Advertisement

އުތުރު ކޮރެއާއަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެއްޖެ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން.--


އުތުރު ކޮރެއާއަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެއްޖެ

ސޯލް، ދެކުނު ކޮރެއާ (ޖޫން 16) - އުތުރު ކޮރެއާއަށް ކާބޯތަކެތީގެ ދަތިކަން ދިމާވެފައިވާ ކަމަށް ލީޑަރު ކިމް ޖޮންގް އުން އެއްބަސްވެ ވަޑައިގެންފި އެވެ.

ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ވެސް އުތުރު ކޮރެއާއަށް ކާބޯތަކެތީގެ ދަތިކަން ދިމާވެ އެތައް ހާސް ބަޔަކު މަރުވެފައި ވެ އެވެ.

ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމާ ގުޅިގެން އަޅާފައިވާ ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެއާގެ އިގްތިސާދު އޮންނަނީ ބަލިކަށިވެފަ އެވެ.

އިގްތިސާދީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަވެފައިވަނީ އާބާދީއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ނުލިބޭ މައްސަލަ އެވެ.

މި މައްސަލަ ގޯސްވެފައި ވަނީ ކޮވިޑުގެ ބަލިމަޑުކަމާއި މޫސުން ގޯސްވެ ކުރިމަތިވި ތޫފާންތަކެއްގައި ފެންބޮޑުވުމުގެ ގިނަ ހާދިސާތަކެއް ހިނގާފައި ވާތީ އެވެ.

ކޭސީއެންއޭ ނިއުސް އޭޖެންސީން ބުނީ މި އަހަރު އިގްތިސާދު 25 ޕަސެންޓު ކުރިއަށް ޖެހިފައިވާ ކަމަށް ކޮމިއުނިސްޓް ޕާޓީގެ ބައްދަލުވުމެއްގައި ކިމް ވިދާޅުވި ކަމަށެވެ. ނަމަވެސް ގިނަ ގޮންޖެހުންތަކަކާ ދިމާވެ، ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާކަން ކިމް ފާހަގަކުރެއްވި އެވެ.

"މިދިޔަ އަހަރު އައި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުމާއެކު، ގޮވާން އުފެއްދުމަށް ކަނޑައެޅި ލަނޑުދަނޑިއަށް ވާސިލްވުމުގައި ފެއިލްވީ. އޭގެ ނަތީޖާއެއްގެ ގޮތުން އާއްމުންނަށް ކާބޯތަކެތި ލިބުމުގެ ދަތިކަން އެބަ ހުރި،" ކިމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ގިނަ ތޫފާންތަކެއް ކުރިމަތިވެ، ފެންބޮޑުވެ، ގެތަކާއި ދަނޑު ބިންތަކަށް ގެއްލުން ލިބުނުކަން ފާހަގަކުރައްވާ ކިމް ވިދާޅުވީ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރަން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ކޮވިޑުގެ ބަލިމަޑުކަން ދިގުދެމިގެންދާތީ އެކަން ވެސް ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީ ބައްދަލުވުމުގައި ކިމް ފާހަގަކުރެއްވި އެވެ.

އުތުރު ކޮރެއާގެ ސިއްހީ ނިޒާމުގައި އެކަށީގެންވާ ހިދުމަތްތައް ނުލިބޭއިރު، ބޭހުގެ ދަތިކަން ވެސް އިންތިހާއަށް އޮވެ އެވެ. ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފަށައިފި ނަމަ ބައިނަލްއަގްވާމީ މުޖުތަމައިން އެކަހެރިވެގެން އުޅޭ އެ ގައުމަށް ބޮޑު ގެއްލުމެއް ވާނެ އެވެ.

އުތުރު ކޮރެއާއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލޮކްޑައުން ހިންގަން ފެށީ ވައިރަސް އެންމެ ފުރަތަމަ ފެނުނު އަވައްޓެރި ޗައިނާގެ ބޯޑަރު ހުރަސްކޮށް އެ ގައުމަށް ވައިރަސް އެތެރެވެދާނެ ކަމަށް ބަލައިގެންނެވެ.

އުތުރު ކޮރެއާއިން ކޮވިޑުގެ ކޭސްއެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް ގައުމުން ބުނެ އެވެ. ނަމަވެސް އެއީ ހަގީގަތެއް ކަމާ މެދު އެނެލިސްޓުން ޝައްކު އުފައްދަ އެވެ.