާޑް މާކޯ އާނައޮޓޮވިޗަށް ކުޅެވުމެވެ. ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ، ގިނަ ފުރުސަތުތަކެއް އޮސްޓްރިއާ އިން ހޯދި އެވެ.

އޮސްޓްރިއާ އިން މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ މެޗުގެ 21 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ކްރިސްޓޮފް ބޯމްގާޓްނާ އެވެ. ޑޭވިޑް އަލަބާ ނެގި ކޯނަރަކުން ބޯމްގާޓްނާ މި ގޯލު ޖެހީ ޔޫކްރެއިން ޑިފެންޑަރުންނަށް ވުރެ ކުރިން ފައިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭނާ އަކީ މި ފަހަރުގެ ޔޫރޯގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އުމުރަކީ 21 އަހަރު 324 ދުވަހެވެ. ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އިތުރަށް ކުޅެވޭގޮތް ނުވާތީ އޭނާ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަދަލުކޮށްފަ އެވެ.

ޔޫކްރެއިނަށް ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ މިކޯލާ ޝަޕަރެންކޯ އެވެ. އޭނާ ޖެހި ޝޮޓް އޮސްޓްރިއާގެ ކީީޕަރު ޑެނިއަލް ބަކްމަން ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގައި އޮސްޓްރިއާ އަށް އިތުރު ލަނޑު ޖަހަން ގިނަ ހުސް ފުރުސަތުތަކެއް ލިބުނެވެ. އެންމެ ރަނގަޅު ފުރުސަތު ލިބުނީ 41 ވަނަ މިނިޓްގައި އާނައޮޓޮވިޗަށެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އަދި ފަހުން އެ ޓީމުގެ މާސެލް ސަބީޓްޒާ އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވައިނުލެވުނެވެ.

ދެ ވަނަ ހާފަށް ނުކުމެ ޔޫކްރެއިނުން ކުރިއަށް ޖެހިގެން އެޓޭކްތަކެއް ކުރަން މަސައްކަތްކުރި ނަމަވެސް ލަނޑެއް ޖެހޭނެ ގޮތެއްނުވި އެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް އޮސްޓްރިއާ އިން އެޓޭކަށް ދާ ބޯޅަތައް ރަނގަޅަށް ބޭނުން ކުރެވޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ. އެކަމަކު އިތުރު ގޯލެއް ނުޖެހުނެވެ.

ނޯތު މެެސެޑޯނިއާގެ ގޯލްކީޕަރު ޑިމިޓްރިއޭވްސްކީ (ވ) ކައިރިން ނެދަލެންޑްސްގެ ޑިޕާއި އުފާފާޅުކުރަނީ.


މިރޭގެ މެޗަށް ނުކުތްއިރު ވެސް ކަޓާފައިވާ ނޯތު މެސެޑޯނިއާ އިން މެޗު ފަށައިގެން ޑިފެންސް ރޫޅައިނުލައި ރަނގަޅަށް ކުޅުނެވެ. އެކަމަކު އެ ޓީމު ކިރިޔާ ކުރިއަށް ޖެހިލައި އެޓޭކްކުރަން މަސައްކަތް ކުރަން ފެށުމާ އެކު ނެދަލެންޑްސް އިން ލީޑުނެގި އެވެ. މި ގޯލު ޖެހީ މެޗުގެ 24 ވަަނަ މިނިޓްގައި މެމްފިސް ޑިޕާއި އެވެ. ދާދި ފަހުން ބާސެލޯނާ އަށް ސޮއިކުރި ޑިޕާއި މި ގޯލު ޖެހީ ޑޮންޔެލް މާލިން ދިން ބޯޅައަކުންނެެވެ. މި ގޯލުގައި މި ދެ ކުުޅުންތެރިންގެ ކޮމްބިނޭޝަން ވަރަށް ރަނގަޅަށް ފެނިގެންދިޔަ އެެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޯތު މެސެޑޯނިއާގެ އިވާން ޓްރިކޯވްސްކީ ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ ގޯލު ބަލައިނުގަންނަން ނިންމައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މާގިނަ އިރެއްނުވެ ނެދަލެންޑްސް އިން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެެވެ. ހަތް މިނިޓް ތެރޭ މި ދެ ގޯލު ޖެހީ ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ. ދެ ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ޑިޕާއި އެވެ.

ދާދި ފަހުން ޕީއެސްޖީ އަށް ސޮއިކުރި ވައިނަލްޑަމް ޖެހި މި ދެ ގޯލާ އެކު އޭނާ ވަނީ ނެދަލެންޑްސް އަށް 25 ގޯލު ހަމަކޮށްދީފަ އެވެ. އަދި އެ ގައުމުގެ ލަނޑު ލިސްޓުގައި މާކޯ ވެން ބާސްޓެން އާއި ޑާކް ކައުޓަށް ވުރެ ކުރިއަށް ޖެހިލައިފަ އެވެ.

މިއީ 2008 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު ނެދަލެންޑްސް ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ދެ ވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމުން މި ފަހަރުގެ ޔޫރޯގައި މި ކުޅެނީ އެއް ފަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ އަށް ނެދަލެންޑްސް ކޮލިފައިނުވެ އެވެ.