Advertisement

އަނިޔާގެ ސަބަބުން ނޭމާ އަށް ކޮޕަ އެމެރިކާވެސް ނުކުޅެވޭނެ

20 ޑިސެންބަރު 2023 - 16:25 0


އަނިޔާގެ ސަބަބުން ނޭމާ އަށް ކޮޕަ އެމެރިކާވެސް ނުކުޅެވޭނެ

20 ޑިސެންބަރު 2023 - 16:25 0

ރިއޯ ޑި ޖަނެއިރޯ (ޑިސެމްބަރު 20) - ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ބްރެޒިލްގެ ތަރި ނޭމާ އަށް އަންނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި ނުކުޅެވޭނެ ކަމަށް ބްރެޒިލް ޓީމުގެ ޑޮކްޓަރުން ބުނެފި އެވެ.

ނޭމާގެ ކަކުލަށް އަނިޔާވީ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި ބްރެޒިލް އާއި އުރުގުރޭ ވާދަކުރި މެޗުގަ އެވެ. މެޗުގެ ފަހުން ހެދި ޓެސްޓުތަކުން ނޭމާގެ ވާތު ފައިގެ ކަކުލުގެ އޭސީއެލްގެ އިތުރުން މެނިސްކަސް އަށް އަނިޔާވެފައިވާކަން އެނގުނެވެ. އަދި މި އަނިޔާއާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު ނޭމާ ކަކުލުގެ އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ.

ބްރެޒިލް ޓީމުގެ ޑޮކްޓަރު ރޮޑްރީގޯ ލަސްމާރް ބުނީ ނޭމާއަށް އަންނަ އަހަރުގެ ކޮޕަ އެމެރިކާ މުބާރާތް ކުޅެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ.

"އަދި މާ އަވަސް އެއްޗެއް ބުނަން. ކަންކަން އަވަސްއަރުވާލަން ބޭނުމެއް ނޫން. ނޭމާގެ ރިކަވަރީ ގެންދާނީ އެ މަގުން. ހީވާ ގޮތުގައި ނުވަ މަހާއި އެގާރަ މަސް ރިކަވަރީއަށް ނަގާނެ." ކަމަށް ރޮޑްރީގޯ ބުންޏެވެ.

އަންނަ ޖޫން މަހު އެމެރިކާގައި ހޯސްޓް ކުރާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ބެލެވިފައިވަނީ ގައުމީ ޓީމާ އެކު ނޭމާ ކުޅޭނެ ފަހު މުބާރާތް ކަމަށެވެ. އެންމެ ފަހުން ބޭއްވި ކޮޕާ އެމެރިކާގެ ފައިނަލަށް ބްރެޒިލް ދަތުރުކުރިއިރު، އެ މުބާރާތުގެ ފައިނަލަށް ދިޔުމުގައި ނޭމާގެ ހިއްސާ ބޮޑެވެ.

ބާސެލޯނާ އާއި ޕީއެސްޖީގެ ކުރީގެ ފޯވާޑް ނޭމާ އަކީ އަނިޔާގެ މައްސަލަ ބޮޑު ކުޅުންތެރިއެކެވެ. އޭނާ ކުރިން ކުޅުނު ދެ ކުލަބުގައި ވެސް އަނިޔާގެ މައްސަލަތަކުގެ ސަބަބުން ސީޒަންގެ ގިނަ މެޗުތަކެއް ގެއްލެ އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕީއެސްޖީ އަށް ނޭމާ ބަދަލުވިފަހުން އެ ކުލަބަށް ކުޅުނު ހަ ސީޒަނުގައި އަނިޔާގެ ސަބަބުން 100 އަށް ވުރެ ގިނަ މެޗު ނޭމާ އަށްވަނީ ގެއްލިފަ އެވެ.

މި ފަހަރު ނޭމާ އަށް މި ލިބުނު އަނިޔާ އަކީ އޭނާގެ ކަކުލަށް ލިބުނު އެންމެ ސީރިއަސް އަނިޔާ އެވެ. މީގެ ކުރިން އޭނާގެ ފައިގެ ކުޑަ ހުޅަށް ގިނަ އަނިޔާތަކެއް ލިބިފައިވާއިރު، ފައިތިލައިގެ ކަށިގަނޑުވެސް ދެ ފަހަރެއްގެ މަތިން ބިންދައިގެން ދިޔަ އެވެ. މީގެ އިތުރުން އޭނާގެ ބުރަކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން 2014ގެ ވޯލްޑް ކަޕްގެ މުހިންމު މެޗުތަކެއް ގެއްލުނުއިރު، މޭކަށިގަނޑަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން ޕީއެސްޖީގެ މުހިންމު މެޗުތަކެއްވެސް ގެއްލުނެވެ.