Advertisement

އެމްބިއުލޭންސްގެ ހިދުމަތް ދޭނެ މުއައްސަސާއެއް އުފައްދަނީ

21 ޖޫން 2021 - 17:04 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ހެލްތު މިނިސްޓަރު ނަސީމް: ވިދާޅުވީ އެމްބިއުލޭންސް ދުއްވަންޖެހޭނީ މިނިވަން މުއައްސަސާއަކުން ކަމަށް -- ފޮޓޯ: އަދަދު ފައިލް


އެމްބިއުލޭންސްގެ ހިދުމަތް ދޭނެ މުއައްސަސާއެއް އުފައްދަނީ

21 ޖޫން 2021 - 17:04 0

އެމްބިއުލޭންސްގެ ހިދުމަތް ދިނުމަށް ވަކި ހާއްސަ މިނިވަން މުއައްސަސާއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްބިއުލޭންސް ހިދުމަތް ދިނުމަށް ވަކި މުއައްސަސާއެއް ހަދަން މަސައްކަތް ކުރައްވާ ކަމަށް ނަސީމް ވިދާޅުވެފައި ވަނީ އެމްބިއުލޭންސް އައުން ލަސްވެގެން ކޮވިޑް-19 ގައި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުވި މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ހާޒިރު ކުރެއްވުމުންނެވެ.

"އަސްލު ހަގީގަތުގައި އެމްބިއުލޭންސް ހިދުމަތާ ބެހޭ ވަކި މުއައްސަސާއެއް އެބަ އުފެދެންޖެހޭ. ހެލްތު މިނިސްޓްރީއަކުން އެކަމެއް ނުކުރެވޭނެ. އެ މުއައްސަސާ އުފެއްދުމަށް ވެސް އަޅުގަނޑު މިހާރު މި ދަނީ މަސައްކަތް ކުރަމުން،" ނަސީމް ވިދާޅުވި އެވެ.

އެމްބިއުލޭންސް ހިދުމަތްދޭނެ މުއައްސަސާއެއް އުފެއްދުމަށް ފައިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވާ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

"މިއަދު ވެސް އަޅުގަނޑު މި އައީ ފިނޭންސް މިނިސްޓްރީގައި އެ ވާހަކަތައް ދައްކާފައި. އެ މުއައްސަސާ އުފައްދަންޖެހޭ ކަމާއި އެ މުއައްސަސާގެ ބޭނުމާ، މި ހުރިހާ ކަންކަމާ ގުޅޭ ގޮތުން. ފިނޭންސް މިނިސްޓަރު ވެސް އަޅުގަނޑާ އެއްބަސްވެވަޑައިގެންނެވި،" ނަސީމް ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެމްބިއުލޭންސް ހިދުމަތްދޭނެ މުއައްސަސާ ވާނީ ހިދުމަތެއް ފޯރުކޮށްދޭ މިނިވަން މުއައްސަސާއަކަށް ކަމަށެވެ.

"އެކަމަށް ވަކި ހާއްސަ ޔުނިޓެއް އިންނަންޖެހޭ އަދި އެ ޔުނިޓަކީ އިންޑެޕެންޓެންޑް ޔުނިޓަކަށްވާންޖެހޭ. އެއީ ވިޔަފާރި ކުންފުންޏެއް ނޫން. ނަމަވެސް ހިދުމަތެއް އަދާ ކުރާ އެންޓިޓީއަކަށްވާނީ،" އޭނާ ވިދާޅުވި އެވެ.

މިޝްކާގެ މަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ތަހުގީގު ކުރުމަށްފަހު ބުނެފައި ވަނީ އޭނާ ހާލުބޮޑުވެގެން ބެލެނިވެރިން އެހީއަށް އެދެމުންދިޔައިރު ވެސް މިޝްކާއަށް އެޓެންޑުވުމަށް ހުރިހާ މަރުހަލާއެއްގައި ވެސް ލަސްތަކެއް ހުރި ކަމަށެވެ.

"ހަމަ މިއާ އެކު އެޗްއީއޯސީގެ ކޯލް ސެންޓަރުންް ކޯލްތަކަށް ޖަވާބުދެއްވި ފަރާތްތަކުން ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އަދި ބަދަލު ދެނެގަނެވިފައި ނެތް ކަމާއި އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައެއް ނުވޭ،" މިނިސްޓްރީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ.