16 ޖޫން 2021 - 18:25 0
ލަނޑު ޖެހުމަށް ފަހު އާނައޮޓޮވިޗް (ކ) އުފާފާޅުކުރުމުގެ ތެރެއިން.
16 ޖޫން 2021 - 18:25 0
ޒިއުރިކް (ޖޫން 16) - އޮސްޓްރިއާގެ ފޯވާޑް މާކޯ އާނައޮޓޮވިޗް ލަނޑު ޖެހުމަށް ފަހު ނޯތު މެސެޑޯނިއާގެ ކުޅުންތެރިންނާ ނަަސްލީ ގޮތުން ދިމާކުރި މައްސަލައިގައި ޔުއެފާ އިން އޭނާ އަށް އަދަބުދީފި އެވެ.
ޔުއެފާ އިން މިއަދު ނިންމީ އާނައޮޓޮވިޗް އެއް މެޗަށް ސަސްޕެންޑް ކުރާށެވެ. މާދަމާރޭ އޮސްޓްރިއާ ކުޅޭނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. އެ މެޗުގައި އުމުރުން 32 އަހަރު އާނައޮޓޮވިޗަށް ނުކުޅެވޭނެ އެވެ.
އާނައޮޓޮވިޗް ވަނީ މައާފަށް އެދި އޭނާ އަކީ ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރުދޭ ފަދަ ކަމެއް ކުރާ މީހެއް ނޫން ކަމަށް ބުނެފަ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އާދިއްތަ ދުވަހުގެރޭ ނޯތު މެސެޑޯނިއާއާ ދެކޮޅަށް އާނައޮޓޮވިޗް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. އެ މެޗުން އޮސްޓްރިއާ މޮޅުވީ 3-1 އިންނެވެ.
ގޯލު ޖެހުމަށް ފަހު އާނައޮޓޮވިޗް ވަނީ ނޯތު މެސެޑޯނިއާގެ ދެ ކުޅުންތެރިންނާ ޒުވާބުކޮށްފަ އެވެ. އާނައޮޓޮވިޗް ދައްކަމުން ދިޔަ ވާހަކަތައް ހުއްޓާލަން އެންގީ އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ އެވެ. އަލަބާ އައިސް ހިފެހެއްޓީ އާނައޮޓޮވިޗްގެ އަނގައިގަ އެވެ.
އާނައޮޓޮވިޗްގެ އެ ވާހަކަތައް އަމާޒުކުރީ ނޯތު މެސެޑޯނިއާގެ ދެ ކުޅުންތެރިން ކަމަށްވާ އެގްޒޯން ބެއިޓުލާއި އާއި ޖާނީ އަލިއޯސްކީއާ ދިމާލަށެެވެ. އެ ދެ ކުޅުންތެރިންނަކީ ނޯތު މެސޯނިއާ އަށް ކުޅުނު ނަމަވެސް އަލްބޭނިއާ ދަރިކޮޅަށް ނިސްބަތްވާ ބައެކެވެ. އާނައޮޓޮވިޗްގެ އާއިލާގެ ބޮޑުބައި ނިސްބަތްވަނީ ސާބިއާ އަށެވެ. ސާބިއާ އާއި އަލްބޭނިއާ އަދި ނޯތު މެސެޑޯނިއާ އަކީ ގިނަ ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ގައުމުތަކެކެވެ. ހާއްސަކޮށް ކޮސޯވޯ މައްސަލައިގަ އެވެ.
ނޯތު މެސެޑޯނިއާ އިން އާނައޮޓޮވިޗް މައްސަލައިގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލިއޯސްކީއާ ދިމާލަށް އާނައޮޓޮވިޗް ދެއްކި ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ. އަދި ޔުއެފާ އަށް ނޯތު މެސެޑޯނިއާގެ ފަރާތުން ފޮނުވި ސިޓީގައިވާނީ އާނައޮޓޮވިޗަށް މި ކަމުގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް އެދިފައި ކަމަށް ނޯތު މެސެޑޯނިއާގެ ބަޔާނުގައިވެ އެވެ.
ކުރިން ޖަރުމަނު ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ ސްޓޯކް ސިޓީ އާއި ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނު އާނައޮޓޮވިޗަށް ވަނީ ކްލަބް ލެވަލްގައި ކުޅޭއިރު ވެސް އެކި އަހުލާގީ މައްސަލަތައް ދިމާވެފަ އެވެ.
Comment