Advertisement

25 ދުވަސް ތެރޭ ގަޓޫސޯ އަށް ދެ ވަޒީފާ ގެއްލިއްޖެ

17 ޖޫން 2021 - 16:02 0


25 ދުވަސް ތެރޭ ގަޓޫސޯ އަށް ދެ ވަޒީފާ ގެއްލިއްޖެ

17 ޖޫން 2021 - 16:02 0

ފްލޮރެންސް (ޖޫން 17) - މި ނިމުނު ސީޒަނަށް ފަހު ނަޕޯލީގެ ކޯޗުކަމުން ވަކިކުުރުމުން ފިއޮރެންޓީނާއާ ހަވާލުވި އިޓަލީގެ ކޯޗު ޖެނާރޯ ގަޓޫސޯ އަށް 25 ދުވަސްތެރޭ ދެ ވަޒީފާ ގެއްލިއްޖެ އެވެ.

ފިއޮރެންޓީނާ އިން ގަޓޫސޯ އެ ޓީމުގެ ކޯޗަކަށް ގެނައީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އޭގެ ދެ ދުވަސް ކުރިން ގަޓޫސޯ އަށް ވަނީ އޭނާ ކުރިން ހުރި ނަޕޯލީގެ ކޯޗުކަން ގެއްލިފަ އެވެ. މިއަދު ފިއޮރެންޓީނާގެ ކޯޗުކަން ގެއްލުމާ އެކު ދެ ޓީމުގެ ވަޒީފާ ގާތްގާތުގައި ގެއްލުނީ އެވެ.

ނަޕޯލީން މިދިޔަ ސީޒަނުގެ ފަހު ދުވަހު ގަޓޫސޯ ވަކިކުރީ އިޓާލިއަން ލީގުގެ ގަދަ ހަތަރެއްގައި އެ ޓީމަށް ނުނިންމުމުންނެވެ.

ގަޓޫސޯ، ރަސްމީކޮށް ފިއޮރެންޓީނާގެ މަސައްކަތްތައް ފަށަން އޮތީ އަންނަ މަހު އެއް ވަަނަ ދުވަހު އެވެ. އެކަމަކު އޭގެ ކުރިން މިއަދު ވަނީ ވަޒީފާ ގެއްލިފަ އެވެ.

އުމުރުން 43 އަހަރުގެ ގަޓޫސޯ ގެނައުމަށް ފަހު ފިއޮރެންޓީނާ އިން ގިނަ ޕްލޭންތަކެއް ހެދި އެވެ. އެކަމަކު މަގާމާ ހަވާލުވިތާ 23 ދުވަސްތެރޭ ގަޓޫސޯ އަށް އެ ޓީމުގެ ވަޒީފާ ގެއްލުނީ އޭނާ ވެސް އެ ގޮތަށް އެދޭތީ ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިޓަލީގެ މަޝްހޫރު މީޑިއާތަކުން ގަޓޫސޯގެ އޭޖެންޓް ޖޯޖް މެންޑޭޒްއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ގަޓޫސޯ ހިތްހަމަ ނުޖެހުނީ އަންނަ މަހު ޕްރެކްޓިސް ފަށަންވާއިރަށް އޭނާ ހުށަހެޅި ޓްރާންސްފާ ލިސްޓުގައި ތިބި މެޖޯރިޓީ ކުޅުންތެރިން ނުގެންނަން ފިއޮރެންޓީނާ ބޯޑުން ނިންމުމުންނެވެ.

ފިއޮރެންޓީނާ އިން ބޭނުންވީ ގަޓޫސޯ ހުށަހެޅި ޓްރާންސްފާ ލިސްޓުގައި ހުރި ކުޅުންތެރިންނަށް ވުރެ އަގުހެޔޮ ކުޅުންތެރިން ގެންނާށެވެ.

ކުރިން އޭސީ މިލާނާއި ނަޕޯލީ އަށް ކޯޗުކޮށްދިން ގަޓޫސޯ ގެންނަން ހުށަހެޅި ޓްރާންސްފާ ލިސްޓުގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިންނަކީ ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅެމުން އަންނަ ސާޖިއޯ އޮލިވޭރާ އާއި ވެލެންސިއާގެ ފޯވާޑް ގޮންކާލޯ ގުއޭޑޭޝް އެެވެ. މިއީ ގަޓޫސޯގެ އޭޖެންޓް މެންޑޭޒްގެ ކުންފުނިން ތަމްސީލްކުރާ ދެ ކުޅުންތެރިންނެވެ.

ގަޓޫސޯގެ ބަދަލުގައި ދެން ފިއޮރެންޓީނާ އިން އެ ޓީމު ހަވާލުކުރާނީ މަޝްހޫރު ގިނަ ޓީމުތަކުގައި މަސައްކަތްކުރި ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ ރަނިއޭރީއާ ކަަމަށް ރިޕޯޓްތައް ބުނެ އެވެ.