Advertisement

13 އަހަރަށް ފަހު ނެދަލެންޑްސް ދެ ވަނަ ބުރަށް

18 ޖޫން 2021 - 01:52 0

ލަނޑު ޖެހުމަށް ފަހު ނެދަލެންޑްސްގެ ޑިޕާއި (ވ) އާއި ވޭގޯސްޓް އުފާފާޅުކުރަނީ.


13 އަހަރަށް ފަހު ނެދަލެންޑްސް ދެ ވަނަ ބުރަށް

18 ޖޫން 2021 - 01:52 0

އަމްސްޓެޑަމް (ޖޫން 18) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އޮސްޓްރިއާ އަތުން 2-0 އިން މޮޅުވެ, ނެދަލެންޑްސް 13 އަހަރަށް ފަހު ޔޫރޯގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ނެދަލެންޑްސް އޮތީ ގްރޫޕް ސީގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޔޫކްރެއިނާއި ތިން ވަނައިގައި އޮތް އޮސްޓްރިއާ އަށް ވެސް އޮތީ ތިން ޕޮއިންޓް ލިބިފަ އެވެ. ގްރޫޕްގެ ފުލުގައި އޮތީ ދެ މެޗުން ޕޮއިންޓެއް ނުލިބި އޮތް ނޯތު މެސެޑޯނިއާ އެެވެ. ފަހު މެޗުގައި އޮސްޓްރިއާ ކުޅޭނީ ޔޫކްރެއިނާ އެވެ. އަދި ނެދަލެންޑްސް ބައްދަލުކުރާނީ ނޯތު މެސެޑޯނިއާއާ އެވެ.

ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ އަށް ނެދަލެންޑްސް ކޮލިފައިނުވެ އެވެ. ޕޮލެންޑާއި ޔޫކްރެއިންގައި 2012 ވަނަ އަހަރު ބޭއްވި ޔޫރޯ އިން ނެދަލެންޑްސް ކެޓީ ގްރޫޕް ސްޓޭޖުން ޕޮއިންޓެއް ނުލިބި އެވެ. އެ ޓީމު އޮތީ ޕޯޗުގަލް، ޖަރުމަނު އަދި ޑެންމާކާ އެކު ގްރޫޕް ބީގަ އެވެ. އެ ފަހަރު ނެދަލެންޑްސް ވީ ތިން މެޗުން ވެސް ބައްޔެވެ.

އޭގެ ކުރިން 2008 ވަނަ އަހަރު އޮސްޓްރިއާ އާއި ސްވިޒަލެންޑްގައި ބޭއްވި ޔޫރޯގައި ނެދަލެންޑްސް ވަނީ ގްރޫޕް ސްޓޭޖުގައި އިޓަލީ އާއި ފްރާންސް އަދި ރުމޭނިއާ ބަލިކުރުމަށް ފަހު ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. އެކަމަކު ދެ ވަނަ ބުރުގައި އިތުރު ވަގުތު ކުޅެގެން ރަޝިއާ އަތުން ބަލިވެ, މުބާރާތުން ކެޓީ އެވެ.

ނެދަލެންޑްސް އިން މިރޭގެ މެޗަށް ނުކުތްއިރު އެ ޓީމަށް އޮތް ހިތްހަަމަޖެހުމަކީ އަނިޔާގެ ސަބަބުން ފުރަތަމަ މެޗު ގެއްލުނު މަތައިސް ޑި ލިޓް މި މެޗަށް ފިޓްވުމެެވެ. ނަސްލީ ގޮތުން ނޯތު މެސެޑޯނިއާގެ ކުޅުންތެރިއަކާ ދިމާކޮށްލި މައްސަލައިގައި އޮސްޓްރިއާގެ ފޯވާޑް މާކޯ އާނައޮޓޮވިޗް ހުރީ ސަސްޕެންޝަނެއްގަ އެވެ.

ޔޯހަން ކްރައިފް އެރީނާގައި މިރޭ ކުޅުނު މެޗުގެ 11 ވަނަ މިނިޓްގައި ނެދަލެންޑްސް އަށް ލީޑުނަަގައިދިނީ މެމްފިސް ޑިޕާއި އެވެ. މިއީ ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް އަށް އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ޗެކްކުރުމަށް ފަހު އަދި ދަނޑުގައި ކައިރި މޮނީޓަރުން ވެސް ބެލުމަށް ފަހު އެވެ.

ލީޑުފުޅާކުރަން ފުރަތަމަ ހާފުގައި ނެދަލެންޑްސްގެ ކެޕްޓަން ޖިއޮޖީނިއޯ ވައިނަލްޑަމް ޖެހި ބޯޅަ އޮސްޓްރިއާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ފަހުން ނެދަލެންޑްސްގެ ފޯވާޑް ވައުޓް ވޭގޯސްޓް ދިން ބޯޅައަކުން އޭރިއާތެރެއިން ޑިޕާއި ޖެހި ޝޮޓް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ނެދަލެންޑްސް އިން ދެ ވަނަ ހާފްގައި ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުކުރީ 66 ވަނަ މިނިޓްގަ އެވެ. ޑިޕާއި ހުސްކޮށްލާފައި ޑޮންޔެލް މާލިން އަށް ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ އޭނާ އެ ބޯޅަ ދިނީ ދެން އެޓޭކަށް އަރައި ހުރި ޑަމްފްރީސް އަށެވެ. އޭނާ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިއީ ނެދަލެންޑްސް ގައުމީ ޓީމަށް ޖެހިޖެހިގެން ދެ މެޗުގައި ޑަމްފްރީސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މި މުބާރާުތުގައި ނެދަލެންޑްސް ކުޅުނު ފުރަތަމަ މެޗުން ޔޫކްރެއިން އަތުން ނެދަލެންޑްސް މޮޅުކޮށްދިން ގޯލު ޖެހީ ވެސް ޑަމްފްރީސް އެވެ. މި ފަހަރުގެ ޔޫރޯގެ ކުރިން ނެދަލެންޑްސް ގައުމީ ޓީމަށް ކުޅުނު 19 މެޗުން ޑަމްފްރީސް ލަނޑެއް ނުޖަހަ އެވެ.

މެޗުގެ ބޮޑުބައިގައި އޮސްޓްރިއާ އިން ގޯލާ ސީދާކޮށް ޝޮޓެއް ފޮނުވާނުލެވުނު ނަމަވެސް މެޗުގެ 81 ވަނަ މިނިޓްގައި އަލަބާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ ފަހުން އޮސްޓްރިއާ އިން ފޮނުވާލި ބޯޅަތައް .ނެދަލެންޑްސްގެ 38 އަހަރުގެ ކީޕަރު މާޓިން ސްޓެކެލެންބާގް ވަނީ މަތަކޮށްފަ އެވެ.

މިރޭގެ މޮޅާ އެކު ނެދަލެންޑްސް އިން ވަނީ އޮސްްޓްރިއާއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅުވެފަ އެވެ.

ނެދަލެންޑްސް އަކީ މި ފަހަރުގެ ޔޫރޯ ދެ ވަނަ ބުރުން ޖާގަ ކަށަވަރުކުރި ތިން ވަނަ ޓީމެވެ. މީގެ ކުރިން ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފުރުސަތު ހޯދީ އިޓަލީ އާއި ބެލްޖިއަމް އިންނެވެ.