Advertisement

އުރުގުއޭ ބަލިކޮށް އާޖެންޓީނާ އަށް ފުރަތަމަ މޮޅު

19 ޖޫން 2021 - 07:52 0

އުރުގުއޭ ދެ ކުޅުންތެރިން ކައިރިން މެސީ (މ) ބޯޅަ ހިފައިގެންދަނީ.


އުރުގުއޭ ބަލިކޮށް އާޖެންޓީނާ އަށް ފުރަތަމަ މޮޅު

19 ޖޫން 2021 - 07:52 0

ބްރެޒީލިއާ (ޖޫން 19) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިއަދު އުރުގުއޭ 1-0 އިން ބަލިކޮށް އާޖެންޓީނާ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ކުޅުނު ފުރަަަތަަމަ މެޗުން އާޖެންޓީނާ ވަނީ ޗިލީއާ 1-1 އިން އެއްވަރުވެފަ އެވެ. އެހެންވެ، އުރުގުއޭއާ ދެކޮޅަށް ނުކުތްއިރު އޮތީ މޮޅެއް ހޯދުން މުހިއްމު ވެފަ އެވެ.

އެސްޓަޑިއޯ ނަސިއޮނާލް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް އެޓޭކް ކުރެވޭތޯ މަސައްކަތްކުރަމުން ދިޔައިރު އާޖެންޓީނާ އިން ވަނީ މެޗުގެ 13 ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. ކޯނަރަކުން ރޮޑްރީގޯ ޑެ ޕޯލް އަވަސްކޮށްލާފައި ލިއޮނަލް މެސީ އަށް ދިން ބޯޅަ ގޯލު ކުރިމައްޗަށް ހުރަަސްކޮށްލުމުން ގީޑޯ ރޮޑްރީގޭޒް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެެވެ.

އާޖެންޓީނާ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 27 ވަނަ މިނިޓްގައި ނިކޮލަސް ގޮންޒާލޭޒް ޖެހި ބޯޅަ އުރުގުއޭގެ ކީޕަރު ފެނާންޑޯ މުސްލޭރާ ވަނީ މަތަކޮށްފަ އެވެ.

ފުރަަތަމަ ހާފުގައި އުރުގުއޭ އިން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަަވަސްކުރެވޭތޯ މަސައްކަތްތަކެއް ކޮށް ހަމަލާތަކެއް ވެސް އުފެއްދި އެވެ. އެޑިންސަން ކަވާނީ އާއި ރޮޑްރީގޯ ބެންޓަންކޫރް ޖެހި ބޯޅަތައް ދިޔައީ ގޯލާސީދާނުވެ އެވެ. ދެ ވަނަ ހާފްގައި އުރުގުއޭގެ ލުއިސް ސުއަރޭޒް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނުއިރު، އޭނާ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފަސް ޓީމު ކޮންމެ ގްރޫޕެއްގައި ވާދަކުރާއިރު، ހަތަރު ޓީމެއް އަނެއް ބުރަށް ހޮވޭނެ އެވެ. ގްރޫޕް އޭގެ އެއް ވަނަައިގައި އޮތީ ބޮލިވިއާ އަތުން 1-0 އިން މޮޅުވި ޗިލީ އެވެ. ޗިލީ އާއި އާޖެންޓީނާ އަށް ވެސް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޕެރަގުއޭ ތިން ވަނައިގައި ދެ މެޗުން ތިން ޕޮއިންޓާ އެކު އޮތްއިރު، ހަތަރެއްގައި އޮތް އުރުގުއޭ އާއި ފަސް ވަނައިގައި އޮތް ބޮލިވިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.